ތިބާކުރި ޢަމަލުތައް ﷲ ގެ ޙަޟްރަތުން "ޑިލީޓް" ނުކޮށް ފޯނުން ޑިލީޓްކުރުމަކުން ކުރާނެ ފައިދާއެއް ނެތް-!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 39ސ
ތިބާކުރި ޢަމަލުތައް ﷲ ގެ ޙަޟްރަތުން "ޑިލީޓް" ނުކޮށް ފޯނުން ޑިލީޓްކުރުމަކުން ކުރާނެ ފައިދާއެއް ނެތް-!

މިހާރަކަށް އައިސް އެންމެ ގިނައިން މީހުން ޑިލީޓްކުރަނީ ފޯނުގެ ހިސްޓްރީއެވެ. މަސައްކަތުގައި ނުވަތަ އެނޫންވެސް ބޭނުމަކު ބޭރުގައި އުޅެފައި ގެއަށް ވަނުމުގެ ކުރިން ފޯނުގެ ހިސްޓްރީ ޑިލީޓްކުރެއެވެ. ގޭގައި އުޅެމުން ކަންކަން ކޮށްފައި ވަޤުތުން ޑިލީޓްކުރެއެވެ. އެފަދަ މީހުންނަށް އަބަދުވެސް އުޅެން ޖެހެނީ ޑިލީޓްކުރުމުގައެވެ. 

މިހާބޮޑު ސަމާލުކަމެއްދީގެން ޑިލީޓްމިކުރަނީ ކީއްވެގެން ހެއްޔެވެ؟ ހަމަ އެންމެ ބޭނުމަކު ނޫންހެއްޔެވެ؟ ފަހަރެއްގައިވެސް ތިމާކުރި ކަންކަން އެހެން މީހަކަށް ޚާއްޞަކޮށް ބައިވެރިޔާއަށް އެނގިދާނެތީ ނޫންހެއްޔެވެ؟ 

މީސްތަކުންނޭވެ! ފޯނުން ޑިލީޓްކުރެވިދާނެއެވެ. ފޯމެޓްކޮށް ދެން ނުފެންނާނެ ގޮތްވެސް ހެދިދާނެއެވެ. އެފަދަ ފަރާތްތަކަށް ޢިބްރަތަކަށްވާނެ ފަދަ ފިލާވަޅެއް މިހާރުވެސް ވަނީ ދައްކަވައިފައެވެ. އެއީ ކިތަންމެ ވަރަކަށް ޑިލީޓްކުރިޔަސް ރިކަވަރުކުރެވޭކަމެވެ. މިކަމުން އެއަންގަވައި ދެއްވަވަނީ ކޮންކަމެއް ހެއްޔެވެ؟ 

ރަނގަޅަށް ވިސްނާށެވެ. އެދެއްވަވާ މެސެޖަކީ ވަރަށް ވަރުގަދަ އިންޒާރެކެވެ. އެއްވެސް ކަމެއް ﷲ ތަޢާލާގެ ޙަޟްރަތަށް ޑިލީޓް ނުކުރެވޭނެ ކަމާއި ޖަޒާއާއި ކުރިމަތިލާންޖެހޭނެ ކަމުގެ އިންޒާރެވެ. 

މީސްތަކުންނޭވެ! ފޯނުން ޑިލީޓްކުރުމަކުން އެއްވެސް ޙައްލެއް ނެތެވެ. ކުރި ޢަމަލު ވަނީ ﷲ ތަޢާލާ "ޑިލީޓް"ކޮށްދެއްވަވައިފިނަމަ ނޫނީ ޑިލީޓް ނުވާނެ ފަތުގައި ލިޔުއްވިގެންނެވެ. ވީމާ އޮތީ އެންމެ ޙައްލެކެވެ. އެއީ ޑިލީޓްކުރަންޖެހޭނެ ކަންކަން ނުކުރުމެވެ. ކުރެވުނަސް ތައުބާވުމަށް އަވަސްވެގަތުމެވެ. އެއިރުން އެމީހަކަށް ﷲ ތަޢާލާ "ޑިލީޓް"ކޮށްދެއްވަވާނެތެވެ. އިން ޝާ ﷲ 

މިހިސާބުން ވަރަށް ތިލަބަހުން ބުނެލަން ބޭނުންވަނީ ދެމަފިރިން އެކަކު އަނެކަކަށް ސިއްރުކުރަންޖެހޭ ފަދަ ފާފަތައް ނުކުރާށެވެ. ދެމަފިރިން ކަމުގައި ނުވިނަމަވެސް ފާފައަކަށްވާނެ އެއްވެސް ކަމެއް ނުކުރާށެވެ. މުހިންމީ މިދުނިޔޭގައި ފިލައި ހުރެވުމެއް ނޫނެވެ. އާޚިރަތް ދުވަހުގައި ސަލާމަތްކަން ލިބުމެވެ. ވީމާ ކޮންމެ ދުވަހަކުވެސް މަދުވެގެން 100 ފަހަރު އަސްތަޣްފާރުކުރާމީހަކަށްވާށެވެ. 

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

މިއަދު އޮންލައިން