ބިރުވެތިވާން އެބަ ޖެހޭ! އަންހެން މުވައްޒިފުންނަށް ބެލުމުގަ ޢަމަލުކުރެވޭ ގޮތަކުން ލޮލުފާފައިގެ އިތުރުން މުނާފިޤަކަށް ވެވޭގޮތް-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 43ސ
ބިރުވެތިވާން އެބަ ޖެހޭ! އަންހެން މުވައްޒިފުންނަށް ބެލުމުގަ ޢަމަލުކުރެވޭ ގޮތަކުން ލޮލުފާފައިގެ އިތުރުން މުނާފިޤަކަށް ވެވޭގޮތް-

މީސްތަކުންނޭވެ! މިއަދު އަހަރެމެންގެ ތެރެއިން ގިނަ ބައަކު މިތިބީ ވަރަށް ބޮޑު ނުރައްކައުތެރިކަމެއްގެ ތެރޭގައެވެ. މުނާފިޤް ކަމަކީ އެންމެ ނުބައި ސިފަކަން އެނގޭއިރުވެސް އެކަމަށް ސަމާލުކަން ދެނީ މަދު މީހެކެވެ. ދޭން އެނގެނީވެސް މަދު މީހަކަށެވެ. 

މިޘާލަކަށް ވެރިމީހާ އޮފީހަށް ވަދެގެންދާނީ ވަރަށް ސްމާޓް މީހެއްކަން ދައްކަމުންނެވެ. ދެއަރިމަތީގައި މަސައްކަތްކުރަން ތިބޭ އަންހެނުންނަށް ބަލައިވެސްނުލާނެއެވެ. ހިނިތުންވާނީވެސް އެންމެންނަށް ޖަމްޢުކޮށް ކަމަށް ހީވާނެ ފަދަ ގޮތަކަށެވެ. 

ކެބިނަށް ވަދެ މޭޒުދޮށުގައި އިށީންނަތަނާ މަސައްކަތުގެ ގޮތުން ވަންނަން ޖެހިގެން ރީތި އަންހެން މުވައްޒިފަކު ވަދެއްޖެނަމަ އޭނާއާއި އަނގައިން ބުނާނީވެސް ބަލަން ނުޖެހޭ ވަރަށް ބަލައި ހިތްފުރާލައިގެންނެވެ. 

އެއްވެސް ޙާލެއްގައި މިބުނަނީ މުވައްޒިފުންނަށް ބަލަންޖެހޭ ވަރަށް ނުބެލުމަކަށް ނޫނެވެ. ހަތަރުކަލީ ހަމަނުކުރުމަކަށްވެސް ނޫނެވެ. ނަމަވެސް މުވައްޒިފެއްކަމުގައިވީނަމަވެސް ހިލޭ އަންހެނަކަށް ބެލުން ހުއްދަވެގެންވަނީ ވަކި ޚާއްޞަ އިންތަކެއްގެ ތެރެއިންނެވެ. ޙިޖާބް އެޅުން އޮތީ މިބުނި ފަދަ މައްސަލަތަކުން ސަލާމަތް ނުވުމަށެވެ. ލޮލުޒިނޭއިން ސަލާމަތްވެ ތިބުމަށެވެ. 

ކޮންމެއަކަސް މަގުމަތިން ހިނގާފައިދާއިރުވެސް ބައެއް މީހުން އިސް ތިރިކޮށް އެމީހުންނަކީ ﷲ ތަޢާލާއަށް ބިރުވެތިވާ ބައަކުކަން ދައްކައެވެ. ނަމަވެސް އެކަނިވާއިރަށް ޢަމަލުތައް ހުންނަނީ އެގޮތަކަށް ނޫނެވެ. ކޮމްޕިޔުޓަރާއި ލެޕްޓޮޕާއި ފޯނުން ބަލަނީ ބަލައިގެން ނުވާނެ މަންޒަރުތަކެވެ. ބަލައިގެން ނުވާނެ ކަންކަމެވެ. 

އެއިރުން އެމީހަކަށް އެކުރެވޭ ފާފައިގެ އިތުރުން އެވެވެނީ މުނާފިޤަކަށެވެ. މީސްތަކުންގެ ކުރިމަތީގައި ﷲ ތަޢާލާއަށް ބިރުވެތިވެއެވެ. އެކަނިވުމުން ﷲ ތަޢާލާއަށް ބިރުވެތިކަމެއް ނުހުރެއެވެ. މިފަދަ މީހުންނާއިމެދު ޤިޔާމަތްދުވަހު ކަންކަން ވެގެންދާނެ ގޮތް ވަރަށް ސާފުކޮށް އެނގެން އެބައޮތެވެ. 

މިވަޤުތު މިދައްކަނީ އެހެންވާހަކައެކެވެ. ނުއެނގިގެން އެކަންކަން ކުރެވޭނަމަ ދަސްކުރާށެވެ. މުނާފިޤުންނަށް ނަރަކައިގެ އެންމެ ޢަޛާބުގަދަ ވަތްގަނޑުތައްކަން ކޮންމެ މުސްލިމަކަށްވެސް އެނގޭނެއެވެ. ވީމާ މުނާފިޤަކަށް ވެދާނެ އެއްވެސް ކަމެއް ނުކުރާށެވެ. ހުރިހާ ޙާލަތެއްގައިވެސް ﷲ ތަޢާލާއަށް ބިރުވެތިވެގެން މެނުވީ އަހަރެމެން އެކަކަށްވެސް ސަލާމަތްކަމެއް ނެތެވެ. 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން