ހިތްދަތިކަމާ ދަތިޙާލުގަ އުޅެންޖެހޭ ދުވަހު ސަލާމަތްކަން ލިބެން އޮތް މަގު-

އަހުމަދު
ކިޔުމަށް ހޭދަވާނީ 1މ 23ސ
ހިތްދަތިކަމާ ދަތިޙާލުގަ އުޅެންޖެހޭ ދުވަހު ސަލާމަތްކަން ލިބެން އޮތް މަގު-

އަހަރެމެންނަށް ތަނަވަސްކަން ލިބިގެން އުފަލުގައި ދިރިއުޅެމުން އަންނައިރު އެކުވެރިން ވަރަށް ގިނަވާނެއެވެ. ހެޔޮއެދިގެން އުޅޭ މީހުންވެސް ވަރަށް ގިނަވާނެއެވެ. އެހެނަސް އަތްމަތި ދަތިވުން ފަދަ ކަމެއް މެދުވެރިވާއިރަށް، ނުވަތަ ޤަދަރު ގެއްލިއްޖެނަމަ، ނުވަތަ ބާރާއި ނުފޫޒު ގެއްލިއްޖެނަމަ އެކުވެރިންތައް ގެއްލޭނެއެވެ. ފަހަރެއްގައި އެކުގައި ހުރިނަމަވެސް ހުންނާނީ ވަރަށް މަދު މީހެކެވެ. 

އެހެނަސް ﷲ ތަޢާލާގެ ޙަޟްރަތުން އެކަން އޮތީގެ އަނެއްކޮޅަށެވެ. މީހަކު އުފަލުގައި ހުރެ ﷲ ތަޢާލާގެ މަތިން ހަނދުމަކުރިނަމަ އެމީހަކު ދަތިޙާލުގައި ޖެހުމުން އެމީހާގެ މަތިން ﷲ ތަޢާލާ ހަނދުމަކުރައްވަވާނެތެވެ. އެދަތިޙާލަތުން ސަލާމަތްވެވޭނެ މަގެއް ދައްކަވައި ދެއްވަވާނެތެވެ. މިއީ ޙަދީޘްފުޅުން އެނގެން އޮތް ކަމެކެވެ. 

ކޮންމެ މީހަކަށްވެސް އެކުވެރިން ބޭނުންވާނެއެވެ. ދުނިޔޭގައި އުޅެންވީ މީސްތަކުންނާއި ގުޅި އެކުވެރިވެގެންނެވެ. ވީމާ އެކުވެރިން ގެންގުޅުމަކީ އެއްވެސް މައްސަލައެއް ނޫނެވެ. މައްސަލައަކަށްވަނީ އެކުވެރިން ގިނަވެ އެމީހުންނާއިއެކުގައި އުޅެންހަދައިގެން ﷲ ތަޢާލާގެ މަތިން ހަނދުމަ ނައްތައިލެވޭ ކަމެވެ. އަޅުކަންކުރުމަށާއި ޛިކުރުކުރުމަށް ފަރުވާކުޑަކޮށްލެވޭ ކަމެވެ. ފަރުޟު ނަމާދުތައްވެސް ނުކުރެވިދާކަމެވެ. 

ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ! އެހެން އެކަން ވިޔަ ނުދޭށެވެ! ކިތަންމެ މަތީ މަޤާމެއްގައި ހުރިނަމަވެސް ކިތަންމެ ބޮޑު ބާރުވެރިކަމެއް ލިބިފައިވީނަމަވެސް އަދި ކިތަންމެ ބޮޑު ތަނަވަސްކަމެއްގައި އުޅެވުނަސް ﷲ ތަޢާލާގެ މަތިން ހަނދުމަކުރާށެވެ. ފަރުޟުތައް އަދާކުރަމުން ސުންނަތް އަޅުކަންކުރުންވެސް ގިނަކުރާށެވެ! ޛިކުރުކުރުން ގިނަކުރާށެވެ! 

އެއްވެސް ނިޢްމަތަކީ ދާއިމީ ނިޢްމަތެއް ނޫނެވެ. ނިކަމެތިކަންވެސް ލިބޭނެއެވެ. ނިކަމެތިވާ ދުވަހު ހިތްހަމަޖެހުމާއި އުފާވެރިކަން ލިބޭނީވެސް، ކުރިމަތިވި ދަތި ޙާލަތުން އަރައިގެނެވޭނީވެސް އެއިރުންނެވެ. އިން ޝާ ﷲ 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން