އައްޑޫ ސިޓީ ހުޅުދޫގައި ހުންނަ މިފްކޯ ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢުގެ ފުރަތަމަ ފިޔަވަހީގެ ބޮޑުބައި ނިމިފައިވާކަމަށް އެ ކުންފުނިން ހާމަކޮށްފިއެވެ.
2019 ވަނަ އަހަރުން ފެށިގެން އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫޢަކީ މަސްވެރިކަމުގެ ސިނާޢަތަށް ކުރިމަތިވެފައިވާ ދަތިތަކަށް ދާއިމީ ޙައްލެއް ހޯދައިދިނުމަށް ސަރުކާރުން އިސްކަންދީގެން ކުރިއަށްގެންދާ މަސައްކަތެކެވެ. ކުރިން މި ބަނދަރުގެ ޙާލަތު ހުރިގޮތުން ބޮޑެތި ބޯޓުފަހަރަށް ވަދެއުޅުމާއި މަސްކިރުވުމުގައި ބޮޑެތި ގޮންޖެހުންތަކެއް ދިޔައީ ކުރިމަތިވަމުންނެވެ.
ދައުލަތުގެމީޑިއާއަށް މަޢުލޫމާތު ދެއްވަމުން އައްޑޫ ފިޝަރީޒް ކޮމްޕްލެކްސްގެ ޓެކްނިކަލް އިންޗާޖް އަޙްމަދު ފާރޫޤް ވިދާޅުވީ، މި ބަނދަރަކީ މައިގަނޑުގޮތެއްގައި ފިނިކުރި މަސް ރާއްޖެއިން ބޭރަށް އެކަށީގެންވާ ގޮތެއްގައި ގެންދެވޭނެ އިންތިޒާމު ހަމަޖެއްސުމަށް ތަރައްޤީކުރަމުން އަންނަ ތަނެއް ކަމަށެވެ.
ފާރޫޤް ފާހަގަކުރެއްވި ގޮތުގައި މިއީ ހަމައެކަނި ރާއްޖެއިން ބޭރަށް މަސް ބޭރުކުރާ ތަނަކަށް ނުވެ، މިފްކޯގެ އެހެނިހެން ސައިޓްތަކަށް މަސް ފޯރުކޮށްދިނުމުގައިވެސް މުހިންމު ދައުރެއް އަދާކުރާނެ ބަނދަރެކެވެ. އަދި މިހާރުވެސް މަސްވެރިންނާ ގާތުން، އެފަރާތްތަކަށް ބޭނުންވާ ޚިދުމަތްތައް ފޯރުކޮށްދެމުންދާކަން އޭނާ ބަޔާންކުރެއްވިއެވެ.
"ފޭސް 1 ގެ މަސައްކަތުގެ ބޮޑު ބައެއް ނިމިފައި އެވަނީ. މި މަސައްކަތް ނިމި އައްޑޫ ފިޝަރީޒް ކޮމްޕްލެކްސް ގޮތުގައި އެއްކޮށް ހިނގައިގަންނާނެ. މިތަނުން މަސް ރާއްޖެއިން ބޭރަށް ފޮނުވުމާއި މިފްކޯގެ އެހެން ތަންތަނަށް ފޮނުވަން މެދުވެރިވަނީ އެ ބަނދަރު. ބަނދަރުގެ މަސައްކަތް އެބަކުރިއަށްދޭ،" ފާރޫޤް ވިދާޅުވިއެވެ.
މި މަޝްރޫޢު އެއްކޮށް ނިމުމުން އައްޑޫ ސަރަޙައްދުގެ މަސްވެރިންނަށް ދިމާވާ ދަތިތަކަށް ޙައްލު ލިބި، ސަރަޙައްދުގެ މަސްވެރިކަމުގެ ސިނާޢަތް އިތުރަށް ފުޅާވެގެންދާނެ ކަމަށް ބެލެވެއެވެ.