ދިވެހި ވަޠަނީ ޚިދުމަތުގެ ޕްރޮގުރާމުގެ ތެރެއިން ކުރިއަށްގެންދާ ނޭޝަނަލް ސާވިސް އިނިޝިއަލް ޓްރޭނިންގެ ހަތަރުވަނަ ބެޗުގެ ތަމްރީނުތަކުގައި ބައިވެރިވި ހުރިހާ ޒުވާނުންނަށް ރައީސުލްޖުމްހޫރިއްޔާވަނީ ކާމިޔާބީއަށް އެދިވަޑައިގެންފައެވެ.
އެމަނިކުފާނުގެ މީސްމީޑިޔާ މަންސަތަކުގައި ޝާއިޢުކުރެއްވި މެސެޖެއްގައި ވަނީ ވަޠަނީ ޚިދުމަތުގެ ހަތަރުވަނަ ބުރުގެ އިނިޝަލް ޓްރެއިނިންގައި ބައިވެރިވި ޒުވާނުންގެ އަދަދާ ގުޅޭ ތަފުސީލުތައް ޙިއްޞާކުރައްވާފައެވެ. އެގޮތުން، މި ބެޗުގައި ރާއްޖޭގެ 125 ރަށަކަށް ނިސްބަތ្ވާ 288 ފިރިހެން ކުދިންނާއި 64 އަންހެން ޒުވާނުން ބައިވެރިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މި ޕްރޮގުރާމުގައި ބައިވެރިވި ހުރިހާ ޒުވާނުންނަށް ހިތްވަރު ދެއްވަމުން ރައީސް ވިދާޅުވީ، ޕްރޮގުރާމު ފުރިހަމަކުރުމަށްޓަކައި ހިތްވަރާއި އަޒުމާއެކު މަސައްކަތްކުރުމަށް ނަސޭހަތްތެރިވެވަޑައިގަންނަވާ ކަމަށެވެ.
މީގެ އިތުރުން، ޤައުމަށް ލޯބިކުރާ ހިންމަތްތެރި ޒުވާން ޖީލެއް ބިނާކުރުމަށް ސަރުކާރުން މިހާރު ކުރަމުންދާ މަސައްކަތްތަކަކީ، މާތްﷲގެ އިރާދަފުޅުން ރާއްޖޭގެ ޒުވާނުންގެ ކުރިމަގު ބައްޓަންކުރުމަށް އެޅިގެންދާ ވަރަށް ހަރުދަނާ ބިންގަލަކަށް ވެގެންދާނެ ކަމަށްވެސް ރައީސްގެ މެސެޖުގައި ވިދާޅުވެފައިވެއެވެ.