ހުޅުމާލެ ސަހަރާގެ ބިމުއަޑިން ފެން ނުހިނދޭ މައްސަލަ ކުރިމަތިވުމާ ގުޅިގެން، އެ ސަހަރާގައި މީހުން ވަޅުލުން ވަގުތީގޮތުން މެދުކަނޑާލައިފިއެވެ. މި ނިންމުމާ ގުޅިގެން، މައްޔިތުން ވަޅުލުމުގެ ކަންކަން ދެން ކުރިއަށްދާނީ މާލޭ އާސަހަރާގައެވެ.
މާލެ ސިޓީ ކައުންސިލުން މައުލޫމާތު ދެއްވި ގޮތުގައި، ހުޅުމާލެ ސަހަރާގައި މިވަގުތު މީހުން ވަޅުލުން މެދުކަނޑާލަން ޖެހުނީ ވަޅުކޮނުމުން ކަށްވަޅުގައި 8 އިންޗިއާއި 9 އިންޗިއާ ދެމެދުގެ މިންވަރަކަށް ފެން ބޮޑުވެފައި އޮންނާތީއެވެ. ބިމުއަޑީގައި ފެންބޮޑުވެ، ފެން ނުހިނދި ދިގުލައިގެން ދިއުމުގެ ސަބަބުން، ޖަނާޒާގެ ކަންކަން ކުރިއަށްގެންދިއުމަށް ވަނީ ދަތިތަކާ ކުރިމަތިވެފައެވެ.
ބޯކޮށް ވާރޭވެހޭ ދުވަސްވަރު ހުޅުމާލެ ސަހަރާއަށް ފެންބޮޑުވުމުގެ މައްސަލަ ކުރިމަތިވުމަކީ އާންމުކޮށް ދިމާވާ ކަމެކެވެ. މިއީ މީގެ ކުރިންވެސް ކުރިމަތިވަމުން އައި މައްސަލައަކަށްވާތީ، މިކަމަށް ދާއިމީ ހައްލެއް ހޯދުމަށްޓަކައި ވޭތުވެދިޔަ އަހަރުތަކުގައިވެސް އެކި މަސައްކަތްތައް ކުރެވިފައިވާ ކަމަށް ސިޓީ ކައުންސިލުން ފާހަގަކުރެއެވެ.
ނަމަވެސް، މި ދުވަސްވަރު ބިމުގެ އަޑިން ފެން ނުހިނދި ދިގުލައިގެންދާތީ، ޚިދުމަތް ހޯދާ ފަރާތްތަކަށް ލުއިފަސޭހަކޮށްދިނުމުގެ ގޮތުން މިވަގުތަށް ޖަނާޒާގެ އެންމެހައި ކަންކަން މާލޭ އާސަހަރާއަށް ބަދަލުކުރަން ނިންމީ ކަމަށް ކައުންސިލުން ބުނެއެވެ.