މިއީ ދުނިޔެއެވެ. ދުނިޔޭގެ އާދައަކީ އެއްބައިދުވަސްތަކުގައި އުފަލުގައި ހުރެވުމާއި އަނެއްބައި ދުވަސްތަކުގައި ކަންބޮޑުވެ ހިތާމަކުރަންޖެހުމެވެ. މިއީ ހަމަ ކޮންމެ މީހަކަށްވެސް މެދުވެރިވާނެ ކަންކަމެވެ.
މައްސަލަޖެހެނީ ކަންބޮޑުވެ ހިތްދަތިވާންޖެހޭ ކަންކަން ކުރިމަތިވުން ގިނަވާނަމައެވެ. އެއިރުން އެކަމަސް ވަރަށް ބޮޑަށް ވިސްނޭނެއެވެ. އަދި ކަންކަން މިހެން މިދިމާވަނީ ކީއްވެގެން ކަމާއިމެދު ސުވާލުތައްވެސް ކުރެވޭނެއެވެ.
ސުވާލުކުރުމުން ހެޔޮލަފާ މީހުން ނުވަތަ ޢިލްމުވެރިން ޖަވާބުވެސްދޭނެއެވެ. އެމީހަކު ބުނާނީ އެކަމެއް އެމީހަކަށް ވިސްނޭ ގޮތަށެވެ. ނަމަވެސް އެއީ 100 އިންސައްތަ ދިމާނުވެދާނެ ކަމެކެވެ. ސަބަބަކީ އެކަން މޮޅަށް ދެނެވޮޑިގެންވަނީ ހަމައެކަނި ﷲ ތަޢާލާ ކަމުގައިވުމެވެ.
ވީމާ ކަންބޮޑުވެ ހިތްދަތިވާންޖެހޭ ކަންކަން ކުރިމަތިވުން ގިނަވާނަމަ ފުރަތަމަވެސް ތަނެއްގައި އިށިނދެ ހަމަޖެހިލާށެވެ. އިށީނދެ ހަމަޖެހިލުމަށްފަހު އަމިއްލަ ނަފްސާއި ސުވާލުކުރާށެވެ! އަހުރެން ފަރުޟު 5 ނަމާދު ބަރާބަރަށް ކުރަމުހެއްޔެވެ؟ ޖަވާބަކީ އާނއެކޭ ކަމަށްވާނަމަ ދެވަނަ ސުވާލުކޮށްލާށެވެ! ނަމާދުގައި އަހުރެންނަށް ޚުޝޫޢަތްތެރިވެވޭ ހެއްޔެވެ؟ މިހިސާބުން ބައެއްކަންކަން ވިސްނެން ފަށާނެއެވެ.
އަދިވެސް ސުވާލުކުރާށެވެ! ވުޟޫކުރެވެނީ ދޭންޖެހޭ ސަމާލުކަން ދީގެންހެއްޔެވެ؟ ބަންގިގޮވީމާ ނަމާދުކުރަން އަވަސވެގަނެވޭ ހެއްޔެވެ؟
ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ! މިސުވާލުތަކަށް ފުރިހަމަ ގޮތުގައި އާނއެކެވެ ބުނެވޭ މީހަކަށްވާށެވެ! އެފަދަ މީހަކަށް ވެވިއްޖެނަމަ ވަރަށް ގިނަ މައްސަލަތަކުގެ ޙައްލު ފެންނާނެއެވެ. އިން ޝާ ﷲ
އެހެން މިބުނަނީ އަހުރެން އަމިއްލައަކަށް ނޫނެވެ. ނަމާދުކުރުމާއިއެކު ކެތްތެރިވެހުރެ ތިމަން ﷲ ގެ ޙަޟްރަތުން ވާގިއެދުމަށް ﷲ ތަޢާލާ ވަޙީކުރައްވަވާފައިވާތީއެވެ. އެގޮތަށް ވަޙީކުރައްވަވާފައި އެވަނީ އެއިރުން އެމީހަކަށް ބޭނުންވާ ކަންކަން ﷲ ތަޢާލާ ހިންމަވައި ދެއްވަވާނެތީއެވެ. އިން ޝާ ﷲ
- އިސްލާމީ ތިލަފަތުގެ ދަރުސަކުން