މޯލްޑިވްސް އެކްސްޕޯ 2026: ފާހަގަކޮށްލެވޭ ކާމިޔާބީތައް ހޯދި 130 ފަރާތަކަށް 290 އެވޯޑު ހަވާލުކޮށްފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 56ސ
މޯލްޑިވްސް އެކްސްޕޯ 2026: ފާހަގަކޮށްލެވޭ ކާމިޔާބީތައް ހޯދި 130 ފަރާތަކަށް 290 އެވޯޑު ހަވާލުކޮށްފި

މޯލްޑިވްސް އެކްސްޕޯ 2026 ގައި ބައިވެރިކުރި އުފެއްދުންތަކުގެ ތެރެއިން އެކި ދާއިރާތަކުން ފާހަގަކޮށްލެވޭ ކާމިޔާބީތައް ހޯދި 130 ފަރާތަކަށް، ޖުމްލަ 290 އެވޯޑެއް ރަސްމީކޮށް ހަވާލުކޮށްފިއެވެ. ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒުގެ ނަމުގައި ކުރިއަށްދިޔަ މި އެކްސްޕޯއަކީ ދިވެހީންގެ ޒަމާންވީ މަސައްކަތްތެރިކަމާއި ޒަމާނީ ފަންނުވެރިކަން ހިމެނޭހެން، ރާއްޖޭގެ އެކި ކަންކޮޅުތަކުގެ ހުނަރުވެރިންގެ އުފެއްދުންތައް އެއް ފުރާޅެއްގެ ދަށުން ދައްކުވައިދިނުމަށް ބޭއްވި ހަރަކާތެކެވެ.

މި ފަހަރުގެ އެކްސްޕޯގައި އަމިއްލަ ފަރުދުންނާއި، ވިޔަފާރިތަކާއި އަދި އެކި ޖަމްޢިއްޔާ ޖަމާޢަތްތައް ހިމެނޭހެން ޖުމްލަ 439 ބައިވެރިންގެ ފަރާތުން 4,434 އުފެއްދުމެއް ބައިވެރިކޮށްފައިވެއެވެ. މީގެ ތެރެއިން އެންމެ ގިނަ އުފެއްދުން ހުށަހަޅާފައިވަނީ އަމިއްލަ ފަރުދުންނެވެ. އެއީ ޖުމްލަ އުފެއްދުންތަކުގެ 74.5 އިންސައްތަ ނުވަތަ 3,303 އުފެއްދުމެވެ. މީގެ އިތުރުން، ވިޔަފާރިތަކުން 764 އުފެއްދުމެއް ހުށަހެޅިއިރު، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުން ވަނީ 254 އުފެއްދުމެއް ބައިވެރިކޮށްފައެވެ.

މުޅި މައުރަޒުން ރަންވަނަ ހާސިލުކުރި ފަސް އުފެއްދުމުގެ ތެރޭގައި ހިމެނެނީ ކްރިއޭޓިވް އާޓްސް އެންޑް ޑިޒައިން ކެޓެގަރީން މަރިޔަމް ޝަހުމާގެ "މެމޮރީ އޮފް ދަ ޓައިޑްސް"، ލަކުޑީގެ އުފެއްދުންތަކުގެ ކެޓެގަރީން ޢަބްދުއްރަޝީދު ޙަސަންގެ "ދޯނި"، ޖުވެލަރީ އެންޑް އެކްސަސަރީޒް ކެޓެގަރީން އުޝާ އާދަމްގެ "ތުނޑު ކުނާ"، އިންފޮމޭޝަން އެންޑް ކޮމިއުނިކޭޝަން ޓެކްނޮލޮޖީ ކެޓެގަރީން މުޙައްމަދު ޔާނިއު ރަމީޒުގެ "އަވަސް އެޕް" އަދި އިމާރާތްކުރުމުގެ ދާއިރާއިން އާދަމް މަންޞޫރުގެ "ކަޅުވަކަރު މިސްކިތް" އެވެ.

އެކްސްޕޯގެ އެކި ދާއިރާތަކުން 1 ވަނަ ހޯދި ފަރާތްތަކަށް ވެސް ވަނީ އެވޯޑު ދީފައެވެ. އެގޮތުން:

- އަމިއްލަ ފަރުދުންގެ ދާއިރާ: އޫޝާ ޙަސަން (މާލެ ސިޓީ)

- ވިޔަފާރި ދާއިރާ: ޕްރިޒަން ކޯޕަރޭޓިވް ސޮސައިޓީ

- ތަޢުލީމުދޭ ދާއިރާތައް: މޯލްޑިވްސް ޕޮލިޓެކްނިކް

- ޖަމްޢިއްޔާ ޖަމާޢަތްތަކުގެ ދާއިރާ: ވިމެން އެންޓްރަޕްރެނާޒް މޯލްޑިވްސް

- ސަރުކާރުގެ ކުންފުނިތަކުގެ ދާއިރާ: ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)

- ޚާއްޞަ އެހީއަށް ބޭނުންވާ ފަރާތްތަކުގެ ދާއިރާ: ފާޠިމަތު ޝަފަޤް (ރެޑިއަމްގެ، ތ. ވިލިފުށި)

މިއަދު އޮންލައިން