ރަސްމާލޭގައި ހިންގާ ރިއަލް އެސްޓޭޓް ޓޫރިޒަމް މަޝްރޫޢުން އިޤްތިޞާދަށް ބޮޑު ދިރުމެއް ލިބޭނެ: ރައީސް

މިއަދު
ކިޔުމަށް ހޭދަވާނީ 2މ 3ސ
ރަސްމާލޭގައި ހިންގާ ރިއަލް އެސްޓޭޓް ޓޫރިޒަމް މަޝްރޫޢުން އިޤްތިޞާދަށް ބޮޑު ދިރުމެއް ލިބޭނެ: ރައީސް

ރަސްމާލޭގައި އީގަލް ހިލްސްއާ ހަވާލުކޮށްގެން ހިންގާ ރިއަލް އެސްޓޭޓް ޓޫރިޒަމް މަޝްރޫޢާއެކު ރާއްޖޭގެ އިޤްތިޞާދަށާއި ޖީޑީޕީއަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. "ދަ ޕަލްސް" އަށް ދެއްވި ޚާއްޞަ ބަސްދީގަތުމެއްގައި ރައީސް ވަނީ މި މަޝްރޫޢުގެ ސަބަބުން ޤައުމީ ތަރައްޤީއަށް އަންނާނެ މުހިންމު ބަދަލުތަކުގެ މައްޗަށް އަލިއަޅުވާލައްވާފައެވެ.

ރައީސް ވިދާޅުވީ، ރަސްމާލެއަކީ މިވަގުތުވެސް ބިމުގެ ގޮތުން އެންމެ ތަނަވަސް ސަރަޙައްދު ކަމަށާއި، މި ރަށް ތަރައްޤީކުރަނީ ރައްޔިތުންގެ އަސާސީ ބޭނުންތަކާއި ބޯހިޔާވަހިކަމުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދައިދިނުމާއެކު، އިޤްތިޞާދީ ހަރަކާތްތައް ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދެވޭނެ ފަދަ މައިލޯނަކަށް ހެދުމުގެ ވިސްނުމުގައި ކަމަށެވެ. އެގޮތުން، އެ ރަށުގެ ބިމުގެ 1000 ހެކްޓަރުގެ ތެރެއިން 500 ހެކްޓަރު ބޯހިޔާވަހިކަމަށް ޚާއްޞަކުރާއިރު، ބާކީ 500 ހެކްޓަރު ޚާއްޞަކުރަނީ ރިއަލް އެސްޓޭޓް ސިނާޢަތެއް އުފެއްދުމަށެވެ.

އީގަލް ހިލްސްގެ މި މަޝްރޫޢަކީ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ތަރައްޤީގެ މަންޒަރު ބަދަލުކޮށްލާނެ މުހިންމު މަޝްރޫޢެއްކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ، މިކަމުގެ ސަބަބުން އެ ރަށުގައި އެކަނިވެސް 15,000 ވަޒީފާ އުފެދިގެންދާނެ ކަމަށެވެ. އަދި އެތަނުގައި ޤާއިމުކުރެވޭ 1,500 އަށްވުރެ ގިނަ ފިހާރަ ހިންގުމުގައި ދިވެހިންނަށް އިސްކަންދެވޭނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު އިތުރުވެ، ޖީޑީޕީއަށް ލިބޭ ކުރިއެރުމާ ގުޅޭގޮތުން ރައީސް ވިދާޅުވީ، "އަހަރެއްހާ ދުވަހުގެ ތެރޭގައި ގާތްގަނޑަކަށް މިލިޔަނެއްހާ މީހުން މި ޒިޔާރަތްކުރަނީ. ރިއަލް އެސްޓޭޓް ޓޫރިޒަމް ޕްރޮޖެކްޓެއް މިއީ. އެހެންވީމަ މިތަން އެއްކޮށް ހެދިގެން ދިޔައީމަ މިތަނަށް މިލިބެނީ ވިޒިޓްކުރާ މީހުން ކުރާ ޚަރަދުތަކުންނާއި އަދި އެތަނުން ގަނެވިއްކުން ޕްރޮޕަޓީ ސޭލްގެ ތެރެއިން މިލިބެނީ ޖީޑީޕީއަށް ވަރަށް ބޮޑު ކުރިއެރުމެއް،" ކަމަށެވެ. މީގެއިތުރުން، ކޮންމެ ދުވަހަކު ހިނގާ ވިޔަފާރީގެ މުއާމަލާތްތަކާއި ޖީއެސްޓީގެ ޒަރީއާއިން ދައުލަތުގެ އާމްދަނީއަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެ ކަމަށްވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މި މަޝްރޫޢާ ގުޅިގެން ދެކެވޭ ވާހަކަތަކަށް ރައްދުދެއްވަމުން ރައީސް ވިދާޅުވީ، 99 އަހަރަށް ޕްރޮޕަޓީތައް ދޫކުރި ނަމަވެސް، އެ ތަންތަނުގެ ފުރިހަމަ ކޮންޓްރޯލް އޮންނާނީ ދިވެހި ސަރުކާރަށް ކަމަށެވެ.

މިއަދު އޮންލައިން