މިއަހަރު ފާހަގަކުރާ 46 ވަނަ މަސްވެރިންގެ ދުވަހުގެ މުނާސަބަތުގައި ބާއްވާ ވާހަކަ ދެއްކުމުގެ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު މަސްވެރިކަމާއި ބެހޭ ވުޒާރާއިން ހުޅުވާލައިފިއެވެ. މި މުބާރާތް ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ ޑިސެމްބަރު މަހުގެ 3 އިން 7 އަށެވެ.
"މަސްވެރިކަމުގެ ސިނާއަތުގައި ޒުވާނުންގެ ބައިވެރިވުން އިތުރުކުރުން" މި ޝިޢާރުގެ ދަށުން ބާއްވާ މި ބަހުސް މުބާރާތުގައި މަތީ ތަޢުލީމު ފޯރުކޮށްދޭ މަރުކަޒުތަކާއި، އެކަޑަމީތަކާއި، ކްލަބް ޖަމްޢިއްޔާތަކުގެ އިތުރުން ސަރުކާރުގެ އޮފީސްތަކާއި ކުންފުނިތަކަށް ވާދަކުރުމުގެ ފުރުސަތު އޮންނާނެއެވެ. އަދި މީގެ އިތުރުން އަމިއްލަ ފަރާތްތަކަށްވެސް މުބާރާތުގައި ބައިވެރިވެވޭނެ ކަމަށް އެ ވުޒާރާއިން މަޢުލޫމާތު ދެއެވެ.
މުބާރާތުގެ ޤަވާއިދުގައިވާ ގޮތުން ވާދަކުރާ ކޮންމެ ޓީމެއްގައި 3 ބައިވެރިން ތިބެންޖެހޭނެއެވެ. އަދި ބަދަލުގައި އަރާނެ އިތުރު 2 ބައިވެރިން ކޮންމެ ޓީމެއްގައިވެސް ހިމެނިދާނެއެވެ. މި މުބާރާތުގައި ބައިވެރިވެވޭނީ މިއަހަރުގެ ޖަނަވަރީ މަހަށް 16 އަހަރު ފުރިފައިވާ ފަރާތްތަކަށެވެ. މުބާރާތް ނިމުމުން އެންމެ މޮޅު 3 ވާހަކަދެއްކުންތެރިންނާއި އެންމެ މޮޅު 3 ޓީމު ހޮވުމަށް ވަނީ ހަމަޖެހިފައެވެ.
މި މުބާރާތުގައި ބައިވެރިވާން އެދޭ ފަރާތްތަކަށް ފުރުސަތު ހުޅުވާލާފައިވަނީ އަންނަ ނޮވެމްބަރު މަހުގެ 5 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ނިޔަލަށެވެ. އެހެންކަމުން އެ މުއްދަތުގެ ކުރިން ފޯމު ފުރިހަމަކުރުމަށްފަހު ހުށަހެޅުމަށް މަސްވެރިކަމާ ބެހޭ ވުޒާރާއިން ވަނީ އެދިވަޑައިގެންފައެވެ.