ދުނިޔޭގަ ދިރިއުޅޭ ކޮންމެ މީހަކީވެސް ދަރަނިވެރިއެއް- ސަލާމަތް ނުވެވޭނެ ދަރަނިވެރިއަކީ ކާކުކަން އެނގޭތަ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 34ސ
ދުނިޔޭގަ ދިރިއުޅޭ ކޮންމެ މީހަކީވެސް ދަރަނިވެރިއެއް- ސަލާމަތް ނުވެވޭނެ ދަރަނިވެރިއަކީ ކާކުކަން އެނގޭތަ؟

އާދަމްގެފާނުން ފެށިގެން ދުނިޔެ ނިމި ޤިޔާމަތްވަންދެން ދުނިޔޭގައި އުޅުނު ކޮންމެ މީހަކަށް ﷲ ތަޢާލާ ވަރަށް ބޮޑެތި ނިޢްމަތްތަކެއް ދެއްވަވަތެވެ. އިންސާނާއަށް ދުނިޔޭގައި އުޅެވެނީ އެނީޢްމަތްތައް ދެއްވަވާތީއެވެ. ނަމަވެސް އެނިޢްމަތްތައް ދެއްވަވަނީ ދަރަނިވެރިވާ ގޮތަށެވެ. އެނިޢްމަތަށް އަގުއަދާކުރަންޖެހޭ ގޮތަށެވެ. 

އަގު ނުވަތަ ދަރަނި އަދާކުރަން ކުރަންޖެހޭ ކަމަކީ ﷲ ތަޢާލާއަށް އީމާންވެ ކީރިތި ޤުރްއާނަށް ޢަމަލުކުރުމެވެ. ރަސޫލް ދެކެ ލޯބިވުމާއި ސުންނަތަށް ޢަމަލުކުރުމެވެ. 

މިދަރަނި އަދާނުކޮށްފިނަމަ ތިބާ ﷲ ތަޢާލާގެ ޙަޟްރަތަށް ދަރާ ދަރަނި އަދާކުރުމަކީ ކުރެވޭނެ ކަމެއް ނޫނެވެ. އެހެނީ އެދަރަނި އަދާނުކުރާ މީހުންނަށް އޮތީ ނަރަކައެވެ. ނަރަކައިގެ ހޫނު އަލިފާނުން އަނދައަނދައިތިބުމެވެ. 

ﷲ ތަޢާލާ ކަނޑައަޅުއްވަވާ މުއްދަތަކަށްފަހުގައިވެސް ނަރަކައިގެ ގަދަފަދަ ޢަޛާބުން ސަލާމަތްކަންލިބޭނީ، ސަލާމަތްވެވޭނީ ކޮންމެހެން އަދާކުރަންޖެހޭ އަސާސީ ދަރަނި، އަދާކޮށްފައިވާ ނަމައެވެ. އެއީ ﷲ ތަޢާލާއަށް ޝަރީކުކުރުމެވެ. 

ރަނގަޅަށް ހަނދާންކުރާށެވެ! ތިބާއަކީ ފައިސާގެ ގޮތުން ކިތަންމެ ބޮޑު ތަނަވަސްކަމެއް ލިބިފައިވާ މީހަކު ނަމަވެސް މިކަންކަން ތިބާނުކުރާނަމަ، ﷲ ތަޢާލާއަށް ދަރާފައިވާ ދަރަނި އަދާނުކުރާނަމަ އެކަލާނގެ ޙަޟްރަތުގައި ތިބާ ވާނީ ބޮޑު ދަރަނިވެރިއެއް ކަމުގައެވެ. އެހެން ނުވާނީ ކީއްވެގެންހެއްޔެވެ؟ ތިބާގެ ކިބައިގައިވާ ތަނަވަސްކަމަކީވެސް ﷲ ތަޢާލާ ތިބާ އާއި ޙަވާލުކުރައްވަވާފައިވާ އަމާނާތެކެވެ. އެހެންކަމުން ތިބާއަށް ލިބިފައިވާ ތަނަވަސްކަމަކީވެސް ﷲ ތަޢާލާއަށް ދަރާފައިވާ ދަރަންޏެވެ. ތިބާއަށް ޙައްޤުވެގެންވަނީ އެއިން ﷲ ތަޢާލާއަށް އަދާކުރަންޖެހޭ ދަރަނި އަދާކުރުމަށްފަހުގައެވެ. 

އެއްވެސް މީހަކަށް ދަރައި އޮތުމަކީ ބިރުހުރިކަމެކެވެ. ހަމައެފަދައިން ﷲ ތަޢާލާއަށް ދަރަނިވެރިވުމަކީ މާބޮޑު ކަމެކެވެ. މީހަކަށް ދަރައި އޮތްނަމަ އެކަމުން ސަލާމަތްވެވިދާނެ މަގު ﷲ ތަޢާލާއަށް ދުޢާކުރުމުން ދައްކަވަތެވެ. އެދުޢާވެސް ކުރެވޭނީ ﷲ ތަޢާލާއަށް ދަރަމުންދާ ދަރަނި އަދާކުރަމުން ނޫންހެއްޔެވެ؟ ވީމާ ހުރިހާ ގޮތަކުން ބެލިނަމަވެސް އެންމެ މުހިންމުކަން ބޮޑުވެގެންވަނީ ﷲ ތަޢާލާއަށް ދަރާ ދަރަނިތައް އަދާކުރުމެވެ. 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

 

މިއަދު އޮންލައިން