"އެއްބައަކު ބުނަނީ ކައިވެނިކުރަންވީ ލަހުން ކަމަށެވެ. އެއީ ވިސްނުން ފުރިހަމަވުމުން ކުރަން އޮންނަ ކަމެއް ކަމަށެވެ. އަޅުގަނޑަސް އެނގިފައި އޮންނަ ގޮތުން އިންސާނާގެ ވިސްނުން ފުރިހަމަވާނީ 40 އަހަރުވީމައެވެ. އަޅުގަނޑުގެ ސުވާލަކީ ކައިވެނިކުރަންވީ އަވަހަސްތޯ ނޫނީ ލަހުންތޯއެވެ؟"
ކިޔުންތެރިޔާގެ ސުވާލަށް ތިރިގައިވާ ޑރ. ޒާކިރް ނައިކުގެ ބަސްފުޅުން ޖަވާބެއް ލިބިލައްވާނެ ކަމަށް އުންމީދުކުރަމެވެ.
އަވަހަށް ކައިވެނިކޮށް ދަރިން ހޯދަން މަސައްކަތްކުރާށެވެ. އެކަމުން ލިބެންހުރި ފައިދާތައް ވަރަށް މުހިންމުވެފައި ގިނައެވެ. އިންސާނާގެ އެންމެ މުހިންމު، އެންމެ ބޮޑަށް ބޭނުންވާ ކަންކަން ގުޅިފައިވަނީ އެކަމާއިއެވެ.
އެއިރުން ލިބޭ ދަރިން އަވަހަށް ބޮޑެތިވެ ތިބާއަށް އެހީތެރިވެދޭން ފަށާނެއެވެ. މައިންބަފައިންގެ ވިޔަފާރިއެއް ހުރިނަމަ ދަރިން އަވަހަށް ވިޔަފާރި އާއި ހަވާލުވާނެއެވެ. މައިންބަފައިންގެ ޢުމުރުން 45، 50 ވާއިރު ހުރިހާ ކަމަކުން މިނިވަންވެ ދަރިން ބެލެހެއްޓުމުގެ ޒިންމާއިން ޕެންޝަން ލިބި އަޅުކަމާއި މަސްއޫލް ވުމުގެ ފުރުޞަތު ލިބޭނެއެވެ.
އެއިރުން އަޅުކަމުގައި ހޭދަކުރެވޭ ދުވަސްތައް ގިނަވެ އާޚިރަތަށް ތައްޔާރުވުމުގެ މަގުފަހިވެގެންދާނެއެވެ. އެކަމުގެ ސަބަބުން ސުވަރުގެ ލިބުމަށް މަގުފަހިވެގެންދާނެއެވެ. އެއަށްވުރެ ބޮޑު ނިޢްމަތަކީ ކޮބައިހެއްޔެވެ؟ އެއަށްވުރެ ބޮޑު ބޭނުމަކަށްވާނީ ކޮންކަމެއް ހެއްޔެވެ؟
ދަރިން ކައިވެނިކުރާ އުމުރަށް އެޅުމުން ކައިވެނިކުރުވުން އަވަސްކުރަން އިސްލާމް ދީނުގައި އޮތީ މި ސަބަބަށްޓަކައެވެ. ހުރިހާ ކަންކަމެއް އެންމެ މޮޅަށް ދެނެވޮޑިގެންވާ ﷲ ތައާލާ ކައިވެނިކުރަން އަވަސްކުރަން އޮތީ އަންގަވައިފައެވެ. ވީއިރު ބައަކު ދައްކާ ވާހަކަތައް ޤަބޫލުކޮށް ކައިވެނިކުރުން ލަސްކުރަމުން ތިއަގެންދަނީ ﷲ ތަޢާލާއަށް ކަންކަން އެނގިވޮޑިގަންނަވާވަރަށްވުރެ މާމޮޅަށް ތިމާއަށް ނުވަތަ އެހެން ބައަކަށް އެނގޭނެކަމަށް ޤަބޫލުކުރެވޭތީހެއްޔެވެ؟
މީގެ އިތުރުން އަވަހަށް ކައިވެނިކުރާނަމަ ފާފަކުރެވުމުން ސަލާމަތްވެވުމުގެ ފުރުޞަތުވެސް އެތައް ގުނައަކަށް އިތުރުވެގެންދެއެވެ. އެކަމުގެ ސަބަބުން ޒަވާޖީ ޙަޔާތުގައި ބަރަކާތް އިތުރުވެ ރަހްމަތްފުޅު އިތުރުވެގެންދެއެވެ. އެއިރުން ދިރިއުޅުން ކުރިއަރައިގެންދެއެވެ. އުފާވެރިކަން ލިބިގެންދެއެވެ. ދުނިޔެއާއި އާޚިރަތް ޙާޞިލުވުމަށް މަގުފަހިވެގެންދެއެވެ.
- ޑރ. ޒާކިރު ނައިކްގެ ދަރުސަކުން