- ޢަލީ އިޙްސާން ފިރާޤު
އަރަހުށި މާތްﷲ، ފަތުޙު ސޫރަތުގެ 18 ވަނަ އާޔަތުގައި ވަޙީ ކުރައްވައިފައިވެއެވެ.
لَّقَدْ رَضِيَ اللَّهُ عَنِ الْمُؤْمِنِينَ إِذْ يُبَايِعُونَكَ تَحْتَ الشَّجَرَةِ فَعَلِمَ مَا فِي قُلُوبِهِمْ فَأَنزَلَ السَّكِينَةَ عَلَيْهِمْ وَأَثَابَهُمْ فَتْحًا قَرِيبًا ﴿١٨﴾
މާނައީ: [ހަމަކަށަވަރުން، ގަސްދޮށުގައި އެއުރެން ކަލޭގެފާނަށް بيعة ހިފާހިނދު، އެ مؤمن ތަކުންނާމެދު اللَّه ރުހިވޮޑިގެންފިއެވެ. ފަހެ، އެއުރެންގެ ހިތްތަކުގައިވާ ކަންތައް އެކަލާނގެ ދެނެވޮޑިގެންވެތެވެ. ފަހެ، އެކަލާނގެ އެއުރެންގެ މައްޗަށް ހިތްހަމަޖެހުން ބާވައިލައްވައި އަދި ޖަޒާއެއްގެ ގޮތުގައި ގާތްވެގެންވާ فتح އެއް އެއުރެންނަށް ދެއްވިއެވެ.]
މި ދެންނެވި އާޔަތް ބާވައިލެއްވުމުން މާތް ރަސޫލާ صلّى اللّـه عليه وسلّم ގެ ޞަޙާބީ ބޭކަލެއް އެކަލޭގެފާނަށް ދެންނެވިއެވެ. އޭ މާތްﷲ ގެ ރަސޫލާއެވެ. އަޅުގަނޑުވަނީ އެ އާޔަތުގައިވާ ފަދައިން ކަލޭގެފާނަށް ބައިޢަތު ހިއްޕެވި މީސްތަކުންގެ ތެރޭގައި ތޯއެވެ؟] މާތް ރަސޫލާ ޙަދީޘް ކުރެއްވިއެވެ. [ އޭ އަބޫ އުމާމާއެވެ. ކަލޭގެފާނުވަނީ ތިމަންކަލޭގެފާނުގެ ފަރާތްޕުޅުންނެވެ. ތިމަންކަލޭގެފާނުވަނީ ކަލޭގެފާނާއެކުގައެވެ.] (ތާރީޚް އިބްނުއަސާކިރު، ވޮލިޔުމް 24، ޞ. 61)
އަބޫ އުމާމަތުލް ބާހިލީ ރަޟިޔަﷲ ޢަންހުގެ އަސްލު ނަންފުޅަކީ صُدَيُّ بنُ عَجْلانَ بن الحارث އެވެ. ނަމަވެސް އެކަލޭގެފާނު މަޝްހޫރުވެވަޑައިގެންފައިވަނީ އެކަލޭގެފާނުގެ ކުންނިއްޔަތުގެ ނަންފުޅުންނެވެ. ކުންނިއްޔަތުގެ ނަންފުޅުގެ ފަހުބައި ގުޅިފައިވަނީ އެކަލޭގެފާނު ނިސްބަތްވެވަޑައިގަންނަވާ ވަންހައަށެވެ. ނުވަތަ ޤަބީލާއަށެވެ.
ޚުލުޤުފުޅު
އަބޫ އުމާމަތުލް ބާހިލީ ރަޟިޔަﷲ ޢަންހަކީ ސީރަތު ރީތި، ޚުލުޤުފުޅުގައި ދިލައެއް މިލައެއް ނެތް ބޭކަލެކެވެ. އެކަލޭގެފާނުގެ ހަށިކޮޅުވަނީ އިސްލާމްދީނުގެ އެންމެހައި މަކާރިމްތަތަކުން ފުރިފައެވެ.
އެއްފަހަރަކު އަބޫ އުމާމަތުލް ބާހިލީ ރަޟިޔަﷲ ޢަންހު މާތް ރަސޫލާ صلّى اللّـه عليه وسلّم ގެ ދަރުބާރަށް ވަޑައިގެން ދެންނެވިއެވެ.
[ކޮންމެވެސް ހެޔޮ ކަމެއް ކުރުމަށް އަޅުގަނޑަށް އަމުރު ކުރައްވާށެވެ.]
މާތް ރަސޫލާ صلّى اللّـه عليه وسلّم އެކަލޭގެފާނަށް އަމުރު ކުރެއްވީ ރޯދަފުޅު ހިއްޕެވުމަށެވެ. މާތް ރަސޫލާ މިފަދައިން އަމުރު ކުރެއްވުމުން އަބޫއުމާމަތުގެފާނާއި އެކަލޭގެފާނުގެ އަނބިކަނބަލުންނާއި އަޅުންތައް ވަރަށް ގިނައިން ރޯދަ ހިއްޕަވާ އުޅުއްވަން ފައްޓަވައިފިއެވެ. އެކަލޭގެފާނުގެ ގެކޮޅުގައި ކާއެއްޗެއް ކައްކަން އުނދުނަށް އަލިފާންލާ އުޅުނީ ވަރަށް މަދުންނެވެ. އެގެއިން ދުންތައް ފެނިއްޖެނަމަ އެގެއަށް މެހެމާނަކު އައީކަން މީސްތަކުންނަށް އެނގެއެވެ. މިގޮތަށް ރޯދަފުޅު ހިއްޕެވުމުގައި މުއްދަތެއް ހޭދަކުރެއްވުމަށްފަހު މާތް ރަސޫލާގެ އަރިހަށް ވަޑައިގެންދެންނެވިއެވެ.
[ކަލޭގެފާނު އަޅުގަނޑަށް ރޯދަ ހިއްޕެވުމަށް އަމުރު ކުރެއްވީމުއެވެ. މިހާރު އަރަހުށި މާތްﷲ އެކަމުގައި އަޅުގަނޑުގެ މައްޗަށްވަނީ ބަރަކާތްލައްވައިފައެވެ. ވީމާ މިފަދަ އެހެން ކަމެއް ކުރުމަށް އަޅުގަނޑަށް އަމުރު ކުރައްވާށެވެ.]
މާތް ރަސޫލާ صلّى اللّـه عليه وسلّم ޙަދީޘް ކުރެއްވިއެވެ. [ މާތްﷲ އަށް ސަޖިދަ ކުރައްވާށެވެ. އޭގެ ސަބަބުން އެއް ދަރަޖަ އުފުއްލަވައި، ފާފައެއް ފުއްސަވައި ދެއްވާނެއެވެ.] (މުސްނަދު އަޙްމަދު، ވޮލިޔުމް 8، ޞ. 269، ޙަދީޘް 22202)
އަބޫ އުމާމަތުލް ބާހިލީ ރަޟިޔަﷲ ޢަންހަކީ ދީލަތިފުޅު ބޭކަލެކެވެ. ދީލަތިފުޅުކަމަށް މަޝްހޫރު ބޭކަލެކެވެ. ފަޤީރުންނާއި މިސްކީނުންނާއި މުހުތާދުވެރިންނަށް ޞަދަޤާތް ދެއްވުމަކީ އެކަލޭގެފާނުގެ ޚާއްޞަ އުފާފުޅެކެވެ. ދުވަހަކުވެސް ސަލާންޖަހާ މީހަކު ހުސްއަތާ ދިޔުމަކަށް ދޫކޮށެއް ނުލައްވައެވެ.
ޢިލްމުވެރިކަން
އަބޫ އުމާމަތުލް ބާހިލީ ރަޟިޔަﷲ ޢަންހަކީ ވަރަށް ޢިލްމުވެރި ބޭކަލެކެވެ. ޢިލްމަށް ލޯބިކުރެއްވި ބޭކަލެކެވެ. ވަރަށް ގިނަ ޙަދީޘް ރިވާކުރެއްވި ޞަޙާބީއެކެވެ. އެކަލޭގެފާނުގެ އަރިހުން 250 ޙަދީޘް ރިވާވެގެން އައިސްފައިވެއެވެ. އޭގެ ތެރެއިން އިމާމު ބުޚާރީ 5 ޙަދީޘް ރިވާކުރައްވައިފައިވެއެވެ. މުސްލިމުގައި 3 ޙަދީޘްވެއެވެ.{ތަޙްޒީބުލް އަސްމާ ވަލް ލުޣާތު، ވޮލިޔުމް 2، ސ. 468}
އެކަލޭގެފާނު ވަރަށް ގިނައިން މީސްތަކުން އެއްކުރައްވާ ޢިލްމު ފޯރުކޮށްދެއްވުމުގެ މަޖިލިސްތައް ބާއްވަވައެވެ. މީސްތަކުންނަށް މާތް ރަސޫލާ صلّى اللّـه عليه وسلّم ގެ ޙަދީޘް ބަސްފުޅުތައް އުނގައްނަވައި ދެއްވައެވެ. ސުންނަތައް އަމަލުކުރުމުގެ މުހިންމުކަން ބަޔާންކޮށްދެއްވައެވެ. މާތް ރަސޫލާގެ އުޅުއްވުމާއި އެކަލޭގެފާނުގެ ސިފަފުޅުތައް ރިވާކޮށްދެއްވައެވެ.
އަވަހާރަވުން
ވަރަށް ދިގު އުމުރުފުޅެއްވަންދެން އަބޫ އުމާމަތުލް ބާހިލީ ރަޟިޔަﷲ ޢަންހު ދުނިޔޭގައި ހުންނެވިއެވެ. އެކަލޭގެފާނު އަވަހާރަވީ ހިޖްރައިން 81 ނުވަތަ 86 ވަނަ އަހަރުގެ ތެރޭގައެވެ. އޭރު އެކަލޭގެފާނުގެ އުމުރުފުޅަކީ 91 އަހަރެވެ. އެކަލޭގެފާނު އަވަހާރަވީ ޝާމުކަރައިގެ ހިމްސުގައެވެ. އެކަލޭގެފާނަކީ ޝާމުކަރައިގައި އެންމަފަހު އަވަހާރަވި ޞަޙާބީއެވެ.(ތާރީޚް އިބްނުއަސާކިރު، ވޮލިޔުމް 24، ޞ. 59-75)
އަސްލު ލިޔުއްވީ: މައުލާނާ އަދްނާން އަޙްމަދު ޢައްޠާރީ މަދަނީ
ތަރުޖަމާކުރީ: ޢަލީ އިޙްސާން ފިރާޤު