[ނާ ފަހަރުތަކުގައި ރޯކޮށް އަންދާލާށެވެ.]
އާދެ މިއީ މީލާދީން 711 ވަނަ އަހަރު ކަނޑުމަގުން ސްޕެއިންއަށް ވަދެވަޑައިގަތުމަށްފަހު ތާރިޤު ބިން ޒިޔާދު އޭނާގެ ކުޑަކުޑަ ލަޝްކަރާ މުޚާތަބު ކުރައްވާ ވިދާޅުވި ބަސްފުޅެކެވެ. އޭނާގެ އަމުރުފުޅު ލަސްފަސްވުމެއްނެތި ތަންފީޒު ކުރެވިއްޖެއެވެ. އޭރު ބަނޑުހައިވެފައިވާ ސިންގާތަކެއް ފަދައިން ދުޝްމިނުންގެ ލަޝްކަރު އޮތީ މުސްލިމުންނާ ޙަމަލަދޭން ތައްޔާރަށެވެ.
ނަމަވެސް އިސްލާމީ އުއްމަތުގެ ހޫނު ލޭ ހިނގާ، މި މަތިވެރި ޒުވާން ޖެނެރަލުގެ ހިތްޕުޅުވަނީ މާތްﷲ އާ މެދު އޮންނަ އިތުބާރުން ފުރިފައެވެ. މާތްﷲ ގެ މަގުގައި ހަނގުރާމަ ކުރުމުގެ ޢަޒުމުން އޭނާގެ ނާރުފުޅުތަކަށްވަނީ އާދަޔާ ޚިލާފު ދިރުމެއް ގެނެސްދީފައެވެ. މި ހިތްވަރުފުޅުގަދަ ޢަސްކަރީ ޤާއިދު، ލަޝްކަރުގެ މީސްތަކުންނާ މުޚާޠަބު ކުރައްވާ ވިދާޅުވިއެވެ.
[އަޅުގަނޑުގެ ލޮބުވެތި އަޚުންނޭވެ. އަޅުގަނޑުމެން މިތިބީ الله ގެ ރިސާލަތު ފެތުރުމަށް އައިހެވެ. މިހާރު، ދުޝްމަނުން ތިޔަބައިމީހުންގެ ކުރިމަތީގައްޔާއި ފަހަތުގައި އެބަ ތިއްބެވެ. މާތްﷲ ގެ މަގުގައި ތިޔަބައިމީހުން ހަނގުރާމަ ކުރާށެވެ. އޮތީ ކާމިޔާބީއެވެ. ނުވަތަ ޝަހީދުވުމެވެ. މިދެގޮތުގެ ތެރެއަށް އިތުރުކުރާނެ ތިންވަނަ ގޮތެއްނެތެވެ. (ނާތަކުގައި ރޯކޮށް އަންދާލުމުގެ ސަބަބުން) ފިލައިގެން ދިޔުމުގެ އެންމެހައި ދޮރުތަކެއް ބަންދުވެއްޖެއެވެ.]
ޝައްކެއްނެތެވެ. ހިތްވަރުގަދަކަމާއި، މާތްﷲ އަށް ތަޤުވާވެރިވުމަކީ ކާމިޔާބަށް ވާސިލުވުމުގެ އާސީސީ ދެ ޝަރުތެވެ. އިސްލާމްދީނުގެ ފުތޫޙާތު ކުރިއަރައިގެން ދިޔައީ މިދެންނެވިފަދަ ސިފަތަކުން ސިފަލިބިގެންވާ މަތިވެރި މުޖާހިދުންގެ ހިންމަތާއި މިންނަތުގެ ނަތީޖާގެ ސަބަބުންނެވެ.
ޠާރިޤް ބިން ޒިޔާދަކީ އަލްޖީރިއާގެ ބަރްބަރު ޤަބީލާއަށް ނިސްބަތްވެވަޑައިގަންނަވާ ޒުވާނެކެވެ. އަލަށް އިސްލާމްވެވަޑައިގެންނެވި ބޭކަލެކެވެ. ބައެއް ރިވާޔަތްތަކުގައި އޭނާއަކީ މިނިވަންވެފައިވާ އަޅެއްކަމުގައިވެސް އައިސްފައިވެއެވެ.
މިނިވަނެއްގެ ގޮތުގައި އުފަންވާ މީހުންނެކޭ އެއްފަދައިން އަޅުންނަށްވެސް އިސްލާމްދީނުގައި ވަނީ މަތިވެރި ދަރަޖައެއް ދެއްވައިފައެވެ. ސަލްމާނުލް ފާރިސީ އާއި ބިލާލު ބިން ރަބާޙް އާއި ޒައިދު ބިން ޙާރިޘް (ރަޟިޔަﷲ ޢަންހުމް) އަކީ މާތް ރަސޫލާގެ ޒަމާނުގައި މިނިވަން ކުރެވިފައިވާ އަޅުންނެވެ. އެބޭކަލުންވަނީ ތަފާތު މަތިވެރި މަޤާމުތައް ފުރުއްވައިފައެވެ. އެގޮތުން ސަލްމާނުގެފާނު، މަދާއިންގެ ގަވަރުނަރުކަމަށް އައްޔަން ކުރެއްވިއެވެ. ބިލާލުގެފާނަކީ މާތް ރަސޫލާގެ ޚާއްޞަ މުއައްޒިންކަމުގައި ހަމަޖެއްސެވިއެވެ. މުއުތާ ހަނގުރާމައިގައި ކޮމާންޑަރަކަށް އައްޔަން ކުރެއްވި ބޭކަލުންގެ ތެރޭގައި ޒައިދުގެފާނު ހިމެނިވަޑައިގަންނަވައެވެ.
ޠާރިޤް ބިން ޒިޔާދު އުފަންވެވަޑައިގަތީ ހިޖުރައިން 50 ވަނަ އަހަރުގައެވެ. ތާރީޚް ޢިލްމުވެރިޔާ އިބްނު އިޛާރީ ހާމަކުރައްވާ ގޮތުގައި އޭނާއަކީ އުލްޙާސާ ޤަބީލާގެ މީހެކެވެ. އިބްނު ޚަލްދޫން ލިޔުއްވާފައިވާ ގޮތުގައި އަލްޖީރިއާގެ ޓްލެމްސެންގައި އޮންނަ ތަފްނާ ކޯރުގެ ދެފަރާތުން އުލްހާސާ ޤަބީލާގެ މީހުން ފެނިފައިވެއެވެ.
ތާރިޤު ބިން ޒިޔާދަކީ އައިބީރިއާގެ ތާރީޚުގައި އެންމެ މުހިންމު އެއް އަސްކަރީ ކޮމާންޑަރުގެ ގޮތުގައި ފާހަގަކޮށްފައިވާ އެއް ޝަޚްޞިއްޔަތެވެ. ބުނެވޭ ގޮތުގައި އޭނާއަށް ހުވަފެނުގައި ކީރިތި ރަސޫލާ صلى الله عليه وسلم ފެނިވަޑައިގަތެވެ. އޭނާއާ މުޚާޠަބު ކުރައްވައި މާތް ރަސޫލާ ވިދާޅުވިއެވެ.
[އޭ ޠާރިޤްއެވެ. ހިތްވަރު ކުރައްވާށެވެ. ތިބާ ކުރަން ކަނޑައެޅިފައިވާ ކަންތައްތައް ފުރިހަމަ ކުރުމާއިގެން ކުރިއަށް ވަޑައިގަންނަވާށެވެ.]
ދެން ޠާރިޤަށް ހުވަފެންފުޅުގައި ފެނިވަޑައިގެންނެވީ މާތް ރަސޫލާ އާއި އެކަލޭގެފާނުގެ ޞަޙާބީން، އަންދަލުސްއަށް ވަޑައިގެންނަވާ މަންޒަރެވެ. އެތަންވަޅު އުފާވެރި ހިނިތުންވުމަކާއެކު ހޭފުޅުލެއްވިއްޖެއެވެ. އެވަގުތުން ފެށިގެން ކާމިޔާބާމެދު އޭނާ ދުވަހަކުވެސް ޝައްކެއް ނުކުރައްވައެވެ. މީލާދީން 711 ވަނަ އަހަރު މޮރޮކޯއިން ކުޑަ ލަޝްކަރެއް ތައްޔާރު ކުރައްވައި އޭގެ އިސްވެރިއެއްގެ ގޮތުގައި ހުންނަވައިގެން ސްޕެއިންނަށް ވަޑައިގެން އުސް ފަރުބަދައެއްގެ މައްޗަށް ފައިބައިވަޑައިގެންނެވިއެވެ. މިފަރުބަދަ މަޝްހޫރުވެވައިވަނީ ޖަބަލުއްޠާރިޤުގެ ނަމުންނެވެ.
ޠާރިޤު ބިން ޒިޔާދުގެ ލަޝްކަރުގައި ހިމެނެނީ 300 ޢަރަބީންނާއި 10،000 ބަރުބަރުންނެވެ. އޭރު ސްޕެއިންގެ ރަސްގެފާނު ރޮޑެރިކް ވަނީ މުސްލިމުންނާ ދެކޮޅަށް 100،000 ހަނގުރާމަވެރިންގެ ލަޝްކަރެއް ތައްޔާރުކޮށްފައެވެ. އެހެންކަމުން ތާރިޤު އިތުރު އެހީއަށް އެދިވަޑައިގެންނެވިއެވެ. ނަތީޖާއެއްގެ ގޮތުން ތާރިފް ބިން މާލިކުގެ ކޮމާންޑަރުކަމުގެ ދަށުން 7000 ސިފައިން ލިބުނެވެ.
ކުރިމަތިން ފެންނަމުން ދިޔަ ދުޝްމަނުންގެ ގަދަފަދަ ލަޝްކަރުގެ ސަބަބުން މުސްލިމުންގެ ހިތްތަކަށްވަނީ ބިރުވެރިކަން ވަދެފައެވެ. އެމީހުން ތިބީ ވަރަށް ހާސްވެފައެވެ. މިތަންވަޅު ތާރިޤު އަމުރުކުރެއްވީ ނާފަހަރުތައް އަންދާލުމަށެވެ. މިކަންތައް ފުރިހަމަ ކުރެއްވުމަށްފަހު އިސްވެދިޔަ ތާނގައި ދެންނެވިފައިވާ ޚާއްޞަ ޚިޠާބު މުސްލިމުންނަށް އިއްވެވިއެވެ. ކޮންމެއަކަސް ހަނގުރާމަފެށި ދެލަޝްކަރު ބައްދަލުވެއްޖެއެވެ. ހަނގުރާމައިގެ ތިލަފަތް މުސްލިމުންނާވީކޮޅަށް ބަރުވެއްޖެއެވެ. މުސްލިމުންގެ އަތުން ސްޕެއިންގެ ރަސްގެފާނު ޤަތުލުވެއްޖެއެވެ. މިކަމެއް ހިނގީ ހިޖްރައިން 92 ވަނަ އަހަރުގެ ރަމަޟާންމަހުގެ 28 ވަނަ ދުވަހުގެ ތެރޭގައެވެ.
ބަލިވި ސްޕެއިން ލަޝްކަރު ފަހަތަށް ޖެހިލާ މިޝްރާބު ޖެހީ ޓޮލެޑޯއާ ދިމާއަށެވެ. އެވަގުތު ޠާރިޤު ބިން ޒިޔާދު އޭނާގެ ސިފައިން ހަތަރު ބަޔަކަށް ބަހައިލިއެވެ. އެތަނުން އެއްބައި ކޯޑޯބާއާ ދިމާއަށް ކުރިއަށް ގޮސް އެތަން ކޮންޓްރޯލް ކުރިއެވެ. ދެވަނަ ބައިގެ މުޖާހިދުން، މުރްސިއާ އަތުލައިގަނެ އެތަން އެބައިމީހުންގެ ބާރުގެ ދަށަށް ގެނައެވެ. ތިންވަނަ ބައިގައި ހިމެނުނު މުޖާހިދުން، ދިޔައީ ސަރަގޯސާއާ ދިމާއަށެވެ. ޚުދު ޠާރިޤުވެސް އަވަސް އަވަހަށް ޓޮލެޑޯއާ ދިމާއަށް ވަޑައިގެންނެވިއެވެ. އެ ސިޓީގެ މީހުން އެއްވެސް ދެކޮޅުވެރިކަމެއްނެތި އަމާންދީފިއެވެ. ރޮޑެރިކް ރަސްގެފާނުގެ ވެރިކަން ނިމި ސިއްކަޖެހިއްޖެއެވެ.
އެ ބޮޑު ކާމިޔާބީ ޚަބަރު ލިބިވަޑައިގެންނެވުމުން މުސްލިމުންގެ ކޮމާންޑަރ މޫސާ ބިން ނުޞައިރު 18،000 މީހުންގެ ބޮޑު ލަޝްކަރަކާއެކު ސްޕެއިންއަށް ވަޑައިގެންނެވިއެވެ. މި ދެ ޖެނެރަލުން އައިބީރިއަން ޕެނިންސުލާގެ ތިންބައިކުޅަ ދެބަޔަށްވުރެ، ބޮޑުބައި މުސްލިމުންގެ ބާރުގެ ދަށަށް ގެނައެވެ. ސަރަގޯސާ އާއި ބާސެލޯނާ އަދި ޕޯޗުގަލް އެއްފަހަރާ ކަހަލަ ގޮތަކަށް މުސްލިމުންގެ ބާރުގެ ދަށަށް ގެނައެވެ. އޭގެފަހުން ޕައިރެނީސް ފަރުބަދަ ހުރަސްކޮށް ފްރާންސްގެ ލިއޮންސް ހިފިއެވެ. ސްޕެއިން މުސްލިމުންގެ ވެރިކަމުގެ ދަށުގައި 750 އަހަރަށް ވުރެ ގިނަ ދުވަހު އޮތެވެ. އެއީ މީލާދީން 711 އިން 1492 އާ ހަމައަށެވެ.
މުސްލިމުންގެ ވެރިކަން ވެގެން ދިޔައީ އާންމު ރައްޔިތުންނަށް ލިބުނު ވަރަށް ބޮޑު ނިޢުމަތެކެވެ. އެބައިމީހުންގެ އަތުން އެއްވެސް މުދަލެއް ނަހަމަ ގޮތުގައި އަތުލައިގަނެފައެއް ނުވެއެވެ. މުސްލިމުން، އެތަނުގައި ޓެކްސް ނެގުމުގެ ނިޒާމެއް ތައާރަފްކުރިއެވެ. އޭގެ ނަތީޖާއެއްގެ ގޮތުން ވަރަށް އަވަހަށް އެ ސަރަހަށްދަށް ތަނަވަސްކަން އޮހެން ފަށައިފިއެވެ. ހުޅަނގުގެ ޤައުމުތަކަށް ނަމޫނާ ޤައުމަކަށްވެއްޖެއެވެ. އެތަނުގައި ދިރިއުޅޭ ކްރިސްޓިއަނުންގެ މައްސަލަތައް ހައްލުކުރުމަށްޓަކައި އެބައިމީހުންގެ އަމިއްލަ ފަނޑިޔާރުން ތިއްބެވެ.
އެތަނުގެ ހުރިހާ ޖަމާއަތްތަކަށް ވެސް އާންމު ޚިދުމަތުގެ ދާއިރާއަށް ވަނުމުގެ ފުރުސަތު ހަމަހަމައަށް މުސްލިމުން ހުޅުވައިލިއެވެ. އެތަނުގެ ޔަހޫދީންނާއި ދަނޑުވެރިން މުސްލިމުންނަށް ބަލައިގަތީ އުފަލާއެކުގައެވެ. މުސްލިމުން އެތަނުގައި އޮތް އަޅުވެތިކަން ނައްތައިލިއެވެ. އިންސާފުވެރި އުޖޫރައެއް ހަމަޖެއްސިއެވެ. އަޅަކު އިސްލާމްވެއްޖެނަމަ އެމީހަކީ މިނިވަނެއްކަމުގައި ހަމަޖެހިގެންދެއެވެ. ސްޕެއިންގެ ވަރަށް ގިނަ އަޅުން އިސްލާމްދީން ގަބޫލުކުރީ އެބައިމީހުންގެ ސާހިބު މީހާގެ އަނިޔާވެރިކަމުން ސަލާމަތްވުމަށްޓަކައެވެ. ދީނީ ކުދިކުދި ޖަމާއަތްތައް ކަމަށްވާ ޔަހޫދީންނާއި، ކްރިސްޓިއަނުންނަށް ދައުލަތުގެ ހިމާޔަތު ލިބި، ސަރުކާރުގެ އެންމެ މަތީ ފަންތީގައި ބައިވެރިވުމުގެ ފުރުސަތުދިނެވެ.
މުސްލިމުންގެ ވެރިކަމުގެ ނަތީޖާއެއްގެ ގޮތުން ސްޕެއިން ވެގެން ދިޔައީ ފަންނާއި ސައިންސާއި ސަގާފަތުގެ ރޮނގުން ޔޫރަޕުގެ ޤައުމުތަކުގެ މައި މަރުކަޒަކަށެވެ. މިސްކިތްތަކާއި، ގަނޑުވަރުތަކާއި، ބަގީޗާތަކާއި، ހޮސްޕިޓަލްތަކާއި، ލައިބްރަރީތައް މުސްލިމުން އެތަނުގައި ބިނާކުރިއެވެ. ކެނަލްތައް މަރާމާތުކޮށް އެތަނުގައި އާ ކެނަލުތައް ހެދިއެވެ. އިސްލާމީ ދައުލަތުގެ އެހެން ހިސާބުތަކުން ތަފާތު ބާވަތްބާވަތުގެ ދަނޑުގޮވާމުގެ ބާވަތްތައް ގެނެސް ސްފެއިންއަށް ތައާރަފުކުރިއެވެ. އޭގެ ސަބަބުން ދަނޑުވެރިކަން ފުޅާވެ އުފެއްދުންތައް އިތުރުވެގެން ދިޔައެވެ.
ސްޕެއިން ފަތަހަ ކުރެއްވުމުގެ މަތިވެރި މަސައްކަތްޕުޅު އަދާކުރައްވާ ނިންމެވިތަނުން ތާރިޤު ބިން ޒިޔާދާއި، މޫސާ ބިން ނުޞައިރު، ދިމިޝްޤަށް ވަޑައިގެންނެވުމަށް ޚަލީފާ ވަލީދު ބިން ޢަބްދުލް މަލިކު އެދިވަޑައިގެންފިއެވެ. އޭގެ ދެކަލުން ދިމިޝްޤަށް ވަޑައިގެންނެވިއިރު ޚަލީފާ އޮންނެވީ އަވަހާރަވުމުގެ އާލާސްކަންފުޅުގައެވެ. ނަމަވެސް ޚަލީފާ އޭގެ ދެކަލުންނަށް ނުހަނު ކަމޭހިއްތަވާ ހެޔޮފުޅުކޮށް ހިއްތެވިއެވެ.
ޚަލީފާ ވަލީދު ބިން ޢަބްދުލް މަލިކު އަވަހާރަވުމުން ދެން ޚިލާފަތުގެ ލަގަން ލިބިވަޑައިގެންނެވީ ސުލައިމާނު ބިން ޢަބްދުލް މަލިކަށެވެ. އޭނާ، ތާރިޤު ބިން ޒިޔާދަށާއި، މޫސާ ބިން ނުޞައިރުއާ މެދު ކަންތައް ކުރެއްވީ ނުހަނު ހަރުކަށިކޮށެވެ. ހުރިހާ ކަމަކުން އޭގެ ދެކަލުން މަހުރޫމުކުރުވިއެވެ. ތާރިޤު އަވަހާރަވީ މީލާދީން 720 ވަނަ އަހަރު ދިމިޝްޤުގައެވެ.
އަސްލި ލިޔުއްވީ: އަބޫ ޠާރިޤު ޙިޖާޒީ
ދިވެހިބަހަށް ތަރުޖަމާކުރީ: ޢަލީ އިޙްސާން ފިރާޤު