ކުޑަކުޑަ ބިންކޮޅެއްގެ ދަހިވެތިކަމުގަ ބޮޑުބޭބެ، ކޮއްކޮއަށް ހަދަމުން ގެންދިއަ ވަރުގަދަ ސިހުރުން ސަލާމަތްވެ ކާމިޔާބުލިބުނު ގޮތުގެ ވާހަކަ-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 5މ 3ސ
ކުޑަކުޑަ ބިންކޮޅެއްގެ ދަހިވެތިކަމުގަ ބޮޑުބޭބެ، ކޮއްކޮއަށް ހަދަމުން ގެންދިއަ ވަރުގަދަ ސިހުރުން ސަލާމަތްވެ ކާމިޔާބުލިބުނު ގޮތުގެ ވާހަކަ-

"އަޅުގަނޑަކީ ކޮލެޖުގައި ކިޔަވަމުން އަންނަ ދަރިވަރެކެވެ. މިހިސާބަށް އައުދެވުނީވެސް ވަރަށް ބުރަކޮށް ވަރަށް ގިނަ މަސައްކަތްތަކެއް ކޮށްގެންނެވެ. އަދިވެސް މިއުޅެނީ ކުރިމަތިވާ ގޮތް ނުއެނގޭ ހުރަސްތަކުން ސަލާމަތްނުވެވިގެންނެވެ. ބައެއް އެކުވެރިން ބުނަނީ އަޅުގަނދަށް ސިޙުރެއް ޖެހިފައިވާ ކަމަށެވެ. 

މައްސަލައަކީ އެބާވަތުގެ ކަމެއް އަޅުގަނޑަށް ކުރަންޖެހޭނެ ސަބަބެއް އަދި ކޮށްފާނެ މީހަކުވެސް ނުވިސްނޭތީއެވެ. މަންމަމެން ބުނަނީ ރުޤްޔާކުރަންވީ ކަމަށެވެ. އެއީ ކުރަން ރަނގަޅުކަމެއްތޯއެވެ؟" 

ކިޔުންތެރިޔާގެ ސުވާލުގެ ޖަވާބުގައި ބުނަން ޖެހެނީ ދީނުގައިވާ މަގުން ރުޤްޔާކުރާ މީހުންލައްވައި ރުޤްޔާކުރުމަކީ ކުރަން އޮތްކަމެކެވެ. އަދި އަމިއްލައަށްވެސް ރުޤްޔާކުރެވޭނެއެވެ. މަންމަ އެބުނަނީ ރަނގަޅަށެވެ. ގޮތް ނުއެނގޭ ހުރަސްތައް ކުރިމަތިވާނަމަ ރުޤްޔާކުރަންވާނެއެވެ. އެންމެ ފުރަތަމަ ކިުޑަކޮށް ބުރަވިނަމަވެސް އަމިއްލައަށް ކުރަން ހިތްވަރުކުރާށެވެ. އެއިރުން ހަމަ އެހިސާބުންވެސް ޙައްލުވެދާނެއެވެ. އިން ޝާ ﷲ 

ތިރީގައިވާ ވާހަކައިން ޢިބްރަތް ޙާޞިލުކުރާށެވެ. އަދި ހިތްވަރުވެސް ލިބިގަންނާށެވެ!

އަހަރެން އުފަންވިތަނުން ﷲ ވަނީ އަހަރެންގެ ބައްޕަ އެކަލާނގެ ރަޙްމަތަށް ގެންދަވާފައެވެ. ބޮޑުވީ ވަރަށް ލޯބިދިން ވަރަށް އޯގާތެރި ބައްޕައެއް ފަދަ ދޮންބައްޕައެއްގެ އެހީތެރިކަމުގައެވެ. އެކަމަށްޓަކައި ﷲ ދޮންބައްޕައަށް ހެޔޮ ރަޙްމަތް ލައްވަވާށި! އާމީން 

މައްސަލަތައް ފުރަތަމަ ކުރިމަތިވާންފެށީ ކޮލެޖުގެ ފަހު ދުވަސްތަކުގައެވެ. ފައިނަލް އިމްތިޙާންތައް ހަދަމުން ދިއަ ދުވަސްވަރުއެވެ. އިމްތިޙާނުގެ 2،3 ދުވަސްކުރިން ކޮންމެވެސް ކޫސަނި ބައްޔެއް ޖެހޭނެއެވެ. އިމްތިޙާނަށް ތައްޔާރުވުމަށާއި އިމްތިހާން ހެދުމަށް ހުރަސްތަކެއް ކުރިމަތިވާނެއެވެ. 

އެކަމަކަށް އެއްވެސް ވަރަކަށް ސަމާލުކަމެއް ނުދެމެވެ. މިބުނީ އެއީ ކީއްވެގެން މެދުވެރިވާ ކަމެއް ކަމަކާއިމެދު ނުވިސްނާ ވާހަކައެވެ. އެހާލަތުގައި އިމްތިޙާން ހެދުމުންވެސް ރަނގަޅު ނަތީޖާއެއް ވަނީ ލިބިފައެވެ. އިން ޝާ ﷲ 

ދެން ކަންބޮޑުވާން ޖެހުނީ ކައިވެނިކުރާތަނުން ބަލިވާތީއެވެ. ޢުމުރުން 32 އަހަރުވީއިރު 3 ކައިވެނި ކުރެވުނެވެ. ވަރަށް ރަނގަޅު ފިރިހެނުންނާއިއެވެ. ނަމަވެސް ކައިވެނިކުރާތާ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ބޮޑު ބައްޔެއް ޖެހެއެވެ. އެބަލިން ގަދަވާތަނުން އެއްވެސް ކަމަކަށް ނުވާވަރުގެ ކުޑަކުޑަ ކޮންމެވެސް ކަމެއްގައި އަހަރެން ވަރިކުރެއެވެ. 

ފުރަތަމަ ކައިވެނިކޮށްގެން ހަމަ ވަރަށް ދުވަސް އުފަލުގައި ދުވަސްކޮޅެއްވީތަނާ ގައިން ނެގީ ވަރަށް ނުބައި ފިތްކެކެކެވެ. އެކަމުގައި 2،3 މަސް ފާއިތުވެ ރަނގަޅުވީތަނާ ވަރިކޮށްފިއެވެ. ދެކައިވެނީގައި ގައިން ނެގީ ފާޑެއްގެ ފެންފޮޅުތަކެކެވެ. އެފަހަރުވެސް ދިމާވީ ހަމައެފަދަ ގޮތެކެވެ. 3 ވަނަ ކައިވެނީގައި އައީ ވަރަށް ގަދަ ހުމެކެވެ. ކަންތައްތައް މެދުވެރިވީ ހަމަ އެފަދަ ގޮތަކަށެވެ. 

3 ވަނަ ކައިވެނި ރޫޅުމުން ވަރަށް ބޮޑަށް ވިސްނަން ފެށުނެވެ. އެދުވަސްވަރު ފުރަތަމަ ފިރިމީހާގެ މަންމަ އާއި ބައްދަލުވެ އަހަރެންގެ ޙަޔާތުގެ ކަންކަން ޙިއްޞާކުރުމުން އޭނާ އަހަރެން ގޮވައިގެން ރުޤްޔާކުރާ މީހެއްގެ ގާތަށް ގޮސް ކުރި މަސައްކަތް އެމީހުން ނިންމައިލީ 3 މަސްދުވަހުންނެވެ. 

މަސައްކަތް ނިންމާލަމުން އެމީހުން ބުންޏެވެ. "މިހާރު ތިއަހެރީ ﷲ ވާގިފުޅާއިއެކު ކްލެއަށް އެމީހަކު ހެދި ނުބައި ސިހުރުތަކުން ސަލާމަތްވެވިފައެވެ. އެމީހަކު އެކަންކުރިކަމަށް ބެލެވެނީ އެއްމެދު މުދަލެއްގެ ދަހިވެތިކަމުގައެވެ. ނަމަވެސް އެއްވެސް މީހަކާއިމެދު ޝައްކުކޮށް ހިތްނުބައިކުރުން ފަދަ ކަމެއް ނުކުރާށެވެ! އަލުން ކައިވެންޏެއް ކުރާށެވެ! ﷲ ވާގިފުޅާއިއެކު ކުރިން ދިމާވިފަދަ އެއްވެސް ކަމެއް މެދުވެރިއެއް ނުވާނެއެވެ. މެދުވެރިވީނަމަވެސް އަންގައިލާށެވެ!" 

އަހަރެން ވިސްނީމެވެ. އަހަރެންގެ ހުރީ ކޮން މުދަލެއް ހެއްޔެވެ؟ ބަހަންޖެހޭނެ އެއްޗަކީ ކޮބައި ހެއްޔެވެ؟ ވިސްނުމަކަށްވެސް ނައެވެ. މަންމަ ނިޔާވިއިރުވެސް އަހަރެންނަށް ހިއްޞާވާ އެއްވެސް މުދަލެއް ހުރިވާހަކަ ބުނެފައި ނެތުމުން ޚިޔާލަށްވެސް ނައީއެވެ. އަހަރެމެން އުޅުނީ ދޮންބައްޕަގެ އެހީތެރިކަމުގައެވެ. ދޮންބައްޕަގެ މުދަލުން އަހަރެންނަކަށް ނުލިބޭނެ ނޫން ހެއްޔެވެ؟                 

އެހެން ހުއްޓައި އެއްދުވަހަކު ބައްޕަ ފަރާތު ބޮޑުބޭބެ އައިސް ބުންޏެވެ. "ކޮއްކޯއެވެ؟ އަހަރެން މިދިރިއުޅެނީ ކޮއްކޮގެ ކާފަގެ ބިމެއްގައެވެ. އެބިމުގައި ކޮއްކޮއަށް ވެސް ބައެއްވާނެއެވެ. ދެހާސް އަކަފޫޓުވަރުވާނެއެވެ. ބޮޑުބޭބެއަށް އެބިންކޮޅު ވިއްކަންވީ ނޫންހެއްޔެވެ؟" 

"އަހަރެންނަށް ބުނެވުނެވެ. "އަހަރެން ކިޔެވިއިރުންސުރެ ސިހުރު ހަދަމުން ތިއަ ގެންދިއައީ އެބިންކޮޅުގެ ބޭނުމުގައި ހެއްޔެވެ؟ ސިހުރު ނުހަދައި ބުނި ނަމަވެސް އަހަރެން ބޮޑުބޭބެއަށް ދޫކޮށްލީމުހެވެ. އަހަރެން ތިއަ ބިންކޮޅުވެސް ބިންކޮޅަށް އެއްވެސް އަގެއްވެސް ބޭނުމެއް ނޫނެވެ! އަވަހަށް އަހަރެންގެ ލޯމަތިން ދުރަށްދާށެވެ!" 

މިބަސްތައް އަހަރެންނަށް ބުނެވުނީ ކީއްވެގެންކަމެއް ނުވެސް އެނގެއެވެ. އެއީ ޤަޞްދުގައި ބުނި ބަސްތަކެއްވެސް ނޫނެވެ. އެހެން ބުނެވުމުން ބޮޑުބޭބެ ބިރުން ތުރުތުރު އަޅައިގަތްކަން އެނގުނެވެ. އިރުކޮޅަކު މަޑުންހުރެފައި ބުންޏެވެ! "އެއީ ފަހަރިއާހުރެ ކުރެވުނު ނުބައިކަމެކެވެ. ބޮޑުބޭބެއަށް މާފުކުރާށެވެ!" 

ޖަވާބުގައި ބުނީމެވެ. "މާފުކޮށްފީމެވެ. އެންމެންނަށްވެސް މާފުކޮށްފީމެވެ. ފަހަރިއަށްވެސް މާފުކޮށްފީމެވެ. އެކަމަކު އަހަރެންގެ ކުރިމަތިން އަވަހަށްދުރަށްދާށެވެ! ސިހުރުހަދާ މީހުންދެކެ ވަރަށް ބޮޑަށް ބިރުގަނެއެވެ!" 

ކަންދިމާވިގޮތުން ފުރަތަމަ ފިރިމީހާ އަހަރެން ވަރިކުރި ގޮތަށް އިތުރު ކައިވެންޏެއް ނުކޮށްހުރީއެވެ. މަންމަގެ އެހީތެރިކަމާއިއެކު އަހަރެމެންގެ ކައިވެނި އަލުން ކުރެވުނެވެ. ކައިވެންޏަށް މިހާރު 12 އަހަރު ފުރުނީއެވެ. 4 ދަރިން ވަނީ ލިބިފައެވެ. ދިރިއުޅެމުން މިދަނީ ހަމަ އަލަތުކައިވެނިފަދައިން ހަމައެހައި އުފަލުގައެވެ. 

އަހަރެންނަށް ކުރިމަތިވި ކަންކަމުގެ ވާހަކަތައް މިކިޔައިދިނީ ސިހުރަކީ ނުވާ އެއްޗެއްކަމަށް ބައެއް މީހުން މިހާރުވެސް ބުނާތީއެވެ. ސިހުރު ނުޖެހޭނެކަމަށްބުނާތީ އެއީ ޖެހޭ އެއްޗެއްކަން ހާމަކުރުމަށެވެ. އަހަރެންގެ ޙަޔާތުގެ މިވާހަކޮޅުން ބައަކަށް ފައިދާއެއް ކޮށްފާނެކަމަށެވެ! 

ސިހުރުހަދާ މީހުން ވިސްނާށެވެ! އަހަރެން ކިޔެވިއަ ނުދޭން ސހުރު ހެދިއެވެ. އކަމަކު އަހަރެން އެންމެ މަތިން ފާސްވިއެވެ. ޒަވާޖީ ޙަޔާތެއް ލިބުނަނުދޭން ސިހުރުހެދިއެވެ. އެކަމަކު ހަމައުފަލުގައި ދިރިއުޅެމުން މިދަނީ އަލަތުފިރިމީހާ އާއިއެކުގައެވެ. ހަމަ ﷲ ގެ ރަޙްމަތްފުޅުންނެވެ. ވީއިރު ކަލޭމެންގެ އޮތީ ކޮން މޮޅުކަމެއް ހެއްޔެވެ؟ ﷲ ދެއްވަވަން އިރާދަކުރައްވަވާ ނޢްމަތަކަށް ކަލޭމެންނަށް ހުރަސްއެޅޭނީ ކިހިނަކުންހެއްޔެވެ؟ ތިއަ ހަދާ ސިހުރުން ފާފަވެރިވެ ނަރަކައަށް ވަންނަން ޖެހުން ނޫން ގޮތެއް ނެތުނަސް ނެތޭނީ ހަަމ ކަލޭމެންނަށެވެ! 

- ނަސީމާ އަޚްތަރު ޚާން/ ހައިދަރު އާބާދު/ އިންޑިއާ

މިއަދު އޮންލައިން