މައިންބަފައިންގެ ގޭގައި ނަމަވެސް ފާފަކުރާނަމަ އެގެއެއްގައި އަނބިދަރިން ގެންގުޅެން ހެޔޮނުވާނެ! އަނބިދަރިން ސަލާމަތްކުރުމަކީ ތިބާގެ މައްޗަށް އޮތް އެންމެ ބޮޑު ވާޖިބު!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 54ސ
މައިންބަފައިންގެ ގޭގައި ނަމަވެސް ފާފަކުރާނަމަ އެގެއެއްގައި އަނބިދަރިން ގެންގުޅެން ހެޔޮނުވާނެ! އަނބިދަރިން ސަލާމަތްކުރުމަކީ ތިބާގެ މައްޗަށް އޮތް އެންމެ ބޮޑު ވާޖިބު!

އެގެއެއްގައި ފާފަތައް ކުރެވޭ ގެއެއްގައި ދިރިއުޅެން ހެޔޮނުވާނެއެވެ. އެގެއަކީ ތިބާގެ މައިންބަފައިން ދިރިއުޅޭ އަދި ޢާއިލާގެ އެންމެން ދިރިއުޅޭގެއެއްކަމުގައިވީނަމަވެސްމެއެވެ. މަސައްކަތްކުރަންވާނީ އެގެ ނޫންތަނެއްގައި ދިރިއުޅުމަށެވެ. 

ޚާއްޞަކޮށް އެފަދަ ގެއެއްގައި އަނބިފަރިން ގެންގުޅެން ހެޔޮނުވާނެއެވެ. ސަބަބަކީ އެގެއެއްގައި އެކުރާ ފާފަކުރަން އެމީހުންނަށްވެސްދަސްވެ ފާފަކުރަން ފަށައިފާނެތީއެވެ. ފާފަކުރަން ފަށައިފިނަމަ އަނބުރައި ﷲ ތަޢާލާގެ މަގަށް ގެނައުމަކީ ކުރަން ފަސޭހަކަމަކަށް ނުވާނެތީއެވެ. 

މިޘާލަކަށް އެގެއެއްގައި ޒިނޭކުރާނަމަ އެތަން އަނބިމީހާގެ ލޮލަށްވެސް ފެންނާނެއެވެ. ސީދާ މަންޒަރުވެސް ފެންނާނެއެވެ. ސީދާ މަންޒަރު ނުފެނުނު ނަމަވެސް އެކަންކުރާކަން އަނބިމީހާއަށް އެނގޭނެއެވެ. އެހިސާބުން އަނބިމީހާ ލައްވައި އެކަން ކުރުވަން ޝައިޠޯނާއަށް ކުރެވުނުހައި ކަމެއް ކުރާނެއެވެ. 

އަނބިމީހާއަށް މިފަދަ ޙާލަތުތަކުން ސަލާމަތްވެ ދިރިއުޅެވޭނެ މާޙައުލެއް ދެއްކުމަކީ ފިރިމީހާގެ މައްޗަށް އޮތް އެންމެ ބޮޑު އެއް ވާޖިބެވެ. އެވާޖިބު އަދާނުކޮށް ނުކޮށްހުއްޓައި އަނބިމީހާ މަގުފުރެދިގެން ހިނގައްޖެނަމަ އެކަމުގެ ޒިންމާ އުފުލަންޖެހޭނީ ފިރިމީހާއެވެ. 

މައިންބަފައިންނަށް ހެޔޮކޮށްހިތަން ޖެހޭނެއެވެ. އެއީ އެއްވެސް ޝައްކެއް އޮތް ކަމެއް ނޫނެވެ. އެހެނަސް ގޭގައި ހިންގާ އެބާވަތުގެ ކަންކަން ހުއްޓުވުމުގެ ބާރު މައިންބަފައިންނަށް ލިބިގެންނުވާނަމަ ނުވަތަ ނުހުއްޓުވޭނަމަ އިސްކަންދޭންވާނީ ﷲ ތަޢާލާގެ މަގަށެވެ. މައިންބަފައިން ދޫކޮށް އެގެއިން ނުކުތުމަކީ ކުރަންޖެހޭނެ ކަމެކެވެ. ނުކުމެ ބޭރުގައި ދިރިއުޅެމުންވެސް މައިންބަފައިންނަށް ހެޔޮކޮށް ކަންކަން ކުރީމާ އެއޮތީ ތިބާގެ ވާޖިބު އަދާކުރެވިފައެވެ. 

މިބުނި ފަދަ މައްސަލަތައް ގިނައިން ދިމާވަނީ ގިނަބައަކު އެކުގައި ދިރިއުޅޭ ގޭގޭގައެވެ. އެންމެ ފުރަތަމަ ނުބައި ޢަމަލުތައް ކުރަންފަށަނީ އެކަކުކަމަށްވެދާނެއެވެ. އެކަން ނުހުއްޓުވުނު ނަމަ އޭނާގެ ސަބަބުން އެހެން މީހުންނަށް އެކަން ފެތުރޭނެއެވެ. ފެތުރެމުން ގޮސް މުޅިގެވެސް އެކަމުގެ ތެރެއަށް އެބަވަދެއެވެ. މިބުނީ ގޭގައި އުޅޭ އެންމެންނަށް އެކަން ފެތުރިގެންދާ ވާހަކައެވެ. 

ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ! އެފަދަ ޙާލެއްގައި އެ މާޙައުލު ދޫކޮށްލުންވެގެންދާނީ ﷲ ތަޢާލާގެ މަގުގައި ކުރި ހިޖުރައަކަށެވެ. އެހެނީ ތިބާ އުޅެބޮޑުވި ގެއާއި މައިންބަފައިންނާއި އަޚުންނާއި އުޚުތުން ދޫކޮށްލައި ތިބާ ނުކުމެގެން އެދަނީ ﷲ ތަޢާލާއަށްޓަކައިކަމުގައިވާނެތީއެވެ. އެޙާލަތުގައި ކުއްޔަށް ތަނެއް ހިފަންޖެހުނަސް ފަސްނުޖެހޭށެވެ. ﷲ ތަޢާލާ ތިބާއަށް އެހީތެރިވެވޮޑިގަންނަވާނެތެވެ. އިން ޝާ ﷲ 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން