ދެމަފިރިންގެ ދެމެދަށް ވަނުމަކީ އެންމެ ބޮޑު އެއްފާފަ! މާފުކުރިނަމަވެސް އެމީހަކު ބަހައްޓަންޖެހޭނީ ދެން އެފަދަ ކަމެއް ނުކުރެވޭނެ ހިސާބު ދުރުގަ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 22ސ
ދެމަފިރިންގެ ދެމެދަށް ވަނުމަކީ އެންމެ ބޮޑު އެއްފާފަ! މާފުކުރިނަމަވެސް އެމީހަކު ބަހައްޓަންޖެހޭނީ ދެން އެފަދަ ކަމެއް ނުކުރެވޭނެ ހިސާބު ދުރުގަ!

މީހަކު ތިބާގެ ދިރިއުޅުމަށް ހުރަސްއަޅަން މަސައްކަތްކުރީއެވެ. ދެމަފިރިންގެ ދޭތެރެއަށް ވަދެ ދުރުކުރަން މަސައްކަތްކުރީއެވެ. އޭނާއަށްވެސް މާފުކުރާށެވެ. ނަމަވެސް އޭނާ ބަހައްޓަންޖެހޭނީ އެފަދަ ކަމެއް އަލުން ކުރުމުގެ ފުރުޞަތު ނުލިބޭނެ ހިސާބުގައެވެ. އެއަށްވުރެ ކައިރިކޮށްގެން ނުވާނެއެވެ. 

އެހެނީ ދިރިއުޅުން ހަލާކުގެ ތެރެއަށް ވެއްޓިދާނެ ކޮންމެ ކަމަކުން ސަލާމަތްވެ ތިބުމަކީ މުސްލިމުން ކުރަންޖެހޭނެ އެންމެ މުހިންމު އެއް ކަންތަކެވެ. އޭނާ ދުރުކޮށްފައި ބެހެއްޓުން ދީނުގައި ހުއްދައެވެ. އެހެންކަމާއިއެކުވެސް ހަތުރަކަށް ނުހަދާށެވެ. އެކުވެރިކަން ބޭއްވުމުން ތިމާއަށް ގެއްލުން ނުވާނެ ހިސާބުން އެކުވެރިކަން ބާއްވާށެވެ. ބައްދަލުވުމުން ހިނިތުންވެލައި ސަލާމްކޮށް ހެޔޮދުޢާކުރާށެވެ. 

ވީމާ މިދަރުސްގެ ތެރެއިން ކުރިން މިބަޔާންކުރި ޙަދީޘްފުޅަށް ވަރަށް ބޮޑަށް ސަމާލުކަން ދޭންވާނެއެވެ. އެއީ މުއްމިނެއްގެ ގައަށް އެއްހޮރަކުން ދެފަހަރަށް ކަށިޖެހިގެން ނުވާނެކަމަށް ބަޔާންކުރި ޙަދީޘްފުޅެވެ. އެ ޙަދީޘްފުޅަށް ޢަމަލުކުރުމަކީ އޭނާގެ ކިބައިން ތިބާގެ ދިރިއުޅުމަށް ހުރަސްއެޅޭނެ އެއްވެސް ފުރުޞަތެއް އިތުރަށް ނުދިނުމެވެ. އެއީ އަންހެނަކު ނަމަވެސް ފިރިހެނަކު ނަމަވެސް މެއެވެ. މުސްކުޅިއަކަސް ޒުވާނަކަށްވިޔަސް އަދި ޢާއިލާގެ މީހަކުނަމަވެސް މިކަމުގައި ވަރަށް ބޮޑަށް ސަމާލުކަންދޭންވާނެއެވެ. 

ހަމައެއާއިއެކު ފާހަގަކުރަންޖެހޭ އެއްކަމަކީ ދެމީހެއްގެ ދިރިއުޅުމުގެ ތެރެއަށް ވަނުމަކީ ކުރެވޭ ވަރަށް ބޮޑު ފާފައެއްކަމެވެ. އެކަން ފާފައަކަށްވެގެންދަނީ ދެމަފިރިއެއްގެ ދެމެދަށްވަދެގަނެ ދިރިއުޅުން ހަލާކުކޮށްލުމަކީ މީހަކަށް ދެވޭނެ އެންމެ ބޮޑު އަނިޔާކަމުގައިވާތީއެވެ. އެކަކަށް ވަރަށް ދެރަ ނިކަމެތި ގޮތްތައް މެދުވެރިވާ ކަމަކަށްވާތީއެވެ. ދަރިންތަކެއް ނިކަމެތިވެގެންދާ ކަމަކަށްވާތީއެވެ.   

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

 

މިއަދު އޮންލައިން