އާސަހަރާ މިސްކިތުގައި ޢިޝާނަމާދު ނިމިގެން އަމީނީމަގުން ސްޓޭޑިއަމް ކައިރިއަށް ދެވުނުއިރު މަގު ބަންދުވެ ކުރިއަކަށް ނުދެވެއެވެ. ފެނުނީ ކުދި ދަރިންކޮޅެއް ދަނޑަކުން ނުކުންނަތަނެވެ. ބަލައިގޮސް ތިބި ބެލެނިވެރިންގެ ސަބަބުން މަގުބަންދުވީއެވެ.
އެކުދިން ތިބީ ކުރުކުރު ޝޯޓް ލައްވާފައެވެ. ވީމާ ހަމަ ޔަޤީނުންވެސް އެގޮތަށް ތިބެ ސްޓޭޑިއަމް ދަނޑަކު ނަމާދެއް ނުކުރެވޭނެއެވެ. އަދި އެތަނުގައި ތިބި މައިންބަފައިންވެސް ގޮސް އެތިބީ ޖަމާޢަތުގައި ޢިޝާނަމާދުކޮށްގެން ކަމަކަށް ޤަބޫލެއް ނުކުރެވެއެވެ.
ރައީސް އިބްރާހީމް ދައްކަވާ ކޮންމެ ވާހަކަފުޅެއްގައިވެސް ވިދާޅުވަނީ އެންމެ މުހިންމީ ހަރުދަނާ ތަރުބިއްޔަތާއި ރިވެތި އަޚްލާޤްކަމަށެވެ. އެކަންކަން ދަސްކޮށްދެއްވަން އެމަނިކުފާނު ކުރައްވާ ކަންތައްތައް މިފެންނަނީއެވެ. ދަރިން ހަރުދަނާ ގޮތުގައި ތަރުބިއްޔަތުކޮށް ރިވެތި އަޚުލާޤް ދަސްކޮށްދެއްވަން އެންމެ ބޮޑަށް ސަމާލުކަން މިދެއްވަނީ އެކުދިންލައްވައި ދެނަމާދުދޭތޭރޭ ސްޓޭޑިއަމްގައި ކުޅިވަރުކުޅުވުމަށެވެ. މައިންބަފައިންނާއި ދަރިން ޖަމާޢަތުގައި ނަމާދުކުރިއަ ނުދިނުމަށެވެ.
މިއީ ހަމަސީދާ އެމަނިކުފާނު ހިންގަވާ ޙަރަކާތް ނޫންނަމަ 4 އަހަރުވަންދެން ބެލެނިވެރިން ކަންބޮޑުވުން ފައުޅުކުރުމުގެ އިތުރުން ނޫސްތަކުގައި ލިޔެވުނު މިބާވަތުގެ ޚަބަރުތަކަށް ބައްލަވައި ނަމަވެސް އިޞްލާޙް ކުރެއްވެވީސްކަން ޔަޤީން ކަމަށް ގިނަބައަކު ބުނެއެވެ.