މިހާރަކަށް އައިސް ޙަރާމް ޙަލާލަށް ބަލައިލުމެއް ނެތި އެއޗެތި ކައިބޮއިހަދާއިއރު އެކަމުގެ ހުރި ބިރުވެރިކަން އިޙްޞާޞްވެސް ނުކުރެވެނީއެވެ. ކާއިރަށް ވަޤުތުން އެމީހަކަށް އެކަމުގެ ވޭން އިޙްޞާޞް ނުކުރެވޭތީ ކަންބޮޑުނުވެވެނީއެވެ.
ޙަރާމް ތަކެއްޗަކީ ﷲ ތަޢާލާ ޙަރާމްކުރެއްވެވި ތަކެއްޗާއި އަދި ޙަރާމް ގޮތުގައި ހޯދާ ޙަލާލު ތަކެއްޗެވެ. އެފަދަ އެއްޗެއް ކައިފިނަމަ އެކަމުގެ ގެއްލުން 30 އަހަރުފަހުން ނުވަތަ އެއަށްވުރެވެސް ގިނަދުވަސްފަހުން އެމީހަކަށް ކޮށްފާނެއެވެ. ކުރާނީ ކޮން ގޮތަކަށް ކަމެއް ނުއެނގޭނެއެވެ.
ބޮޑު ބައްޔެއްވެސް ޖެހިދާނެއެވެ. ދިރިއުޅުމަށް ކުރާ މަސައްކަތަށްވެސް އަސަރުކޮށްފާނެއެވެ. ބޮޑު މާލީ ގެއްލުމެއްވެސް ލިބިދާނެއެވެ. މިހެންގޮސް ކުރިން މެދުވެރިވެދާނެކަމަށް ހީވެސް ނުކުރެވޭ ފަދަ ބޮޑެތި މުޞީބާތްތައް ކުރިމަތިވެދާނެއެވެ. މިހުންނަނީ އަންދާޒާވެސް ކުރަން ނުއެނގޭނެ ކަންކަމެވެ.
މީސްތަކުންނޭވެ! ކައިބޮއިހަދާ ތަކެއްޗަކީ ޙަލާލުތަކެތިކަން ކަށަވަރުކުރާށެވެ! އެއީ ތިމާގެ ދުނިޔެއާއި އާޚިރަތް އެކަމާއި ގުޅިފައިވާ ވަރަށް ބޮޑު ކަމެކެވެ. ދުޢާ ޢިޖާބްކުރެއްވެވުމާއިވެސް އެކަންވަނީ ގުޅިފައެވެ. އެހެނީ ޙަރާމްތަކެތި ކައިގެން ހުރެ ކުރާ ދުޢާ ގާތީ ޢިޖާބަ ނުކުރެއްވެވުމެވެ. އެއީ ދުޢާ ޢިޖާބަ ނުކުރައްވަވާ ސަބަބުތަކުގެ ތެރެއިން ސަބަބެކެވެ.
ވީމާ މިއީ ކޮންމެ މީހަކުވެސް އެންމެ ބޮޑަށް ސަމާލުކަންދޭންޖެހޭނެ އެއް ކަންތަކެވެ!
- މުފްތީ މެންކްގެ ދަރުސަކުން