މީހުން ދައްކާ ނުބައި ވާހަކަތަކުގެ އަޑުއެހުމަށް ލޯބިކުރާނަމަ ހެޔޮ ނަޞޭޙަތް އަޑުއެހުމަށް ކަންފަތް ދެކޮޅުހަދާނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 7ސ
މީހުން ދައްކާ ނުބައި ވާހަކަތަކުގެ އަޑުއެހުމަށް ލޯބިކުރާނަމަ ހެޔޮ ނަޞޭޙަތް އަޑުއެހުމަށް ކަންފަތް ދެކޮޅުހަދާނެ!

ބައެއް ޢިލްމުވެރިން ވިދާޅުވެފައިވެއެވެ. "ނުބައި އަޑުތައް އަޑުއަހާނަމަ އެކަންފަތަށް ރަނގަޅު އަޑުތައް އިވުން މަދުވާނެއެވެ! ރަނގަޅު ނަޞޭޙަތް އަޑުއަހަންވެސް އުނދަގޫވާނެއެވެ. އެފަދަ މީޙުންނަށް އިވޭ ރަނގަޅު އަޑުތަކަށް އަމަލު ނުކުރެވެނީވެސް އެ ސަބަބަށްޓަކައެވެ." 

ތިބާއަކީ މީސްތަކުންގެ ވާހަކަތައް ދައްކައި ދެބައުޑުވައި އުޅޭ މީހަކަށް ނުވެދާނެއެވެ. ނަމަވެސް ތިބާ އާއިއެކު އުޅޭ މީހުން އެކަންކަން ކުރާނަމަ އެއަޑުތައް ތިބާއަށް އިވޭނެއެވެ. ތިބާ ނުދައްކާ ވާހަކައަކަށް ޒިންމާވާކަށް ތިބާއަށް ނުޖެހޭނެއެވެ. ނަމަވެސް ތިބާ އަޑުއެހި ތަކެއްޗާއިމެދު ތިބާއާއި ސުވާލުކުރެވޭނެއެވެ. 

ކިތަންމެ އުނދަގޫ ނަމަވެސް އެފަދަ އަމަލުތައްކުރާ މީހުންނާއި ވަކިވާށެވެ. އެހެނީ އެފަދަ އަޑުއެހުމަކީވެސް ފާފައެކެވެ. އަދި އެފަދަ މީހުންނާއިއެކު އުޅެ އެމީހުން ދައްކާ ވާހަކަތައް އަޑުއެހުމަކީވެސް ފާފައެކެވެ! އެހެނީ ﷲ ތަޢާލާ ނަހީކުރައްވަވާފައިވާ ވާހަކަތައް އެމީހުންނަށް ދެއްކެނި އަޑުއަހާނެ ބައަކު ތިބުމުންނެވެ. އެފަދަ ވާހަކަތައް ދައްކާ މީހުންނަށް ހިތްވަރުލިބެނީ އެމީހުން ދައްކާ ވާހަކަތައް ފަތުރާނެ ބައަކު ތިބޭތީއެވެ! 

ވީމާ ފުރަތަމަކަމަކަށް އެފަދަ މީޙުންނާއި ދުރުހެލިވާށެވެ! ތިބާގެ ކަންފަތް އެ ނުބައި ވާހަކަތަކުން ސަލާމަތްކުރާށެވެ! އެމީހުން ދައްކާ ދޮގުވާހަކަތަކުން ތިބާގެ ސާފު ހިތް ކިލަނބުކޮށް ޙައްޤު ނޫން މީހަކާއިމެދު ނުބައި ގޮތުގައި ޝައްކެއް ކުރެވުނު ނަމަ އެއީވެސް ފާފަވެރިވާނެ ކަމެކެވެ! ވީމާ އާޚިރަތް ދުވަހަށް ބިރުވެތިވެ މިބަޔާންކުރި ކަންކަމަށް ސަމާލުކަން އިތުރުކުރާށެވެ! 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން 

މިއަދު އޮންލައިން