މަންމައަށް އަނިޔާވެރިވި ދަރިއަކު މަރުވުމުން އެންމެ ބާރަށް ދަތް އަޅާ ރަތްހިނި ކަންފަތާ ނޭފަތުން ފުނިފުންޏަށް ވަދެ، ނުކުމެ މުޅި ހަށިގަނޑުގަ ހެފި ބިރުވެރި ހާދިސާއެއްގެ ވާހަކަ-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 4މ 6ސ
މަންމައަށް އަނިޔާވެރިވި ދަރިއަކު މަރުވުމުން އެންމެ ބާރަށް ދަތް އަޅާ ރަތްހިނި ކަންފަތާ ނޭފަތުން ފުނިފުންޏަށް ވަދެ، ނުކުމެ މުޅި ހަށިގަނޑުގަ ހެފި ބިރުވެރި ހާދިސާއެއްގެ ވާހަކަ-

މިކިޔައިދެނީވެސް މައްޔިތުން ހިނަވައި ކަފުންކޮށްދިނުމުގެ ޚިދުމަތުގައި ދިގު މުއްދަތެއް ހޭދަކުރެއްވި ޝައިޚް ޢައްބާސް އަޅުގަނޑަށް ކިޔައިދީފައިވާ ވާހަކައެކެވެ. 

"ރޭގަނޑު މެންދަންވީތަނާ މީހަކު އަޅުގަނޑަށް ގުޅާފައި ބުނީ މައްޔިތަކު ހިނަވައި ކަފުންކޮށްދިނުމަށް ގެއަކަށް ގޮސްދިނުމަށް އެދޭކަމަށެވެ. ގޮސްދޭނެކަމަށް ބުނުމުން ބުނީ ކާރުގައި އަޅުގަނޑު ބަލައި އަންނާނެ ކަމަށެވެ. ކާރުގައި އައިސް އަޅުގަނޑު ގެންދިއައީ ވަރަށް ބޮޑު ބިމެއްގައި ހުރި ބޮޑު ކާސްޓްކްއަކަށެވެ. 

ޕޯޓިކޯއަށް އަޅުގަނޑު ބާލާފައި އޭނާ ދިއައީއެވެ. އެތެރެއަށް ގޭގެ ދޮރާއި ހަމައަށްދެވުނީވެސް 5 މިނިޓްވަރު ހިނގައިގެންނެވެ. ބައްދަލުވި މީހާކުރެން މައްޔިތާ އޮތްތަނެއް ދައްކަން ބުނީމާ ކިޔައިދިނީ ދާންވީ މަގެވެ. އެހީތެރިއެއް ނުވިއެވެ.

އެތަނަށް ގޮސް ވަންނަން ޖެހުނީ ބޮޑު ކޮޓަރިއަކަށެވެ. އެއިރު މައްޔިތާގެ މަތީގައި ފޮތިގަނޑެއްވަނީ އަޅައިފައެވެ. އޭނާގެ އެއްވެސް ދަރިއެއް ފެންނާކަށް ނެތެވެ. ދެ ނޯކަރަކު ދުރުގައި ބަލަން ތިއްބެވެ. 

ފޮތިގަނޑު ހިއްލައިލީމެވެ. ދިއައީ ސިއްސައިގެންނެވެ. ނޭފަތުންނާއި ކަންފަތުން ކުދިކުދި ރަތްހިނިތައް ނުކުމެ ވަންނަނީއެވެ. މުޅިގައަށް ފެތުރި ގައިގައި ހަފަނީއެވެ. އެތައްބައިވަރެކެވެ. މިއީ މުޅި ޙަޔާތުގައި ލޮލަށްފެނުނު މިފަދަ ފުރަތަމަ މަންޒަރުކަމަށްވުމުން ހަދާނެ ގޮތް ހުސްވިއެވެ. 

ލަފާދެއްވޭނެ ވަރުގެ ޝައިޚަކަށް ގުޅުމުން ފޯނު ނެންގެވިއެވެ. މައްސަލަ ދެންނެވުމުން ވިދާޅުވީ ތިއައީ ޢާންމުކޮށް އިންސާނުންނަށް ދިމާނުވާ ކަމަކަށްވުމުން ވިދާޅުވާނެ ވަކި އެއްޗެއް ނެތްކަމަށެވެ. ގުނަވަންތައް ވަކިވުން، ޗިސްޗިސްވުން، އަނދައިގެން ދިއުންފަދަ އިންސާނުންނަށް މަދުންނަވެސް ކުރިމަތިވާ ކަމެއްނަމަ ޢަމަލުކުރަންވީ ގޮތް ވިދާޅުވާނެކަމަށެވެ. އެހެންކަމުން އަޅުގަނޑަށް ފެންނަ ގޮތަކަށް ކަންކަން ކުރީމާ ރަނގަޅުވާނެ ކަމަށެވެ. 

އެންމެ ބޮޑަށް ޙައިރާންވީ ގެއަކީ މާރބްލްޖަހާފައިވާ ގެއެވެ. ތަޅުންގަނޑަށް ބަލައިލީމާ މޫނުފެންނަހައިވެސް ސާފެވެ. އެހެންވީމާ މިހިނިތަކަކީ ކޮންތަނަކުން އައި ހިނިތަކެއްކަން ނުއެނގުނު ކަމެވެ. 

ކޮންމެއަކަސް އެވަޤުތު އަޅުގަނޑަށް ވިސްނުނު ގޮތަށް ކަންތައްކުރީމެވެ. ފާޚާނާއަށްވަދެ ބަލައިލިއިރު ބޮޑު ބިލިގާއެއް ހުރީމާ އެއަށް ފެންއެޅީމެވެ. ނޯކަރުންގެ އެހީތެރިކަމާއިއެކު މައްޔަތިތާ ގެނެސް ކަންފަތާއި ނޭފަތަށް ބާރުކޮށް ކަފަޖަހާފައި ފެންބިލިގާއަށް ލީމެވެ. ލީމާ ގައިގައި ދުވާ ހިނިތައް މައްޗަށް އެރީމާ ނަގައި މެރީއެވެ. 

ދެން މައްޔިތާ ހިނަވައި ހުވަނދުލައްވައި ކަފުންކޮށްދީފައި އަހުރެން އައީއެވެ. ގެއަށް ދިއުމުން ގެއަށް އަންނަން ބޭނުންވެގެން އުޅުނުއިރު ދަރިންގެ ބަސްތައް ހުރިގޮތުން ހިތްހަމަނުޖެހިފައި ހުރީތީ ޤަޞްދުކުރީ މަގުމަތިން ޓެކްސީއެއް ނަގައިގެން ގެއަށްދާށެވެ. އެހެންނަމަވެސް މައްޔިތާގެ 18 އަހަރުގެ ކާފަދަރިއަކު އޭނާގެ ކާރުގައި ގެންގޮސްދޭން އުޅުމުން އެކަން ޤަބޫލުކުރީ އޭނާ އާއި ވާހަކަދައްކާލަން ބޭނުންވާތީއެވެ. 

ހިނިތަކުގެ ވާހަކަ ނުދައްކައި މައްޔިތާއަކީ އޭނާގެ ކާކުތޯ އާއި މައްޔިތާ ދުނިޔޭގައި އުޅުނީ ކިހިނަކުންތޯ ސުވާލުކުރުމުން އެކުއްޖާ ކިޔައިދިނެވެ. 

"އެއީ އަހަރެންގެ ކާފައެވެ. ކާފައަކީ ކާފަގެ މަންމައަށް ވަރަށް ނުބައިކޮށް ކަންކަންކުރި މީހެކެވެ. އަބަދު ބުނާނީ ހިތުގައި ޖެހޭފަދަ ނުބައި ބަސްތަކެވެ. ތަޅައި އަނިޔާވެސް ކުރެއެވެ. ބައްޕަމެން މުނިމާމަ ގޮވައިގެން ފުލުހަށް ދެއެވެ. ނަމަވެސް މާމަ ދުވަހަކުވެސް އަނިޔާކުރާ ކަމަކަށް ނުބުނާނެއެވެ. ފެންނަން ހުންނަ އަނިޔާގެ ފާހަގަތައް ދެއްކުމުން ބުނާނީ އެއީ ވެއްޓިގެން ލިބިފައި ހުންނަ އަނިޔާކަމަށެވެ. އޭނާގެ ދަރިފުޅު އެއްވެސް ކަމެއް ކުރާކަމަށް ނުބުނާނެއެވެ. އެހެންވެ ބައްޕަމެންނަށް ކުރެވޭނެ ކަމެއް ނުއޮންނަނީއެވެ. 

ތިއަ ސުވާލު ތިއަކުރީ ހަށިގަނޑުން ހިނިތައް ފެނިގެން ނޫންހެއްޔެވެ؟ އެކަން އެންމެންނަށްވެސް އެނގެއެވެ. އެއްވެސް ދައރިއަކު ކައިރިނުވީ އެހިނިތައް ފެނުނީމައެވެ. ކާފަ، ކާފަގެ މަންމައަށް ކަންކަންކުރިލެއް ނުބައިކަމުން ދެއްވެވި ޢަޛާބެއް ކަމަށް ޤަބޫލުކުރެވިގެންނެވެ." 

މިކިޔައިދިނީ ޝައިޚް ޢައްބާސް ވިދާޅުވެދެއްވި ގޮތަށެވެ. އަހުރެން ބުނެލަން ބޭނުންވަނީ މައިންބަފައިންނާއިމެދު ދަރިން ޢަމަލުކުރާ ގޮތް ދުނިޔޭގައިވެސް އެމީހަކަށް ދައްކަވާނެއެވެ. ރަނގަޅަށް ކަންކަން ކުރިނަމަ ހެޔޮ ގޮތްތައް މިންވަރުކުރައްވަވާނެތެވެ. ނުބައިކޮށް ކަންކަންކުރިނަމަ އެކަމުގެ ވޭންވެސް ދައްކަވާނެތެވެ. 

މައްޔިތާއަށް ވާތަދު، ދުނިޔޭގައި ހުންނައިރު އިޙްޞާޞްވާފަދައިން މަރުވެފައި އޮންނައިރުވެސް ވާނެކަން ޙަދީޘްފުޅުން އެނގެން އެބައޮތެވެ. ވީއިރު އެހިނިތައް ނޭފަތުންނާއި ބޮލުންވަދެ ބޮލުތެރޭގައި ހަފައި ހަދާއިރު އަޅާނެ ވޭނާއި ގައިގައި ހެފުމުން އަޅާނެ ވޭން ހިތަށް ގެންނާށެވެ. އެރަތް ހިންޏަކީ ގައިގައި އެންމެ ބާރަށް ހަފާ ހިންޏެވެ. އަދި އެއީ އޭނާއަށް ޢަޛާބު ދެއްވަވަން ފޮނުއްވެވި ހިނިތަކެއްކަމަށްވާނަމަ ހަފާނެ ބާރުމިން ހިތަށް ގެންނާށެވެ. 

އަހުރެންގެ އާދޭހަކީ މައިންބަފައިންނަށް ވީހައިވެސް ހެޔޮކޮށް ހިތުމެވެ. ފަރުވާކުޑަނުކުރާށެވެ. އެމީހުންނަށް އަޅާލައި ވީހައި ރަނގަޅަށް ކަންކަންކޮށްދޭށެވެ. ނުބައިކޮށް ކަންކަން ކޮށްފިނަމަ ކޮންމެވެސް ސިފައެއްގައި އެމީހަކަށް އެކަން ދުނިޔޭގައިވެސް ދައްކަވާނެތެވެ. އާޚިރަތުގެ ޢަޛާބަކީ މުޅިން ތަފާތުކަމެކެވެ. މިބުނަނީ ދުނިޔޭގައިވެސް ވޭން އުފުލަންޖެހޭނެ ވާހަކައެވެ.

 

- މުޙައްމަދު އަލްނަޤްވީ/ ވަން އިސްލާމް

 

 

މިއަދު އޮންލައިން