ޙަޤީޤީ ޙާދިސާ: ނުކުޅެދުންތެރި ތަނަވަސް އަންހެނަކު ދެކެ ލޯބިވާކަމަށް ހެދުނު މަކަރުވެރި ޒުވާނަކު ބާކީވެ އިޚްލާޞްތެރި ފަޤީރަކަށް ފުރުޞަތުލިބުނު ގޮތުގެ ވާހަކަ-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 4މ 28ސ
ޙަޤީޤީ ޙާދިސާ: ނުކުޅެދުންތެރި ތަނަވަސް އަންހެނަކު ދެކެ ލޯބިވާކަމަށް ހެދުނު މަކަރުވެރި ޒުވާނަކު ބާކީވެ އިޚްލާޞްތެރި ފަޤީރަކަށް ފުރުޞަތުލިބުނު ގޮތުގެ ވާހަކަ-

އޭނާއަކީ އެކްސިޑެންޓެއްވެފައި ސިކުނޑިއަށް ގެއްލުންތަކެއް ލިބިފައިވާ ޒުވާން އަންހެންކުއްޖެކެވެ. ހަނދާން ނެތުމުގެ މައްސަލަތައް ކުރިމަތިވެއެވެ. ހިނގައި އުޅުމުގައިވެސް ދަތިތަކެއް ހުރެއެވެ. އެހެންވެ ގިނަ ވަގުތު ހޭދަކުރަނީ ފުރޮޅުލީ ގޮނޑިއެއްގައެވެ. އެއީ އެއްތަނުން އަނެއްތަނަށް ދިއުމަށް ފަސޭހަވީމައެވެ. އަދި ވެއްޓި އަނިޔާއެއް ލިބިދާނެތީއެވެ.  

އޭނާއަކީ ތަނަވަސް މީހެއްގެ ދަރިއެއް ނަމަވެސް އެޙާލަތުގައި އޭނާ އާއި ކައިވެނިކުރަން ޒުވާނުން ދިއައީ ފަސްޖެހެމުންނެވެ. ޑޮކްޓަރުން ބުނަމުން ދިއައީ ކައިވެނިކޮށް ފިރިއެއްގެ އަޅައިލުމާއި ލޯބި ލިބެން ފަށައިފިނަމަ އޭނާގެ ޙާލަތަށް ހެޔޮ ބަދަލުތަކެއް އަންނަން ފަށައިފާނެ ކަމަށެވެ. އެހެންވެ ޢާއިލާއިން ދިއައީ ކައިވެނިކުރާނެ ޒުވާނަކު ހޯދަން މަސައްކަތްކުރަމުންނެވެ.  

އެދުވަސްވަރު ދެޒުވާނަކަށް އެކަން އެނގިގެން އޭނާއާއި ކައިވެނިކުރަން އަމިއްލައަށް ވޮލަންޓިއަރކުރިއެވެ. އެކަކީ ފަޤީރު ޒުވާނެކެވެ. އަނެކަކީ ތަނަވަސް ޢާއިލާއަކަށް ނިޞްބަތްވާ ޒުވާނެކެވެ. ޢާއިލާއިން އިސްކަން ދިނީ ތަނަވަސް ޒުވާނާއަށެވެ. ނަމަވެސް މަންމަގެ ވިސްނުން މުޅިން ތަފާތެވެ. މަންމަ ބުނީ އެފަދަ ޙާލަތެއްގައި ގޮތް ނިންމަންވާނީ ކަންކަން ވަރަށް ރަނގަޅަށް ބަލައިފައި ކަމަށެވެ. ވީމާ އެންމެ ރަނގަޅު ގޮތަކީ ދެ ޒުވާނުންނަށްވެސް ދަރިފުޅާއި ޢާއިލާގެ ރައްޓެހިކަމުގައި އެގެއަށް އައިސް ދަރިފުޅާއިއެކު ވަގުތުކޮޅެއް ހޭދަކުރަން ދުވަސްކޮޅަކަށް ފުރުޞަތުދީ ދެމީހުންގެ ޢަމަލުތައް ހުންނަގޮތް ބެލުން ކަމަށެވެ.  

އެހެންވެ ކޮންމެ ދުވަހަކުވެސް އެކަކު ގެއަށް އައިސް ދަރިފުޅާއިއެކު ވަގުތު ހޭދަކުރާގޮތަށް ހަމޖައްސައި ފުރުޞަތު ދިނެވެ. އެދުވަސްވަރު އަނހެންކުއްޖާގެ ބަލި އިތުރަށް ގޯސްވިއެވެ. އިރުއިރުކޮޅުން ނިދެނީއެވެ. ނުވަތަ ހޭނެތެނީއެވެ.  

ތަނަވަސް ޒުވާނާ އަންނަ ކޮންމެ ދުވަހަކުވެސް އަންނަނީ އަންހެނަކާއިއެކުގައެވެ. ބުނަނީ އެއީ ކޮއްކޮއެއް ކަމަށާއި ކައިވެނި ނުކޮށް އެކަނި ބައްދަލުކުރަން ބޭނުން ނުވާތީ ކޮއްކޮ ގެންނަނީ ކަމަށެވެ. ދެމީހުން އައިސް ތިބޭއިރު އަންހެންކުއްޖާ ނިދިއްޖެ ނަމަ ދެމީހުން ދައްކަނީ ލޯބީގެ ވާހަކަތަކެވެ. ކައިވެނިކޮށް އަނބިމީހާގެ ތަނަވަސްކަމަށް ވެރިވެގަނެވުމުން ދެމީހުން ދިރިއުޅޭނެ އުފާވެރިގޮތުގެ ވާހަކައެވެ. މީހަކު ފެންނަން ނެތްނަމަ ދެމީހުން ދޮންދީވެސް ހަދައެވެ. މީހުންގެ ކުރިމަތީގައި ކަންކަން ކުރަނީ ވަރަށް ރަނގަޅަށް ކަމަށްވެފައި އެކަންކަންކުރަމުން އައީ ވަރަށް ސިއްރުންކަމަށްވާތީ އެއްވެސް މީހަކަށް ޝައްކެއްވެސް ނުކުރެވެއެވެ.  

ދުވަސްކޮޅަކަށްފަހު ބައްޕަ ނިންމީ ތަނަވަސް ޒުވާނާ އާއި ކައިވެނިކޮށްދޭށެވެ. ނަމަވެސް ދަރިފުޅު ބޭނުންވީ ފަޤީރު ކުއްޖާއާއި ކައިވެނިކުރުމަށެވެ. މިކަމުގެ ޚިޔާލުތުވުންތައް ކުރިއަށް ދިއަ ދުވަސްވަރު ދަރިފުޅުގެ އެދުމަށް 2 ޒުވާނުން ރޭގަނޑުގެ ކެއުމަކަށް ގެއަށް ގެނައެވެ. ބައްޕަ ނިންމާފައި އޮތީ އެރޭ ތަނަވަސް ޒުވާނާ އާއި ކައިވެނިވެނިކުރުވަން ރަންކިޔުމުގެ ކަންކަންވެސް ކުރިއަށް ގެންދާށެވެ. އެހެންވެ ހެކިވެރިންވެސް ގެނުވިއެވެ.    

ކައިނިމިގެން ސިޓިންގރޫމްގައި ތިބެ ވާހަކަދައްކަމުން ދަރިފުޅު ކިޔައިދިނެވެ. "ބައްޕާއެވެ! އަޅުގަނޑަކީ ނުކުޅެދުންތެރިކަން ހުރި އަންހެނަކަށްވުމުން ކައިވެނިކުރި ނަމަވެސް އަޅުގަނޑަށް ޚރަދުކުރަންހުރީ ބައްޕައެވެ. ވީމާ ބައްޕަގެ ބަހަކީ އެންމެ ފަހު ބަސްކަމުގައި ޤަބޫލުނުކުރާކަށް ނެތީމެވެ. ނަމަވެސް އަޑުއަހައިލާށެވެ. މީނދަ އަންހެން މީހާއަކީ އޭނާގެ އެއްވެސް ވަރެއްގެ ކޮއްކޮއެއް ނޫނެވެ. އެއީ ވަރުގަދަ ދެލޯބިވެރިންނެވެ. މިގޭގައި ތިބެގެންވެސް ބައްދައި އޮޅުލައި ހަދައެވެ. އަޅުގަނޑު އޮންނަނީ ހޭނެތިފައި ކަމަށް ހީކޮށް ދެމީހުން ލޯބީގެ ވާހަކަވެސް ދައްކައެވެ. ދޮންވެސް ދެއެވެ. ދެމީހުން މަސައްކަތް އެކުރަނީ އަޅުގަނޑާއި އޭނާ ކައިވެނިކުރުމުން ބައްޕަގެ ތަނަވަސްކަމަށް ވެރިވެގަނެވޭނެތީ އެކަމުގެ ދަހިވެތިކަމުގައެވެ. ބައްޕަ ބޭނުން ނަމަ އެމީހުން ދައްކާފައިވާ ބައެއް ވާހަކަތައް އަޅުގަނޑުގެ ފޯނުން އަޑުއެހޭނެއެވެ.  

އެއިގެ ބަދަލުގައި ނަޞީރަކީ ފަޤީރު ނަމަވެސް ވަރަށް އަޚްލާޤް ރަނގަޅު މީހެކެވެ. އިންސާނިއްޔަތުކަންވެސް ހުރި މީހެކެވެ. އޭނާގެ ޙާލު އެނގޭތީ ބައެއް ދުވަސްދުވަހު ހަދިޔާއެއް ދޭން އުޅުނަސް ނުހިފައެވެ. ބުނަނީ ލޯތްބާއި ފައިސާއަކީ މުޅިން ތަފާތު ދެކަމެއް ކަމަށެވެ.  

ބައްޕާއެވެ! މަންމާއެވެ! މިފަހުން އަޅުގަނޑުގެ ހެއަށް ގޮތްވާކަމަށް ހެދުނީއެވެ. އެންމެ ފަހަރަކުވެސް އެފަދަ ކަމެއް މެދުވެރިއެއް ނުވެއެވެ. އަޅުގަނޑުގެ ކިބައިގައި ނުކުޅެދުންތެރިކަމެއް ހުރިނަމަވެސް އަޅުގަނޑުގެ ވިސްނުން މިހާރު ވަރަށް ބޮޑުތަން ރަނގަޅެވެ. ހަމައެކަނި މައްސަލައަކީ ބައެއް ފަހަރު ހަނދާންނެތޭ ކަމެވެ.  

އެންމެންނަށް ލިބުނީ ވަރަށް ބޮޑު ޝޮކެކެވެ. އެވަގުތު އެދެމީހުން ދައްކާފައިވާ ވާހަކައެއްގެ އޯޑިއޯ ފޯނުން އަޑުއިއްވުމުން އެންމެންވެސް ތިބީ ބޮޑު ޙައިރާންކަމެއްގައެވެ. އެދެމީހުންނަށް ބުނާނެ ބުނެވޭނެ އެއްޗެއް ނެތުމުން ގަތްލަދުން އަވަސް އަވަހަށް ނުކުމެގެންދިއައީއެވެ.  

ޙަޤީޤަތް ހާމަވުމުން ދަރިފުޅު އެދުނުފަދައިން ނަޞީރާއި ދަރިފުޅުގެ ކައިވެނިކޮށްދިނެވެ. ކައިވެންޏަށްފަހު ކަންކަން މެދުވެރިވީވެސް ޑޮކްޓަރުން ބުނި ގޮތަށެވެ. މަޑުމަޑުން ޙާލަތު ބަދަލުވަމުން ގޮސް ދެއަހަރެއްހައި ދުވަހުގެ ތެރޭގައި މުޅިންހެން ރަނގަޅުވެއްޖެއެވެ. ކުޑަ އަސައެއްގެ އެހީގައި ހިނގަންޖެހުން ފިޔަވައި ހުރިހާ އުނދަގޫތަކެއް އެކުގައިހެން ފިލައިފިއެވެ. ފިލައިފިއެވެ. ދެމަފިރިން ދިރިއުޅެމުން އަންނަނީ ވަރަށް އުފަލުގައެވެ.  

މިއީ ޑޯން ނޫނުހައި ޙަޤީޤީ ޙާދިސާއެއް ކަމަށް ލިޔެފައިވާ ވާހަކައެކެވެ. އުންމީދުކުރަނީ މިއަދުނޫހުގެ ކިޔުންތެރިންނަށް ފައިދާ ކުރާނެ ވާހަކައަކަށްވާނެ ކަމަށެވެ.  

އެކުވެރި ކިޔުންތެރިންނަށް ބުނެލަން އޮތީ މިއީ މުޅިން ތަފާތު ދެ ޒުވާނެއްގެ ވާހަކަކަމަށްވުމުން ވަރަށް ޢިބްރަތްތެރިވާހަކައެއް ކަމެވެ. ގިނައީ މިބާވަތުގެ ދަހިވެތި ޒުވާނުންނަމަވެސް ޚުލްޤް ރަނގަޅު ޒުވާނުންވެސް އެބައުޅެއެވެ. ކައިވެނިކުރަން އެދިގެން އައުމުން ނުވަތަ ލޯބިވާން ހުށަހެޅީމާ ބަލަންވީ އޭނާގެ ކިބައިގައި ހުރި ތަނަވަސްކަމަކަށް ނޫނެވެ. ޚުލްޤަށެވެ. މިވާހަކައިންވެސް އެނގިގެން މިދަނީ ތަނަވަސް މީހުންގެ ދަހިވެތިކަމާއި މަކަރުވެރިކަން މާބޮޑުކަމެވެ.  

- ލަރީފާ / މިއަދުނޫހުގެ ކިޔުންތެރިއެއް

މިއަދު އޮންލައިން