ކާފިރަކު ކާފިރުކަންމަތީގަ މަރުވުމުން އެމީހަކަށްޓަކާ ހެޔޮދުޢާކުރުމެއް ނެތެވެ!: ޤުރްއާން

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 36ސ
ކާފިރަކު ކާފިރުކަންމަތީގަ މަރުވުމުން އެމީހަކަށްޓަކާ ހެޔޮދުޢާކުރުމެއް ނެތެވެ!: ޤުރްއާން

ﷲ ތަޢާލާގެ ވަޙީބަސްފުޅުގައިވަނީ މިފަދައިންނެވެ. 

"ނަބިއްޔާއަކަށްވެސް، އަދި އީމާންވި މީހުންނަކަށްވެސް މުޝްރިކުންނަށްޓަކައި ފާފަފުއްސެވުންއެދި ދުޢާ ކުރެއްވުމެއް ނެތެވެ. އެއުރެންނީ ގާތްތިމާގެ މީހުންކަމުގައި ވީނަމަވެހެވެ. ހަމަކަށަވަރުން، އެއުރެންނީ ނަރަކައިގެ އަހުލުވެރިންކަން އެއުރެންނަށް ފާޅުވެ އެނގުމަށްފަހުގައެވެ." 

(އައްތައުބާ: 113) 

ތަފްސީރު ޢިލްމުވެރިން ބަޔާންކުރައްވާ ގޮތުގައި މިއާޔަތް ބާވައިލެއްވެވީ ރަސޫލް ﷺ ގެ ބޮޑުބޭބޭފުޅު ޢަބްދުލްމުއްޠަލިބްގެފާނު އަވަހާރަވުމުން އޭނާގެ ފާފަފުއްސަވައިދެއްވެވުން އެދިވަޑައިގެން ރަސޫލް ދުޢާކުރައްވަމުން ގެންދަވަނިކޮށެވެ. 

އަދިވެސް ﷲ ތަޢާލާގެ ވަޙީބަސްފުޅުގައިވެއެވެ.

އެކަލޭގެފާނަށް (އެބަހީ: އިބްރާހީމްގެފާނަށް) އެކަލާނގެ ކުރައްވާފައިވާ ވަޢުދެއްގެ މަތިން މެނުވީ، އިބްރާހީމްގެފާނު، އެކަލޭގެފާނުގެ ބަފައިކަލުންނަށް އިސްތިޣްފާރު ކުރެއްވުން ނުވެއެވެ. ފަހެ، އޭނާއަކީ ﷲ ގެ ޢަދާވާތްތެރިޔެއްކަން އެކަލޭގެފާނަށް ބަޔާންވެ އެނގިވަޑައިގަތްހިނދު، އޭނާގެ ކިބައިން އެކަލޭގެފާނު ބަރީއަވެވަޑައިގަތެވެ. ހަމަކަށަވަރުން، އިބްރާހީމްގެފާނީ، ދުޢާކުރެއްވުން ގިނަ، ކޯފާ މަޑު ބޭކަލެކެވެ.

ބަރުޒަޚުގެ ޢާލަމުގަވެސް އާޚިރަތުގަވެސް ހަމަޖެހުމާ އުފާވެރިކަން ލިބުން އޮތީ ﷲ އަށް ކިޔަމަންތެރިވި އަޅުންނަށެވެ! ﷲ ތަޢާލާގެ އެއްކައުވަންތަކަން ޤަބޫލުކޮށް، ޝަހާދަތް ކިޔައި ޝަހާދަތުގެ ދެކަލިމަމަތީގައި ސާބިތުވި މީހަކަށެވެ. ﷲ ތަޢާލާ ނަހީޚުރެއްވެވި ކަންކަމުން ދުރުހެލިވެހުރެ ހެޔޮޢަމަލުތައްކުރި މީހަކަށެވެ. 

ވިސްނައިލާށެވެ! އަބްދުލްމުއްޠަލިބްގެފާނު ވަނީ އިސްލާމް ދީން ފަތުރުއްވަވަން ރަސޫލް ﷺ ކުރެއްވެވި ަމސައްކަތްޕުޅުތަކަށް އެންމެ ފުރިހަމަގޮތުގައި އެއްބާރުލުން ދެއްވަވައިފައެވެ. މުޝްރިކުން ކުރިމަތިކުރަމުން އައި ނުރައްކާތަކުން އެކަލޭގެފާނު ދިފާޢުކުރައްވަވައި ސަލާމަތްކުރައްވަވައިފައެވެ. މިހިރީ އިސްލާމް ދީނަށް ނަޞްރުދިނުމެވެ. އެހަނަސް އަވަހާރަވީ މުޝްރިކެއްގެ ގޮތުގައި ކަމަށްވުމުން އެފަދަ ބޭކަލަކާއިމެދު ﷲ ތަޢާލާ ބާވައިލެއްވެވި އާޔަތް ކުރިން މިބަޔާންކުރީއެވެ. އޭނާއަށްޓަކައި ހެޔޮ ދުޢާކުރެއއްވެވުން އެވަނީ ރަސޫލް ﷺ އަށް މަނާކުރައްވަވައިފައެވެ. 

ކަންއޮތީ މިފަދައިން ކަމަށްވާއިރު މުޝްރިކަކު މުޝްރިކެއްގެ ގޮތުގައިި މަރުވެދިއުމުން އޭނާއަށްޓަކައި ދުނިޔޭގެ ހުރިހާ އެންމެން ހިތާމަކޮށް ރޮއި ކަރުނައަޅައި ހެޔޮ ދުޢާކުރިއްޔާ އެކަމުން ކުރާނީ ކޮށްފައިދާއެއް ހެއްޔެވެ؟ އެކަންކަން ނުކުރަން ﷲ ތަޢާލާ ވަހީކުރައްވަވާފައިވަނިކޮށް ނުކިޔަމަންތެރިވުމުން ﷲ ތަޢާލާ އެމީހަކަށް ދެއްވަވާނެ ޖަޒާ އެމީހަކަށް ލިބުން ނޫން އިތުރު އެއްވެސް ކަމެއް ވާނެ ހެއްޔެވެ؟ 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން 

"ރާނީ މަރުވެއްޖެއެވެ. ދެން ކިތަންމެ ވަރަކަށް އޭނާގެ ޒިކުރާ އައުކޮށް ހިތާމާ ފާޅުކޮށް އޭނާއަށް ޘަނާކިޔަސް އޭނާއަށް ވާނޭ ފައިދާއެއް ނެތެވެ. އަދި ތިބާގެ ވަގުތު ބޭކާރުވުން ނޫން ކަމެއް ވެސް އެކަމުގައި ނެތެވެ. ފަހަރެއްގައި ދެއްކޭ ވާހަކައަކުން ތިބާ ފާފަވެރިވުން ވެސް އެކަށީގެންވެއެވެ. އިނގިރޭސީންގެ ސިޔަރަތަކީ ތާހިރު އެއްޗެއް ނޫނެވެ."

"މުޝްރިކުންނަށް RIP ކިޔުން ހުއްދައެއް ނުވާނެ... RIP އެއް ނުވާނެ މުއުމިނެއްގެ ގޮތުގައި މަރުވެ ދިޔަ މީހަކަށް ނޫނީ... މިކަމަށް ހުރިހައި އަޚުންނާއި އުޚުތުން ސަމާލުވުމަށް ނަޞޭޙަތްތެރިވަން..."

(އާރު.އައި.ޕީ. ރެސްޓް އިން ޕީސް) (މިއީ ކައްވަޅުގަ ސާބިތުކަން/ ހަމަޖެހުން ދެއްވެވުން އެދި އިނގިރޭސިބަހުން ބުނާ ބަހެއް)

- ޝައިޚް ޝަފީޢު ޢަބްދުﷲ

މިއަދު އޮންލައިން