ޓައިޓޭނިކަކީ އެތައް ސަތޭކަ މީހުންގެ މަސައްކަތުން ހެދި ބޮޑުސިންގާ ބޯޓެކެވެ. އެހާމެ ވަރުގަދަ ބޯޓެކެވެ. އެ ޒަމާނުގައި ހެދި އެންމެ މޮޅު ބޯޓެވެ. އެ ބޯޓުގެ ކައްޕިތާނު ބުންޏެވެ. "ޤަޟާޤަދަރަށް ވެސް މި ބޯޓެއް ފައްތައެއް ނުލެވޭނެއެވެ." އެހެނަސް ކަންތައް ވީ ގޮތް ނިކަން ވިސްނަވާށެވެ! އެ ބޯޓުގެ ފުރަތަމަ ދަތުރު މަތީ އެ ބޯޓު ގަނޑުފެންގަނޑެއްގައި ޖެހި ޣަރަޤުވީއެވެ.
ދެން ނިކަން ވިސްނަވާށެވެ! ނޫޙުގެފާނުގެ ނާކޮޅަކީ އެކަލޭގެފާނު ގިނިކަންޏާ ބެންނެވި ބޯޓެކެވެ. އެކަލޭގެފާނު ވިދާޅުވީ اركبوا فيها بسم الله مجراها ومرساها މާނައީ: " ތިޔަބައިމީހުން އެ ނާކޮޅަށް އަރާށެވެ! އެ ނާކޮޅު ދުވުމާއި، ބަނދަރުކުރުން ވަނީ، ﷲގެ އިސްމުފުޅުންނެވެ." މުޅި ދުނިޔެ ޣަރަޤު ވީ އިރު ވެސް އެ ނާކޮޅު ސަލާމަތުން އޭގެ މަންޒިލަށް ދަތުރުކުރިއެވެ. ސަލާމަތްވީ އެ ނާކޮޅާއި އޭގަ ތިބި މީހުން އެކަންޏެވެ.
މިއިން އެނގެނީ، ތިބާ ވަކީލުކުރާން ޖެހޭ ފަރާތަކީ، އަދި ތިބާ ކަންކަމުގައި އެދޭން ޖެހޭ ފަރާތަކީ، އަދި ތިބާގެ ހިތް އެ ފަރާތަކާ ގުޅުވާން ޖެހޭ ފަރާތަކީ ހަމަ އެކަނި މާތް ﷲ ސުބުޙާނަހޫ ވަތަޢާލާ ކަމެވެ.
- ޝެއިޚް ޝަފީޢު -