ދެމަފިރިންގެ ފޯނާބެހޭ ގޮތުން ޑރ. ޢަލީ ޒާހިރު ވިދާޅުނުވާ ބަސްފުޅުތައް ފެތުރުމަކީ އުފައްދާ ވަރަށް ބޮޑު ފިތުނައެކެވެ. މިއަދުނޫހުގައި ޝާއިޢުކުރި ޚަބަރުގައި "ޕާސްވޯޑް" މި ލަފްޒުވެސް ގެނެސްފައިނުވާއިރު ލިޔުމުގައި ނުވެސް ނެތް ވާހަކަތަކެއް ޕޯސްޓް ހަދައިގެން ފެތުރުމަކީ ވަރަށް ދެރަވަރު ކަންކަމެވެ.
މިބާވަތުގެ ޢަމަލުތައް ކުރުމަކީ ޙަޤީޤަތަށް ވިސްނައި ނުލާ ކަންކަން ޤަބޫލުކުރާ މީހުންގެ ހިތުގައި ދީނީ ޢިލްމުވެރިންނާއިމެދު ސުވާލުތައް އުފެދިގެންދާނެ ކަމެކެވެ. ޑރ. ޢަލީ ޒާހިރަކީ ދީނުގައި ކަންކަން އޮތް ގޮތް ވަރަށް ސާފުކޮށް ތިލަބަހުން ބަޔާންކޮށްދެއްވަމުން ގެންދަވާ ޢިލްމުވެރިއެކެވެ.
ޑރ. ޢަލީ ޒާހިރު ނަޞޭޙަތް ދެއްވަވާފައިވަނީ ފޯނުން ސިއްރު މުޢާމަލާތްތައް ނުކުރުމަށެވެ. ދެމަފިރިން އެކަކު އަނެކަކަށް ސިއްރުން ކަންކަން ނުކުރުމަށެވެ. ދެމީހުންގެ ފޯނަކީވެސް ކޮންމެ މީހަކަށްވެސް ބޭނުންކުރެވޭ އެއްޗަކަށް ހަދައިގެން ގެންގުޅޭނަމަ ޝައްކު ކުރުމުގެ ޖާގަ ނުއުފެދޭނެ ކަމުގެ މައްޗަށެވެ.
ތިރީގައި މިވަނީ މިއަދުނޫހުގައި ޝާއިޢުކުރި ލިޔުން އެއިގެ އަޞަލާއި އެއްގޮތަށެވެ. މިއީ މިދިއަ ރަމަޟާންމަހު އެތައްހާސް ބައަކު ކިޔައި ލައިކްކޮށް ޝެއާކޮށްފައިވާ ލިޔުމެކެވެ. ވީމާ އެފަތުރާ ޕޯސްޓަކީ ޙަޤީޤަތެއް ނޫންކަން މިއަދުނޫހުގެ ކިޔުންތެރިންނަށް ވަރަށް ރަނގަޅަށް އެނގޭނެއެވެ.
ޝައިޚުގެ މިދަރުސް ކުރިއަށް ގެންދިއައީ އެންމެ އަކުރެއްވެސް އިތުރުނުކޮށް ލަފުޒުން ލަފްޒަށެވެ. ހިތާމައަކީ މިފަދަ ފިތުނަތައް އުފައްދާ މީހުންނާއިމެދު އެއްވެސް ފިޔަވަޅެއް އަޅަމުން ނުގެންދާ ކަމެވެ.
ދެމަފިރިންނަމަ ގެންގުޅޭ ފޯނު އަނެކާއަށް ސިއްރު އެއްޗަކަށް ހަދައިގެން ނުވާނެ!: ޑރ. ޢަލީ ޒާހިރު
ޢަބްދުއްލަޠީފް
ހަމަ އެގޮތަށް އެކަކު އަނެކަކަށް ވަރަށްބޮޑަށް ސަރީޙަ ސާފުވާންވާނެ. އޮޅުންބޮޅުންތަކާ އެކަކު އަނެކަކަށް ފޮރުވައިގެންކުރާ ކަންކަން ހުރެގެންނުވާނެ. މީވަރަށް ބޮޑަށް ޢާއިލި ދިރިއުޅުމުގާ މައްސަލަ ދިމާވާކަމެއް މިހާރު މިޒަމާނަކީ ކޮންމެމީހަކު އަތުގާ ފޯނެއް ގެންގުޅޭ ޒަމާން. މިފޯނަކީ މުޅިދުނިޔެއާ ގުޅިފާ އޮންނަޒަމާނެއް. މިފޯނުވަނީ މުޅިދުނިޔެއާ ގުޅިފަ އެތައް ބަޔަކާ ގުޅިފަ. ދެޖިންސްގެ އެތައް ބަޔަކާ ވާހަކަދައްކާ އެކިކަންކަން ހިއްސާ ކުރެވޭގޮތަށް އޮންނަ ފޯނުތަކެއްމީ.
އެހެންވީމާ މިހާރު މިފަދަޒަމާނެއްގާ އެކަކު އަނެކަކު ސިއްރުން ފޯނުގެންގުޅެންޏާ އޭގަ ޝައްކު އުފެދޭގޮތް ދިމާވާނެ އެހެންވީމާ އެއްވެސް މީހަކަށް ދެމަފިރިންވެއްޖިއްޔާ އެއީވަރަށްގާތް ދެމީހުން އެކަކު އަނެކަކަށް ފޮރުވައިގެން ސިއްރުން ކުރަންޖެހޭ ކަންކަން އޮވެގެންނުވާނެ. ކޮންމެމީހަކީ އަނެކަކުގެ ފޯނަށްވެސް ވަދެވޭ މީހަކަށް ފޯނުބެލޭމީހަކަށް ވެއްޖިއްޔާ ދެމީހުންނަށްވެސް އެއްވެސްކަހަލަ ނުތަނަވަސްކަމެއް އުދަގުލެއް އެކަންކަމުގައެއް ނުހުންނާނެ. ފޮރުވައި ގެންކުރާ އެއްވެސްކަމެއް ކަމެއް ނޯންނާނެ. އެހެންވީމާ ދެމީހުންނަކީ އެކަކު އަނެކަކަށް އުފާވެރިކޮށް ދިރިއުޅެން އިތުބާރުކޮށްގެން ކާވެނީގެ ޙަޔާތުގެ ބައިވެރިޔާގެ ގޮތަށް އިޚްތިޔާރުކޮށްގެން މިއުޅެނީ އެހެންވެއްޖިއްޔާ އެއިތުބާރާ ޔަޤީންކަމާއެކުގައި ކުރިޔަށްދާން މަސައްކަތް ކުރަންޖެހޭނެ.
- ޑރ. ޢަލީ ޒާހިރު ބިން ސަޢީދު ޤާސިމްގެ ދަރުސަކުން
ލިޔުމުގެ އަޞްލު:
https://miadhu.mv/article/read/4264340