"މިދުނިޔޭގެ ދިރިއުޅުމަކީ، ކުޅިވަރެއް ކަމުގައްޔާއި، މަޖަލެއް ކަމުގައި ނޫނީ ނުވެތެވެ. އަދި ހަމަކަށަވަރުން، ޙަޤީޤީ ދިރިއުޅުންވަނީ، އާޚިރަތުގެ ގޮވަތީގައިކަން ކަށަވަރެވެ. އެއުރެންނަށް އެކަން އެނގޭނަމައެވެ." (އަލްޢަންކަބޫތު: 64)
މިދުނިޔޭގައި މަޖާ ބޭނުން މީހުންނަށް ވަރަށް އުފަލާއި މަޖަލުގައި މިދުނިޔޭގެ ވަގުތުތައް ހޭދަކުރެވިދާނެއެވެ. އެއީ އެކަމަށް ﷲ ތަޢާލާ ވަގުތު ދެއްވަވާފައިވާތީއެވެ. ނަމަވެސް ދާދި ކުޑަކުޑަ ހިނދުކޮޅެއްގެ އުފާވެރި ކަމެކެވެ. ﷲ ތަޢާލާގެ ވަޙީ އަޑުއަހާށެވެ!
އެނގިގެން މިދިއައީ ބައަކު ކިތަންމެ އުފަލާއި މަޖަލުގައި ވަގުތުތައް ހޭދަކުރި ނަމަވެސް އެއީ ވަރަށް ކުޑްކުޑަ ހިނދުކޮލެއްގެ ވަގުތީ އުފަލެއް ކަމެވެ. ދާއިމީ އުފާވެރިކަން ލިބުން ވަނީ އާޚީރަތުގެ ދިންނެވުން ލިބި ﷲ ތަޢާލާގެ ޙަޟްރަތުން ކަމެވެ.
މިއާޔަތަށްވެސް ވިސްނައިލާށެވެ!
"އަދި ކަލޭގެފާނުގެ ވެރިރަސްކަލާނގެ ޙަޟްރަތަށް ސަފުސަފަށް އެއުރެން ހުށަހެޅޭނެތެވެ. (އަދި ﷲ ވަޙީ ކުރައްވާނެތެވެ.) ތިމަންރަސްކަލާނގެ އެންމެފުރަތަމަފަހަރު ތިއަބައިމީހުން ހެއްދެވިފަދައިން، ހަމަކަށަވަރުން، ތިމަންރަސްކަލާނގެ ޙަޟްރަތަށް ތިއަބައިމީހުން އަތުވެއްޖައީމުއެވެ. އަދި ކީއްހެއްޔެވެ! ތއަބައިމީހުން ހީކުޅައީ (މަޙްޝަރަށް ފޮނުއްވުމަށް) ތިމަންރަސްކަލާނގެ ތިއަބައިމީހުންނަށް ވަގުތެއް ކަނޑަނާޅުއްވާނޭކަމަށެވެ." (އަލްކަހްފި 48)
ﷲ ތަޢާލާ ނަހީ ކުރެއްވެވި އެންމެހައި ކަންކަމުން އުފާ ލިބިގަންނަމުންދާ މީހުން ބިރުވެތިވާންވީ މިފަދަ އާޔަތްތަކަށެވެ. މިއީ ކޮންމެހެން މީހަކު ކިޔައިދޭން ޖެހޭ ކަންކަމެއް ވެސް ނޫނެވެ. ކީރިތި ޤުރްއާނުގެ މާނައަށް ވިސްނައިގެން ކިޔައި އަދި ތަފްސީރު ކިޔުމުންވެސް އެނގެން ހުރި ކަންކަމެވެ.
މީސްތަކުންނޭވެ! އަބަދު މަތީ މަޤާމުގަ އާއި ތަނަވަސްކަމުގައި ހުރެވޭނެ ކަމަށް ބަލައިގެން އުފަލާއި މަޖަލުގައި ދުނިޔޭގެ ހަޔާތް ވޭތިކުރަން ބިރުވެތިވާށެވެ! އާޚިރަތް ދުވަހު ކަންކަން ހިނގާނެ ގޮތް މިއޮތީ ފެންނާށެވެ! ބިރުވެތިވާށެވެ!
- އިސްލާމީ ތިލަފަތުގެ ދަރުސަކުން