ގެފުޅުގެ ތާރީޚް -4: މާތް ރަސޫލާ ޞޢޥ، ގެ ޒަމާނުގައި ގެފުޅު ބިނާކުރުން

ކިޔުމަށް ހޭދަވާނީ 3މ 34ސ
ގެފުޅުގެ ތާރީޚް -4: މާތް ރަސޫލާ ޞޢޥ، ގެ ޒަމާނުގައި ގެފުޅު ބިނާކުރުން

ޢަލީ އިޙްޞާން ފިރާޤް 

މާތް ރަސޫލާ ގެ ޒަމާނުގައި ގެފުޅު ބިނާކުރުން: 

މާތް ރަސޫލާ صلّى اللّـه عليه وسلّم  ގެ އުމުރުފުޅުން 35 އަހަރުފުޅުގައި ޤުރައިޝުން ގެފުޅު ބިނާކުރިއެވެ. އެއީ ފެންބޮޑުވުމުގެ ސަބަބުން ގެފުޅުގެ ބިއްކޮޅުތަކަށް ގެއްލުން ލިބިގެންނެވެ. އެނގިވަޑައިގަންނަވާނެ ފަދައިން ގެފުޅު ބިނާކޮށްފައިވަނީ ބޮޑެތި ހިލައިންނެވެ. ގިނަ ދުވަސްވުމުގެ ސަބަބުން އޭރު ގެފުޅުގެ ބިތްކޮޅުތައްވަނީ ކަނޑަކަނޑައިގެން ގޮސްފައެވެ. އިސްމާޢީލުގެފާނުގެ ޒަމާނުގައި ގެފުޅު ބިނާކުރެވިފައިވާ އުސް މިނަކީ ނުވަ މުށެވެ. އޭރު ބިނާކުރެއްވުމުގައި ގެފުޅުގެ ފުރާޅުކޮޅެއް ލައްވައިފައެއްނުވެއެވެ. ނަތީޖާއެއްގެ ގޮތުން ފުރާޅު މަތީން ވަގުން އަރައިގެން ގެފުޅުގެ ޚަޒާނާތައް ވަގަށް ގެންދާކަމުގައިވެއެވެ. 

މާތް ރަސޫލާ صلّى اللّـه عليه وسلّم ، ރަސޫލުކަމާއިގެން ފޮނުއްވުމުގެ ފަސް އަހަރުކުރީން، އައި ވަރުގަދަ ވިއްސާރަގަނޑެއްގައި، ފެންބޮޑުވެ، ގެފުޅަށް ވަރަށް ބޮޑަށް ގެއްލުންވިއެވެ. އެހެންކަމުން ޤުރައިޝުން ގެފުޅު ބިނާކުރުމަށް ނިންނިމެއެވެ. އެބައިމީހުން އެއްބަސްވީ، ގެފުޅު ބިނާކުރުމުގައި އެއްވެސް ޙަރާމް ފައިސާއެއް ބޭނުންނުކުރުމަށެވެ. އެބައިމީހުންނަށް ގެފުޅުގެ ބިއްތައް ތަޅާލަން ނުކެރިގެން އުޅޭން ފެށުމުން އެކަމަށް އިސްނެގީ ވަލީދު ބިން މުޣީރަތެވެ. މީނާ ގެފުޅުގެ ބިއްތައް ތަޅަންފެށުމުން އެއްވެސް ގެއްލުމެއް ނުލިބުނެވެ. (މިފަދައިން ޤުރައިޝުން ބިރުން އުޅުނީ ގެފުޅާ ދިމާކުރަން ނުވަތަ ގެއްލުންދޭން އަންނަ މީހުން މާތްﷲ ހަލާކު ކުރައްވާތީއެވެ) 

ދެން ޤުރައިޝުންވެސް ވަލީދުއާ ބައިވެރިވެ، ގެފުޅުގެ ބިއްތައް ތަޅަންފެށިއެވެ. ގެފުޅުގެ ބިއްތައް ތަޅަމުން ގޮސް އިބްރާހީމުގެފާނު އެޅުއްވި ބިންގަލާ ހަމައަށް ތަޅައިލުމަށްފަހު އަލުން އެބައިމީހުން އެބިންގަލުންގެ މަތީގައި ގެފުޅު ބިނާކުރަމުން ގެންދިޔައެވެ. ގެފުޅު ބިނާ ކުރަމުން ގެންދިޔައީ ޤަބީލާތަކަށް ބަހައިލައިގެންނެވެ. އެބައިމީހުން ގެފުޅު ބިނާކުރަމުން ގެންދިޔައީ ރޫމީންގެ ރާނާ މީހެއްކަމުގައިވާ ބާޤޫމުގެ ބެލުމުގެ ދަށުންނެވެ. 

ގެފުޅު ބިނާކުރަމުން ގޮސް ޙަޖަރުލް އަސްވަދު ބަހެއްޓުމާ ހަމައަށް ދިޔުމުން އެބައިމީހުންގެ މެދުގައި ދެބަސްވުން އުފެދުނެވެ. ހަތަރު ދުވަހަށް މި އަރާރުން ގަނޑު ދެމިގެން ދިޔައެވެ. އެހިނދު އެބައިމީހުންގެ ތެރޭގައި ހުރި ޙިކުމަތްތެރި މީހެއްކަމުގައިވާ އަބޫއުމައްޔަތު ބުނުލް މުޣީރަތު ބުންޏެވެ. މި މައްސަލައިގައި ގޮތެއް ނިންމާނީ ދެން އެންމެ އަވަހަށް މިސްކިތުގެ ދޮރުން ވަދެގެން އަންނަ މީހެކެވެ. މާތްﷲ ގެ އިރާދަފުޅުން އެ ދޮރުކޮޅުން އެންމެ ފުރަތަމަ ވަޑައިގެންނެވި ބޭކަލަކީ މާތް ރަސޫލާ صلّى اللّـه عليه وسلّم  އެވެ. މާތް ރަސޫލާ صلّى اللّـه عليه وسلّم  ފެނުމުން އެބައިމީހުން ވަރަށް އުފާކޮށް ބުނަމުން ގެންދިޔައެވެ.  

[ރުހިއްޖައީމުއެވެ. މިވަޑައިގަންނަވަނީ މުޙައްމަދުލް އަމީނުއެވެ.] 

މާތް ރަސޫލާ صلّى اللّـه عليه وسلّم  ވަޑައިގެން އެތަނަށް ބޮޑު ފޮށައެއް ގެންނަވައި އޭގައި ޙަޖަރުލް އަސްވަދު ބޭއްވިއެވެ. ބޭއްވުމަށްފަހު ކޮންމެ ޤަބީލާއަކުން މީހަކު އައިސް އެފޮށާގެ ވަށައިގެން ހިފުމަށް އެންގެވިއެވެ. އެއަށްފަހު އެ ހިލަ ބާއްވަންވީ މަގާމާ ހިސާބަށް ގެންދިޔުމުން، އެ ހިލަ އެ ފޮށާއިން ނަންގަވައި އޭގެ މަގާމުގައި ބޭއްވީ މާތް ރަސޫލާ صلّى اللّـه عليه وسلّم  ގެ އަތްޕުޅުންނެވެ. 

ޤުރައިޝުން ގެފުޅު ރޭނިއިރުގައި އެބައިމީހުންގެ އަތުގައި ހުރި ޙަލާލު ފައިސާ މަދުވުމުގެ ސަބަބުން، ގެފުޅުގެ އުތުރުން 6 މުށް އެތެރެއަށް ޖެއްސިއެވެ. އިބްރާހީމުގެފާނު ބިނާކުރެއްވި ބިންގަލަށްވުރެ 6 މުށް އެތެރެއަށް ޖެއްސި ބަޔަށް އަލްޙިޖްރު ނުވަތަ އަލްޙަޠީމު އޭ ކިޔައެވެ. އެބައިމީހުން ގެފުޅުގެ ދޮރުކޮޅު ބިމަށްވުރެ މައްޗަށް އުފުލިއެވެ. އެއީ އެބައިމީހުން ރުހޭ މީހަކު ގެފުޅަށް ވެއްދުމުގެ ބޭނުމުގައެވެ. އެބައިމީހުން ގެފުޅުގެ ފާރުކޮޅުތައް 15 މުށުގެ ދިގު މިނަށް ހިއްލިއެވެ. އެއަށްފަހު ހަ ތަނބުޖަހައި ފުރާޅުވެސް ލިއެވެ. {ޞަފިއްޔުއްރަޙްމާން މުބާރަކް ޕޫރީ، އައްރަޙީޤުލް މަޚްޠޫމު}

 

މިއަދު އޮންލައިން