ވަރިކޮށްލާފައި ދިއަ ފިރިމީހާ ގެނެސްދިން އޭނާގެ ތުއްތު ދަރިފުޅު ﷲ އަށްޓަކާ ބަލައިދިނުމުން ކުރި ހީވެސްނުކުރެވޭފަދަ ބޮޑުފައިދާގެ ވާހަކަ-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 27ސ
ވަރިކޮށްލާފައި ދިއަ ފިރިމީހާ ގެނެސްދިން އޭނާގެ ތުއްތު ދަރިފުޅު ﷲ އަށްޓަކާ ބަލައިދިނުމުން ކުރި ހީވެސްނުކުރެވޭފަދަ ބޮޑުފައިދާގެ ވާހަކަ-

އަޅުގަނޑުމެންގެ ކައިވެންޏަށް އަހަރުވީތަނާ ފިރިމީހާ އެހެން އަންހެނަކު ދެކެ ލޯބިވެގެން އަޅުގަނޑު ވަރިކޮށްލާފައި ނުކުމެގެން ހިނގައްޖެއެވެ. އެކަމުގެ ހިތާމައިގާ ދުވަސްކޮޅަކު އިނދެފައި ދެވަނަ ކައިވެނިކުރީމެވެ. 

ދެވަނަކައިވެނިކުރިތަނާހެން އެއްދުވަހަކު ކުރީގެ ފިރިމީހާ ތުއްތު ކުއްޖަކު ގޮވައިގެން އައިސް ބުނީ ވާހަކަދައްކާލަން ބޭނުންވާ ކަމަށެވެ. އެއީ ވަރަށް ލޯބިލޯބި ކުއްޖެކެވެ. އެހެންވެ ގެއަށް ވެއްދުމުން ކިޔައިދިނެވެ. 

"މިއީ ކަލޭ ވަރިކޮށްފައި ގޮސް ދެންކުރި ކައިވެނީގައި ލިބުނު ދަރިފުޅެވެ. ދަރިފުޅު ވިހެއުމުގެ ތެރޭގައި އަނބިމީހާވަނީ ނިޔާވެފައެވެ. އަނބިމީހާ ނިޔާވުމުން އޭނާގެ މައިންބަފައިން އަހަރެމެން ދެބަފައިން ގެއިން ނެރެލީއެވެ. ވަންނާނެ ތަނެއް ނެތެވެ. އަހަރެންނަށް ކުރެވުނު ކުށް އަހަރެންނަށް އެނގެއެވެ. އެހެންވީމާ އަހަރެން މިގެއަށް ވައްދާކަށް ނުބުނާނަމެވެ. ނަމަވެސް އަހަރެން މިއައީ އަހަރެންނަށް ގޮތެއް ފެންނަންދެން މިދަރިފުޅު ބަލައިލަދިނުން އެދިގެންނެވެ. ﷲ އަށްޓަކައި އެކަންކޮށްލްދޭތޯ ސަލާންޖަހާށެވެ." 

އެވަގުތު ފިރިމީހާވެސް ގެއަށް އަތުވެއްޖެއެވެ. ފިރިމީހާ ފެނުމުން ފިރިމީހާ ގާތުންވެސް ހަމައެކަމަށް އެދި އާދޭސްކުރުމުން ފިރިމީހާ ބުނީ އަޅުގަނޑު އެކަންކޮށްދޭންހުރިނަމަ އޭނާގެ މައްސަލައެއް ނެތް ކަމަށެވެ. ﷲ އަށްޓަކައި ކުއްޖަކު ބެލުމަކީ ރަޙްމަތް ލައްވަވާނެ ކަމެއް ކަމަށެވެ. 

އަޅުގަނޑުގެ ހިތުގައި ކުއްޖާގެ މައްޗަށް ލޯބިއުފެދުނެވެ. އަދި ﷲ އަށްޓަކައި އެކަންކޮށްދޭން އެއްބަސްވީމެވެ. އެއްބަސްވުމުން ދަރިފުޅުދީފައި އޭނާ ނުކުމެގެން ހިނގައްޖެއެވެ. 

ދެމަފިރިންގެ އަމިއްލަ ދަރިއަކު ނެތި މީހެއްގެ ދަރިއަކު ބަލަންޖެހުމުން ދެމަފިރިންގެ މިނިވަންކަމަށްވެސް ހުރަސްތަކެއް އެޅުނެވެ. ފިރިމީހާއަކީ ވަރަށް ހެޔޮލަފާ ތަޤްވާވެރިއަކަށްވާތީ އެކަން އެއްވެސް ކަމަކަށް ނުހަދައެވެ. އަބަދުވެސް ބުނާނީ މިއީ ސުވަރުގޭގައި ރަސޫލް އާއި އެންމެ އަރިއަހުގައިވުމަށް ދެއްވެވި ފުރުޞަތެއް ކަމަށެވެ. 

3 މަސްފަހުން ކުރީގެ ފިރިމީހާ ފައިސާކޮޅެއް ހިފައިގެން އައެވެ. ނަމަވެސް ފިރިމީހާ ބުނީ އެއްވެސް ފައިސާއެއް ބޭނުން ނޫންކަމަށާއި ﷲ އަށްޓަކައި ކުރާކަމަކަށްވުމުން ހުރިހާ ޚަރަދެއްވެސް ކުރާނީ އަމިއްލައަށް ކަމަށެވެ. ވީވަރަކުން ދަރިފުޅު ދެކެލަން އައިމަ ރަނގަޅުވާނެ ކަމަށެވެ. 

ކޮންމެއަކަސް އެދަރިފުޅު ގެންގުޅެ ބޮޑުކުރީ އަޅުގަނޑުމެން ދެމަފިރިންނެވެ. އަޅުގަނޑުމެން ދެމަފިރިންނަށް 5 ދަރިން ލިބުނެވެ. 6 ވަނަ ދަރިފުޅަކީ އެދަރިފުޅެވެ. އެދަރިފުޅަކީ މިހާރު ޕައިލެޓެކެވެ. ކައިވެނިކޮށްގެން އަމިއްލަ ދިރިއުޅުމެއް އުޅޭ ދަރިއެކެވެ. އަޅުގަނޑުމެން ދެމަފިރިންގެ ކަންކަމަށް ސަމާލުކަންދިނުމާއި އެހީތެރިވުމުގައި އަމިއްލަ 5 ދަރިންނަށްވުރެ ކުރީގައި ހުރީ އެދަރިފުޅު ކަމަށްބުނުމަކީ އަމިއްލަ 5 ދަރިންނަށް ބުނެވޭ ކުޑައިމިސްބަހެއް ނޫނެވެ. ދެން ފާހަގަކޮށްލަން ބޭނުންވާ ކަމަކީ އެދަރިފުޅު ގެންގުޅެންފެށުމާއިއެކު ފިރިމީހާގެ އަތްމަތި ތިޔާގިވިކަމެވެ.    

އަޅުގަނޑު މިވާހަކަ ޑޯން ނޫހަށް މިކިޔައިދިނީ މިފަދައިން ނިކަމެތިވެ ޙާލުގައިޖެހޭ ކުދިންނަށް އެހީތެރިވެ ބަލައިބޮޑުކުރަން މަސައްކަތްކުރުމުގެ މުހިންމުކަން ފާހަގަކުރުމަށެވެ. އެކަމަށް ނަޞޭޙަތްތެރިވުމަށެވެ. ޔަތީމް ކުއްޖަކު ރަނގަލުގޮތުގައި ބަލަހައްޓާނަމަ އެއާއިލާއަކަށް ﷲ ލައްވަވާ ރަޙްމަތުގެ ބޮޑުކަން ވަޒަންވެސް ނުކުރެވޭނެއެވެ. ވީމާ އެއީ ނުކޮށް ދޫކޮށްލަން ހެޔޮވާވަރުގެ ކަމެއް ނޫނެވެ. 

ނަރުގިސް / އިސްލާމް އާބާދު ޕާކިސްތާން  

މިއަދު އޮންލައިން