ޢަލީ އިޙްޞާން ފިރާޤް
އަރަހުށި މާތްﷲ ވަނީ އެއްބައި ދުވަސްތައް އަނެއްބައި ދުވަސްތަކުގެ މައްޗަށް މާތް ކުރައްވައިފައިވެއެވެ. އެއްބައި މަސްތައް އަނެއްބައި މަސްތަކުގެ މައްޗަށް މާތް ކުރައްވައިފައިވެއެވެ. އެއްބައިމީހުން އަނެއް ބައިމީހުންގެ މައްޗަށް މާތް ކުރައްވައިފައެވެ. އެއްބައި ޢާއިލާ އަނެއްބައި ޢާއިލާގެ މައްޗަށް މާތް ކުރައްވައިފައެވެ. އެއްބައި ރަށްތައް އަނެއްބައި ރަށްތަކުގެ މައްޗަށް މާތް ކުރައްވައިއެވެ.
ޝައްކެއްނެތް ގޮތުގައި ރަށްތަކުގެ ތެރެއިން އެންމެ މާތް އެއްރަށަކީ މައްކާއެވެ. އެ ރަށް ގަންދެއްވައި އަރަހުށި މާތްﷲ ވަނީ ހުވާގެ ބަސްފުޅު ވަޙީ ކުރައްވައިފައެވެ. ޤުރްއާނުގައި މައްކާއަށް ދެއްވައިފައިވަނީ ބަލަދުލް އަމީންގެ ނަންފުޅެވެ. ތީން ސޫރަތުގެ ތިންވަނަ އާޔަތުގައި މާތްﷲ ވަޙީ ކުރައްވައިފައިވެއެވެ.
وَهَٰذَا الْبَلَدِ الْأَمِينِ ﴿٣﴾
މާނައީ: [އަދި أمان ކަން ލިބިގެންވާ މި ރަށް (އެބަހީ: مكة) ގަންދެއްވަމެވެ].
މިދެންނެވި އާމާންކަން ލިބިގެންވާ ރަށުގައި ހުރި އެންމެ މާތް ތަނަކީ، މަސްޖިދުލް ޙަރާމްއެވެ. ކަޢުބަތުﷲ އެވެ. ދިވެހިބަހުން ދަންނަވަނީނަމަ ގެފުޅެވެ.
ހިސްޓްރީ އޮފް މައްކާ އޭ ކިޔުނު ފޮތުގައި ލިޔެވިގެންވެއެވެ. ގެފުޅަށް ކަޢުބާއޭ ކިޔެނީ ހަތަރެސްކަނުގެ ބައްޓަމަށް ގެފުޅު ހުންނާތީއެވެ. ގެފުޅަށް ބައިތުލް ޢަތީޤުގެ ނަމުންވެސް މުޚާޠަބު ކުރެވެއެވެ. އެއީ އަނިޔާވެރިން ޖައްބާރުންގެ ކިބައިން އެގެފުޅު ރައްކާތެރި ކުރެވިގެންވާތީއެވެ. އަރަހުށި މާތްﷲ ވަނީ ގެފުޅު އެންމެހައި ޖައްބާރުންގެ އަތްދަށުން ސަލާމަތް ކުރައްވައިފައެވެ. {ހިސްޓްރީ އޮފް މައްކާ، ޞަފްޙާ 29-30}