ﷲ ތަޢާލާ ތަނަވަސްކަން ދެއްވެވުމުން ގިނަ ބައަކަށް މިއަދުވަނީ އޭނާއަށް ތަނަވަސްކަން ދެއްވެވި ފަރާތް ވަރަށް ބޮޑަށް އޮޅިފައެވެ. މީސްތަކުންނަށް އިމެއް ނެތި ﷲ ތައާލާ ތަނަވަސްކަން މިންވަރު ކުރައްވަވަތެވެ. އަދި އިންތިކާއިއެކުވެސް މިންވަރުކުރައްވަވަތެވެ. ކޮންމެ ގޮތަކަށް މިންވަރުކުރެއްވެވި ނަމަވެސް ކޮންމެ މީހަކަށް ތަނަވަސްކަން ދެއްވެވުމަށްފަހުގައިވެސް ވަރަށް ފުރިހަމައަށް ބަލަހައްޓަވާ އެއްކަމެއް ވެއެވެ. އެއީ އެ ތަނަވަސްކަމުގެ ބޭނުން އެމީހާ ހިފާގޮތެވެ!
އެކަން ބެއްލެވުމަށްޓަކައި އެމީހާގެ ގާތަށް ﷲ ތައާލާ އިންސާނުން ވެސް ފޮނުއްވަވަތެވެ. އެހެންކަމުން މިއުޅެނީ ވަރަށް ޢާންމު ކުޑަކުޑަ މިސާލެއް ކިޔައިދެނީއެވެ.
ﷲ ތަޢާލާ ތަނަވަސްކަން މިންވަރުކުރައްވަވާފައިވާ ބޮޑު މިލިއަނަރަކެވެ. އޭނާގެ ގާތަށް ހެނދުނުން ސުރެ ކަންކަމަށް އެދިގެން މީހުން ދެއެވެ. ބައްދަލެއްވެސް ނުކުރެއެވެ. ޖެހެނީ އޮފީހުގައި ހުންނަ ފޮށްޓަކަށް ސިޓީއެއް ލުމަށްފަހު އެނބުރި ގޮސް އޭނާއަށް މިލިއަނަރުގެ ފަރާތުން ގުޅާނެ ދުވަހަކަށް އިންތިޒާރުކުރާށެވެ.
ޖަވާބު ލަސްވާތީ އޮފީހަށް ގުޅިނަމަވެސް ސެކެޓްރީ ދޭނެ ޖަވާބަކީ އަދި ބޮސްގެ ޖަވާބެއް ނުލިބެއެވެ. ބޮސް ގުޅަން ގުޅާނެ ނަމްބަރު އެނގޭނެ މީހަކު ނުއުޅެއެވެ.
މިލިއަނަރުގެ ގާތަށް ﷲ ތަޢާލާ ފޮނުއްވަވާ މީހުންނާއިމެދު މިފަދައިން ޢަމަލުކުރެވެމުންދާތަން ﷲ ތަޢާލާ ދެކެ ދެނެވޮޑިގެންވެއެވެ. އަދި މިލިއަނަރުގެ އަނެއް ފަރާތުގައި ހިނގާ ކަންކަން ވެސް ހަމަ ﷲ ތަޢާލާ ދެކެދެނެވޮޑިގެންވެއެވެ.
ސިޔާސީ މީހުންނާއި ނުފޫޒު ގަދަ ބޮޑުން ފޯނުކޮށްލުމުން ނުވަތަ މެސެޖެއް ފޮނުވައިލުމުން އެތައް ބައިވަރު ފައިސާތައް ބަހަމުން ގެންދާތަން ﷲ ތަޢާލާ ދެކެ ދެނެވޮޑިގެންވެއެވެ. މުޅި އަހަރު ދުވަސްތެރޭގައި ފަޤީރުންނަށް ނުކުރާ ހޭދަ ސީޔާސީ އެންމެ މީހަކަށް އެންމެ ފަހަރެއްގެމަތީން ހޭދަކުރަމުން ގެންދާތަންވެސް ﷲ ތަޢާލާ ދެކެދެނެވޮޑިގެންވެއެވެ.
ބިލިއަނަރުންނޭވެ! މިލިއަނަރުންނޭވެ! އެކި ދަރަޖައިގެ ފައިސާވެރިންނޭވެ! ތިއަބައިމީހުން ހިތަށް އެރިހައި ގޮތެއް ހަދަމުން ތިއަ ގެންދަނީ ތިއަބައިމީހުންގެ އަމިއްލަ އެއްޗަކަށް ނޫނެވެ. އެއީ ހަމަ ދާދި މަދު ވަގުތުކޮޅަކަށްޓަކައި ތިއަބައިމީހުންނާއި ޙަވާލުކުރައްވަވާ ﷲ ތަޢާލާގެ އަމާނާތެކެވެ. އެ އަމާނާތް ޙަވާލުކުރައްވަވަނީ ތިބާއަށް މޮޅު ގޮތްތައް ހޯދަން ސިޔާސީ ބޮޑުންނަށާއި އެނޫންވެސް ފަރާތްތަކަށް ރިޝްވަތު ބަހާކަށް ނޫނެވެ. ރީތިހައި އަންހެންކުދިންނަށް ޚަރަދުކުރާކަށްވެސް ނޫނެވެ.
ހާލުގައި ޖެހިފައި ތިބި ނިކަމެތި އިންސާނުންނަށް އެހީތެރިވުމަށެވެ. މާތް ﷲ ދެއްވެވި ތަނަވަސްކަމުގެ ބޭނުން ހެޔޮ ގޮތުގައި ހިފުނު މީހާއަކީ ކާކުކަން އެނގޭ ހެއްޔެވެ؟ އެއީ އެމީހާއަށް ދެއްވެވި ތަނަވަސްކަމުން އެމީހާގެ އަމިއްލަ ބޭނުންތަކަށް ބޭނުންކުރާ ވަރަށްވުރެ ގިނައިން ﷲ ތައާލާގެ މަގުގައި ހޭދަކުރި މީހާއެވެ. ހަމަކަށަވަރުން އެމީހާ އެވަނީ އިމްތިހާނުން ފާސްވެފައެވެ. ފާސް އެވީ އެ ތަނަވަސްކަމަކީ އޭނާ އިމްތިޙާން ކުރައްވަވަން ﷲ ތަޢާލާ އޭނާ އާއި ޙަވާލުކުރެއްވެވި އަމާނާތެއްކަމުގައި އޭނާއަށް ޤަބޫލުކުރެވިފައި އޮތުމުންނެވެ!
- އިސްލާމީ ތިލަފަތުގެ ދަރުސަކުން