ސަލާމަތްކަން އެދޭ މީހާ ދެ ލޯ ހުޅުވީމާ ﷲ ގެ ދީލަތިވަންތަކަމަށް ޣާފިލުވާ މީހާ އެހެރީ ހުރިހާ ކަމަކަށް ޣާފިލުވެފަކަން ޔަޤީންކުރެވޭނެ!

އަހުމަދު
ކިޔުމަށް ހޭދަވާނީ 1މ 39ސ
ސަލާމަތްކަން އެދޭ މީހާ ދެ ލޯ ހުޅުވީމާ ﷲ ގެ ދީލަތިވަންތަކަމަށް ޣާފިލުވާ މީހާ އެހެރީ ހުރިހާ ކަމަކަށް ޣާފިލުވެފަކަން ޔަޤީންކުރެވޭނެ!

އަހަރެމެންނަށް ފެނުމާއި ބުއްދި ދެއްވަވާފައިވަނީ ހަވާނަފްސް އެދޭ ކަންކަންކަމަށް ސަމާލުކަންދޭކަށް ނޫނެވެ. ﷲ ތަޢާލާގެ ރަޙްމަތްފުޅުތަކާއިމެދު ނުވިސްނާނަމަ އެ ބުއްދީގެ އޮތީ ކޮން ބޭނުމެއް ގެއްޔެވެ؟ 

"މީހަކަށް އެންމެ ކުށެއް ކުރެވުމުން އެމީހާ ކުރިން ކުރި އެތައް ހާސް ހެޔޮކަމެއް މީހުން ހަނދާން ނައްތައިލައެވެ. ނަމަވެސް މީހަކު އިޚްލާޞްތެރިކަމާއިއެކު އެނެމެ ފަހަރަކު ތައުބާވުމުން އެމީހާ ކުރިން ކޮށްފައިވާ އެތައް ހާސް ފާފަތަކެއް ﷲ ތަޢާލާ ހަނދުމަފުޅު ނައްތަވައިލައްވަވައެވެ. އެމީހާގެ ހުރިހާ ފާފަތަކެއް ފުއްސަވައި ދެއްވަވައެވެ!" 

މިއީ ކަން އޮތް ގޮތް ނަމަވެސް މިއަދު މިފެންނަނީ ގިނަ ބައަކު ތަނަވަސް މީހުންނާއި ސިޔާސީ ބޮޑުންގެ ރުހުން ހޯދަން ﷲ ތަޢާލާ އާއި ދުރަށް ޖެހެމުންދާތަނެވެ. ސިޔާސީ މީހުން ރުއްސަން، އެމީހުން ބުނާ ކަންކަން ކުރަން އުޅުމުގެ ތެރޭގައި ﷲ ތަޢާލާ ރުހިވޮޑި ނުގަންނަވާ އެތައް ކަމެއް ކުރަމުން ގެންދާ މަންޒަރެވެ! ކަނޑައެޅިގެން ޙަރާމް ކުރައްވަވާފައިވާ އެތައް ކަންކަން ކުރުމަށް އެއްވެސް ވަރަކަށް ޖެހިލުން ނުވާތަނެވެ! 

ހަމަ އެއާއިއެކު ފެންނަމުން މިދަނީ ދުނިޔަވީ ބޭނުންތައް ފުއްދަން އުޅުމުގެ ސަބަބުން ފަރުޟު ނަމާދަށްވެސް ފަރުވާ ކުޑަކުރެވެމުންދާ ތަނެވެ. ބަންގިއަށް ދޭން ޖެހޭ ސަމާލުކަން ނުދެވޭތަނެވެ. ބަންގިއަށްވުރެ ވަޒީފާ އިސްކުރެވޭތަނެވެ! އާމްދަނީ ހޯދަން ކުރެވޭ މަސައްކަތްތައް އިތުރުކުރެވޭ ތަނެވެ!  

މީސްތަކުންނޭވެ! ޣާފިލުކަމުގެ ނިދީން ހޭލާށެވެ! ދެ ލޯ ހުޅުވައިގެން ހުރެ ކަންކަމަށް ބަލަން ފަށާށެވެ! ވިސްނައި ފިކުރުކުރާށެވެ! ކިރިޔާވެސް ސަލާމަތްކަން އޮތީ އެއިރުންނެވެ. 

ހިތާމައަކީ ފަށަމުން ބުނި ފަދައިން ﷲ ތަޢާލާގެ ދީލަތިވަންތަކަން އެނގި ޔަޤީންކުރެވޭއިރުވެސް އެކަމަށް ވިސްނައިލާ މީހުންގެ އަދަދު މަދުކަމެވެ. ﷲ ތަޢާލާއަށް ބިރުވެތިވުން ދޫކޮށް ދުނިޔަވީ މަންފާތައް ހޯދަން މަސައްކަތް ކުރެވޭ ކަމެވެ. ފާފަތަކަށް އަރައިގަތުމަކީ ކުރެވޭ ކުށެއް ކަމަށްވެސް ބައެއް މީހުންނަށް ޤަބޫލު ނުކުރެވޭ މިންވަރަށް ޣާފިލުވެފައި ތިބި ކަމެވެ. 

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

 

 

މިއަދު އޮންލައިން