ރައީސް ޞާލިޙަކީ ޢިލްމުވެރިންގެ އަޑު އައްސަވާ ބޭފުޅެއްކަމަށް ބުނެވެން އޮތީ ކޮންގޮތަކުންތޯ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 9ސ
ރައީސް ޞާލިޙަކީ ޢިލްމުވެރިންގެ އަޑު އައްސަވާ ބޭފުޅެއްކަމަށް ބުނެވެން އޮތީ ކޮންގޮތަކުންތޯ؟

"ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙަށް ވަރަށް އިޙްތިރާމާއިއެކު ދަންނަވަމެވެ. ރާއްޖެއިން ހަރުކަށި ފިކުރު ނައްތައިލެވޭނީ ލާދީނީ ފިކުރުވެސް ނައްތައިލެވިގެންނެވެ. އެއީ ވަރަށް ބޮޑަށް ގުޅި ލާމެހިފައިވާ 2 ފިކުރެވެ." 

މިއީ މީގެ 3 އަހަރުކުރިން މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް ކުރެއްވި ޓްވީޓެކެވެ. 

ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް ވިދާޅުވެފައިވާ ފަދައިން ރާއްޖެއިން ހަރުކަށި ފިކުރު ނައްތައިލެވޭނީ ލާދީނީ ފިކުރުވެސް ނައްތައިލެވިގެންނެވެ. ޑރ. އިޔާޟް މިމޭރުމުން ވިދާޅުވެފައިވަނީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ސަމާލުކަމަށް މި މައްސަލަ ގެންނަވަން މީގެ 3 އަހަރުކުރިންނެވެ. 

ޑރ އިޔާޟް މިމޭރުމުން ވިދާޅުވީ 2019، ޑިސެމްބަރު 16 ވަނަ ދުވަހު ކްރޮސް ރޯޑުގައި ރާއްޖޭގެ ކައުންސިލަރުންނަށް ބޭއްވި ބައްދަލުވުމެއްގައި ރާއްޖޭގައި ހަރުކަށި ފިކުރު ފެތުރެމުންދާ މިންވަރާއި ބެހޭ ގޮތުން ވަރަށް ތަފްޞީލުކޮށް ވާހަކަ ދެއްކި ނަމަވެސް ރާއްޖޭގެ ރައްޔިތުން އިސްލާމް ދީނުން ބޭރުކުރަން ކުރެވެމުން އަންނަ މަސައްކަތްތަކާއި ބެހޭ ގޮތުން އެއްވެސް ވާހަކައެއް ދައްކާފައިނުވާތީއެވެ. އަދި ރާއްޖެއާއި ހަރުކަށިފިކުރާއި ގުޅުވައި ހަރުކަށިފިކުރުގެ ބޮލުގަ ތެޅީ އިސްލާމިކް މިނިސްޓްރީ ބައްދަލުވުމުގައި ބައިވެރިވެސް ނުކޮށެވެ. 

ﷲ އަށް ކިޔަމަންތެރިކަން އަދާކުރުމަކީ ހަރުކަށިފިކުރުކަމަށް ހަދަމުންގޮސް ބަންގިގޮވީމާ ޖަމާޢަތަށް ނަމާދަށް ދިއުމަކީ ހަރުކަށިފިކުރުކަމަށް ސަރުކާރުން ޒުވާނުންނަށް ކިޔަވައިދިނީ އިހައްދުވަހުއެވެ. ހަރުކަށި ފިކުރުގެ ނަމުގައި ސަރުކާރުން އަނބުރާ ގޭސްގަނޑާއި އެގޭސްގަނޑު ކައްކަމުން ގެންދަނީ ކޮން މިޞްރާބަކަށް ރައްޔިތުން ގެންދުވަން ކަމާއިމެދުގައިވެސް ޝައްކުކުރުމެއް ނެތެވެ.

ރައީސް ޞާލިޙަކީ އިސްލާމް ދީން މަތިވެރިކުރަން އެއްވެސް ކަމެއް ކުރަވާނެ ބޭފުޅެއް ނޫންކަމަށް ގިނަ ބައަކު މިހާރު ޔަޤީންކުރަނީ ރާއްޖޭގައި އިސްލާމް ދީން ބަލިކަށިކުރަން ސަރުކާރުން އިސްލާމް ދީނާއިމެދު ދޮގު މައުލޫމާތު ފެތުރުމާއި ރަށްރަށަށް ގޮސް ޒުވާނުންގެ ބޮލަށް ނުބައި ޗިޕްޖެހުން ފަދަ މައްސަލަތައް ތަކުރާރުކޮށް ފެންމަތިވަމުން އަންނާތީއެވެ. މިކަންކަމުގައި ކުރިން ހަރަކާތްތެރިވި ޖަމިއްޔާތަކުގެ ލިސްޓަށް "ހޯޕްފޮރ ވިމަން" މިހާރުވަނީ "ހޯޕްފޮރ ޝައިޠާން" ގެ ގޮތުގައި އިތުރުވެފައެވެ. އެންސީޓީސީއަކީ ސިކުނޑިން އިސްލާމްދީން ފުހެލާ ޗިޕްޖެހުމުގެ އެންމެ ބޮޑު މާސްޓަރެވެ! އެކަމަކުވެސް ރައީސް ޞާލިޙް މިއިން އެއްވެސް ކަމަކަށް ކަންބޮޑުވެވަޑައިގެން ވާހަކަދައްކަވާ އަޑެއް ނުއިވެއެވެ. އަބަދުވެސް އިވޭނީ ހަރުކަށި ފިކުރުގެ ބޮލުގައި ތަޅުއްވާ އަޑެވެ. 

ވީމާ މިކަންކަން އެންމެންނަށް އެނގި ﷲ ގެ މަގުގައި ސާބިތުވާން އެމީހަކަށް ކުރެވެން އޮތްހައި ކަމެއް ކުރުމަކީ މިއަދު އެމީހެއްގެ މަސްއޫލިއްޔަތަކަށްމިވަނީވެފައެވެ.

 

 

 

މިއަދު އޮންލައިން