ކިތަންމެ ބޮޑު ޚަރަދެއްކުރަންޖެހުނަސް، ދަރަނިވެރިވެގެންވެސް އެންމެ މޮޅު ފޭރާންލާން ބޭނުންވާ މީހުން ވިސްނާލުން މުހިންމު ބައެއް ކަންކަން-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 43ސ
ކިތަންމެ ބޮޑު ޚަރަދެއްކުރަންޖެހުނަސް، ދަރަނިވެރިވެގެންވެސް އެންމެ މޮޅު ފޭރާންލާން ބޭނުންވާ މީހުން ވިސްނާލުން މުހިންމު ބައެއް ކަންކަން-

އެމީހަކަށް ﷲ ތަޢާލާ ތަނަވަސްކަން ދެއްވަވާފައިވާނަމަ އެތަނަވަސްކަމުގެ ބޭނުން ﷲ ތަޢާލާ އަންގަވާފައިވާ މަގުން ހިފަމުން ދުނިޔޭގެ އުފަލަށްޓަކައި އެމީހާ ކުރަންބޭނުންވާ ކަންކަން، އެކަންކަމަކީ ﷲ ތަޢާލާ ހުއްދަ ކުރައްވަވާފައިވާ ކަންކަން ކަމުގައިވާނަމަ ކުރުމަކީ އެއްވެސް މައްސަލައެއް އޮތްކަމެއް ނޫނެވެ. ވީމާ ތަނަވަސްކަން ހުރިނަމަ އަގުބޮޑު ފޭރާންލުމަކީވެސް މައްސަލައެއް އޮތްކަމެއް ނޫނެވެ. 

އެހެނަސް ތިމާގެ ކިބައިގައި އެފަދަ ތަނަވަސްކަމެއް ނެތް ނަމަވެސް އެންމެ އަގުބޮޑު ފޭރާން ނޫނީ ލާންބޭނުން ނުވާ މީހުން އުޅެއެވެ. މިސާލަކަށް ހަފްލާއަކަށްދާން އަގުބޮޑު ފޭރާމުގެ ހެދުމެއް ލުމަށްޓަކައި މުސާރައިން ބޮޑުބައެއް ޚަރަދުކުރުމަށްފަހު މަހުގެ ދުވަސްތަކުގައި ދަރަނިވެރިވެގެން އަސާސީ ބޭނުންތައް ފުއްދައި އުޅޭމީހުންވެސް މިހާރު މަދެއް ނޫނެވެ. 

ވީމާ ސުވާލެއް ކޮށްލާނަމެވެ! ތިބާ ޙައްޖަށް ނުވަތަ ޢުމްރާއަށް ދާންވެއްޖެނަމަ ހެދުން އަޅާނީ ކިހިނަކުންހެއްޔެވެ؟ އަދި މަރުވުމުން ކަފުންކުރެވޭއިރު ވާނީ ކިހިނަކުންހެއްޔެވެ؟ 

މިކަމުން އެނގިގެން މިދަނީ ދުނިޔެ ދޫކޮށްފައި ދާންޖެހޭނީ އެހެން މީހުން ތިމާގެ ގައިގައި ލެއްވި ފޭރާމަކާއިއެކުގައިކަމެވެ. އަދި އެންމެންވެސް ކަފުންކުރެވެނީ އެއްގޮތަކަށް ކަމެވެ. ވީމާ ހޭލުންތެރިވެ ހިތްތިރިކުރާށެވެ. ދެއްކުންތެރިކަން ދޫކޮށްލާށެވެ! ދެއްކުންތެރި ބޮޑާ މީހުންނަށް ގާތީ ސުވަރުގެ ނުލިބުމެވެ.: --އިސްލާމީ ތިލަފަތުގެ ދަރުސަކުން 

ތިރީގައިވާ ލިޔުންވެސް ވިދާޅުވެލައްވާށެވެ! 

ޙައްޖާއި ޢުމްރާގައި، ފަހާފަ ހުންނަ ހެދުން މުޙްރިމުން ނުލުމުގެ ޙިކުމަތަކީ ކޮބާ؟ 

الحمد لله

[އާންމުކޮށްލާ ހެދުން މުޙްރިމުން] ނުލުމުގެ ޙިކުމަތަކީ އިންސާނާ އޭނާގެ رَبّއަށް އެތެރެފުށުންނާއި ބޭރުފުށުން މަޑުމޮޅިވެއުޅުން ފުރިހަމަވުމުގެ ގޮތުންނެވެ. އެއީ ރިދާއަކާއި (ފިރިހެނުން އިޙްރާމްބަންނައިރު ހަށިގަނޑުގެ މަތީބައިނިވާކުރުމަށް ބޭނުންކުރާ ފޮތިގަނޑު)  އިޒާރެއް (ފިރިހެނުން އިޙްރާމްބަންނައިރު ހަށިގަނޑުގެ ތިރީބައިނިވާކުރުމަށް ބޭނުންކުރާ ފޮތިގަނޑު ) ލުމުންނެވެ. ) 

އެންމެ މޮޅު ހެދުންލުމުގެ ކުޅަދާނަކަން ލިބިފައިވާ އެންމެ މުއްސަނދިމީހުންވެސް އެންމެ ފަޤީރުމީހުންނާ އެއްފަދައިންވާތަން ތިބާއަށް ފެންނާނެއެވެ. އެއީ މަޑުމޮޅިކަންފުރިހަމަވުމުގެ ތެރެއިންވާކަމެކެވެ. 

އަދިވެސް މުސްލިމުންގެމެދުގައި އޮންނަ އެއްބައިވަންތަކަން ދެއްކުމަށްވެސްމެއެވެ. އަދި އެބައިމީހުން އަޅާހެދުމުގައިވެސް އެބައިމީހުންނަކީ އެއް އުންމަތެއްކަން ދެއްކުމަށްޓަކައެވެ. އެހެންކަމުން އެއްބިނާއެއްގެ ވަށައިގެން އެބައިމީހުން ޠަވާފުކުރެއެވެ. އަދި ހުއްޓިގެންވެސް ތިބެނީ އެއްތަނެއްގައެވެ. އަދި ރޭތައް ހޭދަކުރަނީވެސް އެއްބިމެއްގައެވެ. އަދި [ހިލަ] އުކަނީވެސް އެއްތާކަށެވެ.

ތިންވަނަ ފައިދާއަކީ: ހަމަކަށަވަރުން އިންސާނާ ދުނިޔެއިން ނުކުންނައިރު އޭނާ ނުކުންނާނީ މިފަދަ ގޮތަކަށްކަން އިންސާނާ ހަނދުމަވެއެވެ. އެއްވެސް ޙާލެއްގައި އެންމެ މޮޅު ހެދުމުގައި އޭނާ ނުނުކުންނާނެއެވެ. ނަމަވެސް ނުކުންނާނީ ކަފުނެއްގައެވެ.

والله المستعان

ފަޟީލަތުއްޝައިޚް މުޙައްމަދު އިބްނު ޞާލިޙު އަލްޢުޘައިމީން رحمهالله
مجموع فتاوى ابن عثيمين” (22/ 136) 

މަސްދަރު: ދިސަލަފިއްޔާ

މިއަދު އޮންލައިން