ހެލްތު އެންޑް ފެމިލީ އެކްސްޕޯ 2026: ސިއްހީ ހޭލުންތެރިކަމުގެ ކާމިޔާބު ހަރަކާތްތަކާއެކު އެކްސްޕޯ ނިންމާލައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 27ސ
ހެލްތު އެންޑް ފެމިލީ އެކްސްޕޯ 2026: ސިއްހީ ހޭލުންތެރިކަމުގެ ކާމިޔާބު ހަރަކާތްތަކާއެކު އެކްސްޕޯ ނިންމާލައިފި

"މޯލްޑިވްސް ހެލްތު އެންޑް ފެމިލީ އެކްސްޕޯ 2026" ގެ މަޤުސަދު ފުރިހަމައަށް ހާސިލުވެ، އާންމުންގެ ބޮޑު ތަރުހީބަކާއެކު މިއަހަރުގެ އެކްސްޕޯ ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.

ޕީއެސްއެމް ނިއުސްއަށް ދެއްވި ޚާއްސަ އިންޓަވިއުއެއްގައި ވާހަކަފުޅު ދައްކަވަމުން ސިއްހަތާއި އާއިލާއާއި އިޖުތިމާއީ އެހީއާ ބެހޭ ވަޒީރު ޤީލާ ޢަލީ ވިދާޅުވީ، ފާއިތުވި އަހަރުތަކާ އަޅާބަލާއިރު މިއަހަރުގެ އެކްސްޕޯއަށް ރައްޔިތުންގެ ފަރާތުން ލިބިގެންދިޔަ ތަރުހީބު ނުހަނު ބޮޑު ކަމަށެވެ. އަދި މިއީ އެކްސްޕޯގައި ބައިވެރިވި އެކިއެކި ފަރާތްތަކަށް ލިބުނު ފާހަގަކޮށްލެވޭ ފަދަ ބޮޑު ޕްރޮމޯޝަނެއްގެ ގޮތުގައި ވަޒީރު ސިފަކުރެއްވިއެވެ.

މިދިޔަ އަހަރާ އަޅާބަލާއިރު މިއަހަރުގެ އެކްސްޕޯގެ ސްޓޯލްތައް ފެނިގެންދިޔައީ މާ ފުރިހަމަކޮށް އަދި ފެންވަރު މަތީކޮށް ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ. އެގޮތުން ސިއްހީ ދާއިރާގެ ތަފާތު އެކި ދާއިރާތަކާ ގުޅޭ މައުލޫމާތު އާންމުންނަށް ފުރިހަމައަށް ފޯރުކޮށްދެވި، ހެލްޕްލައިންތަކާއި ޚިދުމަތްތައް ހޯދުމުގައި ފުރިހަމަކުރަންޖެހޭ މުހިންމު ޕްރޮސެސްތަކާ ބެހޭ ގޮތުން އާންމުން ހޭލުންތެރިކުރުވިފައިވާ ކަމަށް އެކަމަނާ ވިދާޅުވިއެވެ. މީގެ އިތުރުން، އެކިއެކި މައުޟޫޢުތަކަށް ކުރިއަށް ގެންދިޔަ ޕެނަލް ޑިސްކަޝަންތަކާއެކު އާންމުން ހޭލުންތެރިކުރުމުގެ މުހިންމު މަސައްކަތްތަކެއް ވަނީ ކުރިއަށް ގެންގޮސްފައެވެ.

މިއަހަރުގެ އެކްސްޕޯއިން ލިބުނު ތަޖުރިބާއާ އެކު، ކުރިއަށް އޮތް ތަނުގައި އިތުރަށް ތަރައްގީ ކުރެވިދާނެ ކަންކަން ދެނެގަނެވިފައިވާ ކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި އަމާޒަކީ އަންނަ އަހަރުގެ އެކްސްޕޯ މިއަށްވުރެ ބޮޑަށް ފުޅާކޮށް، އިތުރު ފުރިހަމަކަމާއެކު އިންތިޒާމުކޮށްގެން ކުރިއަށް ގެންދިއުން ކަމަށްވެސް އެކަމަނާ ފާހަގަކުރެއްވިއެވެ.

މިއަދު އޮންލައިން