ދަނގެތީގެ ރައްޔިތުންނާއި މަސްވެރިންނަށް ލުއިތަކެއް: އެފްއެސްއެމްގެ ފިއުލް ސްޓޭޝަނުން ތެޔޮ ދޫކުރަން ފަށައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 11ސ
ދަނގެތީގެ ރައްޔިތުންނާއި މަސްވެރިންނަށް ލުއިތަކެއް: އެފްއެސްއެމްގެ ފިއުލް ސްޓޭޝަނުން ތެޔޮ ދޫކުރަން ފަށައިފި

ރާއްޖޭގެ ކޮންމެ އަތޮޅެއްގައި ހެޔޮ އަގުގައި ތެޔޮ ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ތެރެއިން، އދ. ދަނގެތީގައި ޤާއިމުކުރި ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް) ގެ ފިއުލް ސްޓޭޝަން ހުޅުވައި ރަސްމީކޮށް ޚިދުމަތް ދޭން ފަށައިފިއެވެ.

މިއީ ސަރުކާރުން ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ) އާ ގުޅިގެން ރާއްޖޭގެ ހުރިހާ ސަރަޙައްދަކަށް ހެޔޮ އަގުގައި ތެޔޮ ފޯރުކޮށްދިނުމަށް ފަށާފައިވާ މުހިންމު މަޝްރޫޢުގެ ދަށުން އެޅި މުހިންމު ފިޔަވަޅެކެވެ. މީގެ ކުރިން އަތޮޅުތަކުގެ ގިނަ ރަށްރަށުގައި އަމިއްލަ ފަރާތްތަކުން ތެލުގެ ވިޔަފާރި ކުރަމުން ދިއުމުގެ ސަބަބުން، އާންމު ރޭޓަށްވުރެ ބޮޑު އަގުގައި ތެޔޮ ގަންނަންޖެހުމުގެ ދަތިކަން ރައްޔިތުންނަށާއި މަސްވެރިންނަށް ދިޔައީ ކުރިމަތިވަމުންނެވެ.

ދަނގެތީގައި މި ޚިދުމަތް ފެށުމާއެކު، އެ ރަށުގެ އާންމު ރައްޔިތުންނަށާއި ކަނޑުދަތުރުފަތުރުކުރާ ފަރާތްތަކުގެ އިތުރުން މަސްވެރިންނަށް އެސްޓީއޯގެ ކަނޑައެޅިފައިވާ ހެޔޮ އަގުގައި، އިތުބާރާއެކު ފަސޭހަކަމާއެކީ ތެޔޮ ލިބޭނެ އިންތިޒާމު މިހާރު ވަނީ ހަމަޖެހިފައެވެ. މިކަމުގެ ސަބަބުން މަސްވެރިކަމުގެ ދަތުރުތަކަށް ހިނގާ ޚަރަދަށް ބޮޑު ލުޔެއް ލިބިގެންދާނެއެވެ.

ސަރުކާރުގެ މައިގަނޑު އަމާޒަކީ ރާއްޖޭގެ ހުރިހާ އަތޮޅެއްގައިވެސް މިފަދަ ޒަމާނީ ފިއުލް ސްޓޭޝަންތައް ޤާއިމުކޮށް، އަތޮޅުތަކުގައި ތެލުގެ އަގު ބޮޑުވުމަށް ދިމާވެފައިވާ މައްސަލައަށް ދާއިމީ ހައްލެއް ހޯދައިދިނުމެވެ.

މިއަދު އޮންލައިން