މާލެ ސަރަހައްދުގެ އެންމެ ޖާގަ ތަނަވަސް "މެންހަޓަން ގްރޭންޑް ހޮޓެލް" ރަސްމީކޮށް ހުޅުވައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 48ސ
މާލެ ސަރަހައްދުގެ އެންމެ ޖާގަ ތަނަވަސް "މެންހަޓަން ގްރޭންޑް ހޮޓެލް" ރަސްމީކޮށް ހުޅުވައިފި

މާލެ ސަރަހައްދުގައި ތަރައްގީކުރި އެންމެ ޖާގަ ތަނަވަސް އަދި ފަސް ތަރީގެ ފެންވަރުގެ މަތީ ފަންތީގެ ހޮޓަލެއް ކަމަށްވާ "މެންހަޓަން ގްރޭންޑް ހޮޓެލް" މިރޭ ރަސްމީކޮށް ހުޅުވައިފިއެވެ.

ހުޅުމާލޭ ފުރަތަމަ ފިޔަވަހީގައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައި މި އިމާރާތް ރަސްމީކޮށް ހުޅުއްވައިދެއްވީ މާލީކަންކަމާއި ސަރުކާރު ކުންފުނިތަކާ ބެހޭ ވަޒީރު ހަސަން ޒަރީރު އެވެ. މި ހޮޓާ ހުޅުވުމުގެ އުފާ ފާޅުކުރުމުގެ ގޮތުން މިރޭ ވަނީ ހުޅުމާލެ ފުރަތަމަ ފިޔަވަހީގައި ކުލަގަދަ ހަވާ އެރުވުމުގެ ހަރަކާތެއްވެސް ކުރިއަށް ގެންގޮސްފައެވެ. މިއީ ހޮޓަލުގެ ފަރާތުން ވިޔަފާރި އުސޫލުން އަގުދައްކައިގެން ބޭއްވި ހަރަކާތެކެވެ.

ދިވެހިރާއްޖޭގެ ތާރީހާއި ސަގާފަތް ރަމްޒުކޮށްދޭ ގޮތަށް ފަރުމާކޮށްފައިވާ މި ހޮޓަލަކީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ފުރައިގެން އެންމެ 10 މިނެޓު ތެރޭގައި ވާސިލުވެވޭނެ ފަދަ ލުއިފަސޭހަ ސަރަހައްދެއްގައި ހުންނަ ހޮޓަލެކެވެ. މި ހޮޓަލުގައި މަތީ ފަންތީގެ ގިނަ ވަސީލަތްތަކެއް ވަނީ ގާއިމުކޮށްފައެވެ. އެގޮތުން ހިމެނޭ މުހިންމު ވަސީލަތްތަކުގެ ތެރޭގައި 162 ޒަމާނީ ކޮޓަރި، ތަފާތު އެކި ކެއުންތަކަށް ހާއްސަ 4 ރެސްޓޯރެންޓް، ހަފުލާތަކާއި ބައްދަލުވުންތަކަށް ބޭނުންކުރެވޭނެ 4 މާލަން، ޖިމް އަދި ސްޕާގެ ހިދުމަތްތައް އަދި ޒަމާނީ ފެންވަރުގެ ފަތާ ފެންގަނޑެއް ހިމެނެއެވެ.

މި ހޮޓަލުގެ އަމަލީ މަސައްކަތް އެންމެ ފުރަތަމަ ފަށާފައިވަނީ މީގެ 20 އަހަރު ކުރިން ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އިންނެވެ. ނަމަވެސް، އެކި ސަބަބުތަކާ ހުރެ މަސައްކަތް ގިނަ ދުވަސްތަކެއް ވަންދެން މަޑުޖެހިފައި އޮތުމަށްފަހު، މި ސަރުކާރުން ވަނީ އަމިއްލަ އިންވެސްޓަރަކާ ހަވާލުކޮށްގެން މަޝްރޫއުގެ މަސައްކަތް އަލުން ހަލުއި ދުވެލީގައި ކުރިއަށް ގެންގޮސްފައެވެ.

މި މަޝްރޫއުގެ މަސައްކަތް ފުރިހަމަކޮށްފައިވަނީ ޔޫއޭއީގެ ޑީޕް ސީފުޑް ކުންފުންޏާއި، ވޯލްޑް އޮފް ބިޒްނަސް ޕްރައިވެޓް ލިމިޓެޑް ގުޅިގެން އުފައްދާފައިވާ ޖޮއިންޓް ވެންޗާ ކުންފުނިންނެވެ. މި ހޮޓާ ރަސްމީކޮށް ހުޅުވިގެން ދިއުމާއެކު، މާލެ ސަރަހައްދުގެ ފަތުރުވެރިކަމާއި މެހެމާންދާރީގެ ދާއިރާއަށް ބޮޑު ކުރިއެރުމަކާއި އިތުރު ފުރިހަމަކަމެއް ލިބިގެންދާނެއެވެ.

މިއަދު އޮންލައިން