މިއީ އަޅުގަނޑަށް ދިމާވި ހަގީގީ ހާދިސާއެކެވެ. އެސްފީނަ އަކީ ހަގީގަތެއް ކަމަށް ގަބޫލު ކުރެވުނަސް މީގެ ކުރިން އެކަމަކީ އަޅުގަނޑު މާ ބޮޑަށް ފިކުރު ހިންގާ ކަންކަމެއް ނޫނެވެ. ނަމަވެސް އަޅުގަނޑުގެ ވިސްނުން ބަދަލުކޮށްލީ މި ދިމާވި ހާދިސާއެވެ.
އަޅުގަނޑުގެ ދަރިފުޅަށް ވީ އެންމެ ހަ މަހެވެ. ދަރިފުޅުގެ މޫނު ނުފެންނާނެ ގޮތަށް ސޯޝަލް މީޑިއާގައި ދަރިފުޅުގެ ފޮޓޯތަށް ހިއްސާ ކުރަމެވެ. އެކަން އެ ގޮތަށް ނުކުރުމަށް ގިނަ ބަޔަކު ނަސޭހަތްތެރިވެސް ވިއެވެ. ނަމަވެސް އަޅުގަނޑު ގަބޫލު ކުރި ގޮތުގައި މޫނު ނުފެންނާނެ ހެން ފޮޓޯ ލުމަކުން އަދި އެސްފީނާ އެއް ނުޖެހޭނެއެވެ.
އަޅުގަނޑުގެ ދަރިފުޅަކީ އާއްމުކޮށްވެސް އެހާ ރޯ ކުއްޖެއް ނޫނެވެ. ވަރަށް ބޮޑަށް ނިދި އައިސްގެން ނޫނީ ބަނޑުހައިވުމުން ނޫނީ ނުރޯނެއެވެ. ނަމަވެސް އެއް ރެއެއްގެ ވަގުތު ދަރިފުޅު ނިންދަވަން އުޅުމުން ވަރަށް ބާރަށް ރޯންފެށިއެވެ. ހީވީ ބޮޑު އަނިޔާއެއް ވެގެން ރޯންފެށީ ހެންނެވެ. އެއްގޮތަކަށްވެސް ވީ ކިހިނެއް ކަމެއް ނޭނގުނެވެ. މުޅި ކުއްޖާ ވަރުބަލި ވީއިރު ވެސް އެއްވެސް މީހަކަށް ދަރިފުޅުގެ ރުއިމެއް ނުހުއްޓުވުނެވެ. ދަރިފުޅަށް ނިދުނީ ބަޤަރާ ސޫރަތް ޖެހުމުން އޭގެ އިރުކޮޅެއް ފަހުންނެވެ.
ދެން ދިމާވި އަނެއް ކަމަކީ ޖެހިގެން އައި ދުވަހު ކާން ދޭން އުޅުމުން ވެސް ދަރިފުޅު ނުކެއުމެވެ. އަޅުގަނޑުގެ ދަރިފުޅަކީ ހަމަސް ވީ އިރު ވެސް ރަނގަޅަށް ކަމުން އައި ކުއްޖެކެވެ. އެދުވަހު ކާންދޭން ޖެހުނީ ގަދަކަމުންނެވެ. ރޮވޭ ވަރުން ކާންދެވުނީ ވެސް ކުޑަކޮށް (މަދުން)ނެވެ. އެ ދުވަހު އެއްކޮށް ދަރިފުޅު ހުންނަނީ ބޮޑާ ހާކާފައެވެ. އެއީ ކުރިން އަޅުގަނޑުގެ ދަރިފުޅުގެ ފަރާތުން ފެނުނު ކަންކަމެއް ނޫނެވެ. އަޅުގަނޑުގެ ދަރިފުޅަކީ ރަނގަޅަށް ގާތުން ވެސް ބޮމުން އަންނަ ކުއްޖެކެވެ. ނަމަވެސް މިކަމެއް ވީފަހުން ގާތުން ވެސް ނުބޮއެވެ. މިފަދަ ގޮތަކަށް ދެ ދުވަސް ވޭތުކުރީމެވެ.
ފިރިމީހާގެ އެދުމުގެ މަތިން ފޭސްބުކާއި އިންސްޓަގްރާމްގައި ހުރި ދަރިފުޅުގެ ހުރިހާ ފޮޓޯއެއް ޑިލީޓް ކުރީމެވެ. އަދި ދަރިފުޅަށް ކުރިއަށް ވުރެ ގިނައިން ބަޤަރާ ސޫރަތް އަޑު އިއްވާ، ހެނދުނާ ހަވީރުގެ ޒިކުރުކޮށް ގަޔަށް ފުމެމެވެ. ދަރިފުޅު ކުރީގެ އުޅުމަށް ރުޖޫޢަވީ އެގޮތަށް ކަން ކުރާތާ 3 ދުވަސް ފަހުންނެވެ.
ކިޔުންތެރިންނަށް އަޅުގަނޑު ބުނެލަން ބޭނުންވަނީ އެސްފީނާ އަކީ ހަގީގަތެއް ކަމެވެ. އަދި މޫނު ނުދައްކާ ފޮޓޯ ލުމަކުން އެސްފީނާ ނުޖެހޭނެކަމަށް ނުވިސްނާށެވެ. ހަގީގަތަކީ އާއިލާ އާއި ގާތް ރަހުމަތްތެރިންގެ ތެރޭގައިވެސް ހަސަދަވެރިން ގިނަކަމެވެ. ތިމާގެ ދިރިއުޅުމުގެ ކަންކަން އެންމެ ގާތް މީހާއަށްވެސް ސިއްރުކޮށްފައި ބާއްވާށެވެ.
(މިވާހަކަ ޙިއްޞާކޮށްފައި އެވަނީ ކިޔުންތެރިޔާ ފޮނުއްވި ގޮތަށް، ކިޔުންތެރިޔާ ލިޔުއްވާފައިވާ ގޮތަށެވެ.)