ޙަޤީޤީ ޙާދިސާ: ވަޒީފާގެ ކުރިއެރުމުގެ ބޭނުމުގަ ވެރިމީހާގެ ދަރިފުޅުގެ ބޭނުންތައް ފުއްދައިދިން ކުއްޖާ ވަކިކޮށް އެކަމަށް ދެކޮޅުހެދި ކުއްޖާއަށް ކުރިއެރުން ލިބުނު ގޮތުގެ ވާހަކަ-

އަހުމަދު
ކިޔުމަށް ހޭދަވާނީ 3މ 38ސ
ޙަޤީޤީ ޙާދިސާ: ވަޒީފާގެ ކުރިއެރުމުގެ ބޭނުމުގަ ވެރިމީހާގެ ދަރިފުޅުގެ ބޭނުންތައް ފުއްދައިދިން ކުއްޖާ ވަކިކޮށް އެކަމަށް ދެކޮޅުހެދި ކުއްޖާއަށް ކުރިއެރުން ލިބުނު ގޮތުގެ ވާހަކަ-

އަޅުގަނޑު މަސައްކަތްކުރަމުން އައީ ވިޔަފާރިކުރާ ކުންފުންޏެއްގައެވެ. ކުންފުނީގެ އަހަރީދުވަސް ކައިރިވަމުން އައިއިރު އެންމެ ވާދަވެރި މަޤާމް އޮތީ ހުހަށެވެ. އެއީ މާކެޓިންގ ޑިރެކްޓަރު ކަމުގެ މަޤާމެވެ. އެންމެ ބޮޑު މުސާރަލިބޭ މަޤާމްކަމަށްވުމުންނެވެ. އެމަޤާމަށް ވާދަކުރަމުންދިއައީ އަޅުގަނޑާއި އަދި އެހެން އަނހެން ކުއްޖެކެވެ. އޭނާއަކީވެސް އެއިރު އަޅުގަނޑާއި އެއްފެންވަރެއްގައި މަސައްކަތްކުރާ ކުއްޖެކެވެ. 

ދެމީހުންނަށްވެސް ޤަބޫލުކުރެވިފައި އޮތީ މަޤާމް ލިބޭނީ ވެރިމީހާގެ ދަރިފުޅު އެމަޤާމަށް އިޚްތިޔާރުކުރާ މީހަކު ކަމަށެވެ. އެހެންވެސް ދެމީހުންވެސް މަސައްކަތްކުރަމުން ދިއައީ އެކަމަށް ސަމާލުކަންދީގެންނެވެ. ނަމަވެސް ދެމީހުންނަށް ކުރިއަށްދެވުނީ ތަފާތު ދެ މަގަކުންނެވެ. އަޅުގަނޑު ސަމާލުކަންދިނީ ކުންފުންޏަށް އެންމެ ބޮޑަށް ފައިދާކުރާނެ ގޮތަށް މަސައްކަތްކުރުމަށެވެ. އޭނާ ސަމާލުކަންދިނީ ވެރިމީހާގެ ދަރިފުޅު ރުއްސުމަށެވެ. 

ވެރިމީހާގެ ދަރިފުޅު އަޅުގަނޑާއި ބައްދަލުކޮށް އޭނާ ބޭނުންވާ އޭނާގެ އަމިއްލަ ބޭނުންހުށަހެޅުމުން އަޅުގަނޑު ވަގުތުން ދެކޮޅު ހެދީމެވެ. ހަޑިމުޑުދާރު، ޙަރާމްކަންކަން ކޮށްގެން ލިބޭ ޕްރަމޯޝަނެއް ބޭނުން ނޫންކަމަށް ދިމާއަށް ބުނީމެވެ. ކުރާ މަސައްކަތުގެ އަގު ވަޒަންކޮށް ނުލިބުނު ޕްރަމޯޝަނެއް ހޯދަން ކުރާނެ އިތުރު އެހެންކަމެއް ނުއޮންނާނެ ކަމަށްވެސް ބުނީމެވެ. ޖަވާބުގައި އޭނާ ބުނީ ފަހުން ހިތާމަކުރަން އަޅުގަނޑަށް ޖެހޭނެ ކަމަށެވެ. އެބަހަކަށް ޖަވާބެއް ނުދެމެވެ. 

އަހަރީ ޖަލްސާ އޮންނަރެއެވެ. އެދުވަހު ހަވީރު އަޅުގަނޑު ވެރިމީހާ އާއި ބައްދަލުކުރީމެވެ. އަދި ވަޒީފާ ދޫކޮށްލަން ނޯޓިސްދިނުމުން އޭނާއަށް ލިބުނީ ވަރަށް ބޮޑު ޙައިރާންކަމެކެވެ. އެހައި ރަނގަޅަށް، އެހައި ބުރަކޮށް މަސައްކަތްކުރަމުން އައިސްފައި ކުއްލިއަކަށް އިސްތިޢުފާދޭން ޖެހުނު ސަބަބާއިމެދު ސުވާލުކުރުމުން އޭނާގެ ދަރިފުޅު އަޅުގަނޑާއި ދެއްކި ވާހަކައިގެ އަޑު ފޯނުން އިއްވައިލީމެވެ. އަޅުގަނޑު ބުނީމެވެ. "ޕްރަމޯޝަން ނުލިބުމަކީ މައްސަލައެއް ނޫނެވެ. ނަމަވެސް ވެރިމީހާގެ ދަރިފުޅުގެ ރުހުން ނެތި މަސައްކަތްކުރުންވާނީ ވަރަށް އުނދަގޫކަމަކަށެވެ. އަޅުގަނޑަށް ޖެއްސުންކުރާނެއެވެ. ނުކުރާ ކުށްތަކުގައި ބައްދާނެއެވެ. ވީމާ އެންމެ ރަނގަޅު ގޮތަކީ އިސްތިޢްފާދިނުން ނޫންތޯއެވެ؟" 

ވެރިމީހާ ބުނީ ކުންފުނީގައި ހިނގާ ހުރިހާ ކަންކަމާއި ދަރިފުޅުގެ އުޅުންވެސް އެނގޭކަމަށެވެ. އެހެންބުނެފައި އިސްތިޢުފާ ސިޓީ ވީދައިކުދިކުދިކޮށްލާފައި ބުނީ ތައްޔާރުވެގެން ޙަފްލާއަށް އައުމަށެވެ. 

ކޮންމެ ގޮތަކަށް ކަންކަން ނިމުނު ނަމަވެސް އެންމެ ރަނގަޅުކަމަށް ވިސްނީމެވެ. ﷲ އަށް ވަކީލްކުރީމެވެ. އެންމެ ބޮޑު ހިތްވަރެއް ލިބުނީ މިއަދުނޫހުގައި ލިޔާ ލިޔުންތަކުންނެވެ. އެއީ ޙައްޤު ގޮތުގައި ހުއްޓައި އަނިޔާއެއް ލިބުނު ނަމަވެސް މާރަނގަޅު ގޮތްތައް ﷲ މިންވަރު ކުރައްވާނެކަމަށް ލިޔެފައި ހުންނަ ލިޔުންތަކެވެ. ޙަފްލާއަށް ދިއުމުގެކުރިން ޢިޝާނަމާދުކުރީމެވެ. ކާމިޔާބީއަށް އެދި ދުޢާކުރީމެވެ. 

ޙަފްލާގައި ވެރިމީހާ ދެކަމެއް އިޢްލާނުކުރިއެވެ. އެއީ މާކެޓިންގ ޑިރެކްޓަރުގެ މަޤާމަށް އަޅުގަނޑު ހަމަޖެއްސިކަމާއި ވާދަކުރަމުން އައި އެކުވެރިޔާ ވަޒީފާއިން ވަކިކުރިކަމެވެ. 

އަނެއް ދުވަހު ވެރިމީހާގެ ގާތަށް ގެންދިއައިރު ދަރިފުޅު އިނެވެ. ބޭރުފުށުން ހިނިތުންވެ އިނދެ އަޅުގަނޑަށް މަރުޙަބާވެސް ކިޔެވެ. ވެރިމީހާ ބުންޏެވެ. "އަހަރެމެން މިކުރަނީ ވިޔަފާރިއެވެ. ބަލަންޖެހޭނީ ދެބަފައިން އެދޭހާ ކަންކަންކޮށްދޭ މުވައްޒިފުންނަކަށް ނޫނެވެ. އެފަދަ މުވައްޒިފުންގެ ސަބަބުން ވިޔަފާރިއަށް ލިބޭނީ ގެއްލުމެވެ. އެމީހުންނަކީ ހަމައެކަނި ފައިސާ ބޭނުންވެގެން އުޅޭ މީހުންނެވެ. ވިޔަފާރިކުރިއަރާނީ ތެދުވެރިކަމާއިއެކު މަސައްކަތްކުރާ މުވައްޒިފުންނާއިއެކު ކުރިއަށްދާން މަސައްކަތްކުރުމުންނެވެ. ދަރިފުޅުގެ ވިސްނުމާއި އުޅުން ބަދަލުކުރާށެވެ. ދަރިފުޅަކީ ހަރުދަނާ މީހެއްކަން ބައްޕައަށް ސާބިތުކޮށްދޭށެވެ. އެއިރުން އަމިއްލަ ވިޔަފާރިއެއް ފަށައިދޭނަމެވެ." 

ބައްޕަ ދިން ނަޞޭޙަތް ދަރިފުޅު ޤަބޫލުކުރުމުން އަމިއްލަ ވިޔަފާރިއެއް ފަށައިދިނެވެ. ދަރިފުޅު ބޭނުންވީ އޭނާގެ ކުންފުންޏަށް އަޅުގަނޑު ގެންދާށެވެ. ނަމަވެސް އަޅުގަނޑު އިޚްތިޔާރުކުރީ ބައްޕަގެ ކުންފުނީގައި ހުންނާށެވެ. އޭނާގެ ކުންފުންޏަށް ބަދަލުނުވި ނަމަވެސް އެދިއްޖެނަމަ އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށް ބުނީމެވެ. 

އެއިގެ ފަހުން މިހާރު 8 އަހަރުވީއެވެ. އަދިވެސް މަސައްކަތްމިކުރަނީ ހަމައެކުންފުނީގައެވެ. މިއަދުނޫހުގެ ކިޔުންތެރިންގެ ގާތުގައި، ޚާއްޞަކޮށް އަންހެން ބޭފުޅުންގެ ގާތުގައި ބުނެލަން ބޭނުންވަނީ މަތީ މަޤާމް ހޯދަން މަސައްކަތްކުރާއިރުވެސް ﷲ އަށް ތެދުވެރިވާށެވެ! ﷲ އެމީހަކު މަތިކުރައްވަވައިފިނަމަ ތިރިކުރެވޭނެ މީހަކު ނުހުންނާނެއެވެ. އަޅުގަނޑުގެ ވިސްނުމުގައި ގިނަ އަންހެނުންނަށް ކޮޅުކެހިލިބެނީ ކުރިއަށްދާން އޮންނަ މަގުކުރުކޮށްލަން މަސައްކަތްކުރެވޭތީއެވެ. 

- ނީޒް / މިއަދުނޫހުގެ ކިޔުންތެރިއެއް

މިއަދު އޮންލައިން