ސިޙްރުގެ ޙަޤީޤަތާމެދު ވަރަށްގިނަ އިލްމުވެރީން بحث ކޮށް ވާހަކަ ދައްކާފައި ވެއެވެ. އޭގެތެރެއިން ބައެއް ބެކަލުން ވިދާޅުވަނީ އެއީ ހީކުރުވުމެވެ. މަކަރެކެވެ. ޙަޤީޤަތެއްނެތް އެއްޗެކެވެ. މިއީ މުޢުތަ ޒީލިންނާއި އަހްލުއްސުންނަތުގެ ބައެއްބޭކަލުންގެ ރައުޔެވެ. މިރައުޔުގެ އަހްލުވެރީންގެ ތެރޭގައި ޝާފިޢީ މަޒުހަބުގެ ޢިލްމުވެރިއެއް ކަމުގައިވާ އަބޫޖަޢުފަރު އަލްއިސްތިރް އަބާޒީ އާއި ޙަނަފީ މަޒްހަބުގެ ޢިލްމުވެރިއެއް ކަމުގައިވާ އަބޫބަކުރު އައްރާޒީ އާއި އަދި إِبْنُ حَزْمِ الظَّاهِرِى އާއި މިނޫންވެސް ބޭކަލުން ހިމެނިގެންވެއެވެ.
މިރައުޔުގެ ބޭކަލުން ދެކެވަޑައިގަންނަވާ މާނައިގައިވާ ސިޙްރުގެ ތަފާތު ވައްތަރުތައް ވެއެވެ. އޭގެތެރޭގައި ޖާދޫގަރުން ބެނުންކުރާ އުޅުޅުތައް ހިމެނިގެން ވެއެވެ. އެއީ ޙަޤީޤަތެއް ކަމަށް ހަދައިގެން އެއާ ޚިލާފަށް ދައްކާ ދެއްކުން ތަކެކެވެ. މިސާލަކަށް ކަލެއަށް އޭނާ ދައްކަނީ ދޫންޏެއް ކަތިލާތަނެވެ. އަދި އޭތި ކަތިލައި ބޯ ވަކިކޮށްލުމަށްފަހު އޭތި އުދުހިގެންދާތަނެވެ. ނަމަވެސް ޙަޤީޤަތަކީ، އެއުދުހިގެން ދިއައީ އޭނާ ކަތިލި ދޫންޏެއްނޫނެވެ. އޭނާގެ އަތުގައި ފޮރުވާފައިވާ އެހެން ދޫންޏެކެވެ. އޭނާގެ ކުޅަދާނަކަމާއި އަވަސް ޙަރަކާތުގެ ސަބަބުން އެކަން ފާޅުނުވަނީ އެވެ.
މިގޮތަށް ވިދާޅުވާ ބޭކަލުން ދެކެވަޑައިގަންނަވާ ގޮތުގައި فِرعَوْن ގެ ސިޙްރު ވެރީންނަކީ ވެސް ހަމަ މިބާވަތުގެ ސިޙްރުވެރީންނެވެ. الله سبحانه وتعالى އެކަން އަންގަވައި ވަޙީކުރައްވާފައި ވެއެވެ. فَإِذَا حِبَالُهُمْ وَعِصِيُّهُمْ يُخَيَّلُ إِلَيْهِ مِنْ سِحْرِهِمْ أَنَّهَا تَسْعَىٰ – طه 66 (ފަހެ އެހައިރުން އެބައިމީހުންގެ ސިޙްރުގެ ސަބަބުން އެކަލޭގެފާނަށް ހީފުޅުވީ އެމީހުންގެ ވައުބުރިތަކާއި އަސާތައް ތެދުވާކަމަށެވެ.)
ސިޙްރުގެ އަނެއް ވައްތަރަކީ ޖިންނި ޝައިޠާނުންނާ އެމީހުން ވާހަކަ ދައްކާކަމަށާއި އެމީހުންގެ އެކިއެކި ކިއެވެލިތަކާއި މަންތަރުތަކުގެ ސަބަބުން އެމީހުންނަށް އެޝައިޠާނުން ކިއަމަންތެރިވާ ކަމަށްބުނެ އެމީހުންކުރާ ކަންތަކެވެ. މިގޮތުން ބަޔަކާ ގުޅައިގެން ކުރިން އެމީހުން ކަންތައްތަކެއް ރާވައި ހަމަޖައްސައެވެ. ދެން އެއަށްފަހު އެހެން މީހުންނަށް އެއީ ސިޙްރުގެ ބާރުން ހިގި ކަންތައްތަކެއް ކަމަށް ދައްކައެވެ.
މިގޮތުން ވަރަށްގިނަ ސިޙްރުވެރީން ބައަކު މީހުންލައްވައި މީހުންގެ ސިއްރުތައް ހޯދައެވެ. ދެން އެއަށްފަހު އެމީހުން އައުމުން އެކަމާބެހޭ ޚަބަރުތައް އެމީހުންނަށް ދެއެވެ. އެމީހުން ހީކުރަނީ އެއީ غيب ތަކުގެ ވާހަކައިން ޖިންނި ޝައިޠާނުން ދޭޚަބަރުތައް ކަމުގައެވެ.
އަދި ސިޙްރުގެ އެހެން ބާވަތަކީ ދެބައޮޑުވުމާއި ދޮގުހެދުމާއި މަކަރާހީލަތުގެ ޗާލާކީ އުކުޅުތައް ބޭނުންކުރުމެވެ. މިރޮގުން އެއްފަހަރަކު ހިގިކަމަކީ މީހަކު ދެއަންބަށް މީހަކާ އިދެފިއެވެ. މިހެންވުމުން ދޮށީ އަންބަށް މިކަން ބޮޑުވެއްޖެއެވެ. އަދި މީހަކުގެ ގާތަށްގޮސް އެކަމާމެދު ކަމެއް ކޮށްދިނުމަށް އެދެފިއެވެ. ދެން އެމީހާ ހެދިގޮތަކީ ހަގުއަންބާ ގުޅާލާފައި ބުނީ ކަބުލޭގެ ފިރިމީހާގެ ހިތުގައި ކަބުލޭގެ މައްޗަށް އޮތްލޯބި ވަރުގަދައަށް ހަރުލައްވަން އެދޭނަމަ ކުރަފަތެއް ހިފައިގެން ގޮސް ފިރިމީހާގެ ކަރާ ވަރަށް ކައިރިން ތިން އިސްތަށި ކަޑައިލައިގެން ގެންނާށެވެ. މިގޮތަށް މިކަބުލޭގެ ގާތުގައި ބުނެފައި ފިރިހެން މީހާއަށް އަންގައި ބިރުގެންނެވީ އެކަބުލޭގެ އޭނާއަށް ޚިޔާނާތްތެރިވެ އޭނާ ޤަތުލުކޮށްލާނެ ކަމަށެވެ. ދެން އެކަބުލޭގެކުރަފަތް ހިފައިގެން ގޮސް ފިރިމީހާއާ ކައިރިކޮށްލުމާއެކު އެއްވެސް ޝައްކެއް ނެތި އޭނާގެ ހިތަށް ވަނީ ސިޙްރުވެރިއާ ބުނެފައިވާ ފަދައިން އެކަބުލޭގެ ޤަސްދަކީ އޭނާ ޤަތުލުކޮށްލުމެވެ. މިހެން ހިތަށްއަރައި އޭނާ ފުންމައިގެން ތެދުވެ އެކަބުލޭގެ ޤަތުލުކޮށްލައިފިއެވެ. މިކަންތައްވީ ދެމަފިރީންގެ ދެމެދު ވަކިކޮށްލައި ދާއިމީ ގޮތެއްގައި ދުރުކޮށްލުމެއް ކަމުގައެވެ.
އިސްވެދިޔަ މިސާލުތަކުގެ މައްޗަށް ބިނާކޮށް ސިޙްރަކީ ޙަޤީޤަތެއް ނެތް އެއްޗެއް ކަމަށް ވިދާޅުވާ ބޭކަލުން ދެކެވަޑައިގަންނަވަނީ ސިޙްރަކީ އެއީ ޙަޤީޤަތާ ޚިލާފު ގޮތަކަށް ނެރެ ދެއްކުމާއި، އަތުގެ ހަލުއިކަމާއި އަވަސް ޙަރަކާތާއި، ބަޔަކާ ގުޅައިގެން ކަންތައް ކުރުމާއި ދޭތެރެ ޖެއްސުމާއި މަކަރާ ޙީލަތުގެ އުކުޅުތައް ބޭނުންކުރުމާއި މިފަދަ ކަންތައްތައް އެކުލެވިގެންވާ ކަމެއްކަމަށެވެ. މިހެންކަމުން ސިޙްރުވެރީންނަށް ވެވިދާނެ ކަމަށް ބައެއްބޭކަލުން ދެކެލައްވާ ކަންތައްތަކުގެ ތެރޭގައިވާ، އެއްވެސް ގޮތަކުން ބީހުމެއްނެތި އެހެނިހެން ޖިސްމުތަކަށް އަސަރު ފޯރުވުމާއި ކުޑަހިދުކޮޅެއްގެ ތެރޭގައި ދުރުރާސްތާތައް ކަޑައްތުކޮށްލުންފަދަ ކަންތައް އެމީހުންނަށް ކުރެވިދާނެ ކަމަށް އެބޭކަލުން ދެކެވަޑައެއް ނުގަނެއެވެ.
ޙަނަފީ މަޒްހަބުގެ ޢިލްމުވެރިއެއް ކަމުގައިވާ އަބޫބަކްރިއްރާޒީ ވިދާޅުވާ ގޮތުގައި އެންމެ ކަމަކުންވެސް އެސިޙްރުވެރީންގެ ދޮގާއި މަކަރާޙީލަތް ފާޅުވާނެއެވެ. އެކަމަކީ އެމީހުން އެދަޢްވާކުރާ ފަދައިން މަންފަޢަ ކޮށްދީ ގެއްލުންދީ ހެދުމުގެ ކުޅަދާނަކަން އެމީހުންނަށް ލިބިގެންވާނަމައެމީހުންނަށް ފަޒާގައި އުދުހެވުނީހެވެ. އަދި غَيب ގައިވާ ކަންތައްވެސް އެގުނީހެވެ. އަދި ދުރުގައިވާ ރަށްތަކުގެ ޚަބަރުތަކާއި މީހުން ފޮރުވާފައިވާ ހުންނަ ތަކެއްޗާއި ވައްކަންތަކުގެ ޚަބަރުވެސް އެގުނީހެވެ. އަދި ބިމުގައިވާ ޚަޒާނާތައް ނެރެ އެކިއެކި ދައުލަތްތައް މުޅީން ނެތިކޮށްލައި ރައްތަކުގެ މައްޗަށް ގަދަވެގަނެވުނީހެވެ. އަދި ކޮބައިހެއްޔެވެ؟ އެމީހުން އެކުރާ ދަޢުވާއަކީ ތެދު ދަޢުވާއެއްނަމަ އެހެން މީހުންގެ އަތުގައި ތަކެއްޗަށް ނޭދި އެމީހުންނަށް ފުދުނީހެވެ. ނަމަވެސް އެމީހުންގެ ޙާލަތު ހުރީ ކިހިނަކުން ހެއްޔެވެ؟ އެމީހުންނަކީ މީސްތަކުން ކުރެ އެންމެ ޙާލަތުދަށް މީހުންނެވެ، ފަޤީރުންނެވެ. ވީމާ އެމީހުންނަކީ އެމީހުން دعوى ކުރާ ކަންތައް ކުރުމަށް ކުޅަދާނަކަން ލިބިގެންވާ ބައެއްނޫންކަން، ވިސްނާލައިފި ކޮންމެ މީހަކަށްވެސް އެގޭނެއެވެ. ވުމާއެކު ސިޙްރު ހާހޫރައަށް އީމާންވުމަށް އެންމެ އަވަސްވެ ގަންނަ ބައަކީ ޢާއްމުންކުރެ ޖާހިލުންނެވެ. ނުވިސްނޭ މީހުންނެވެ. އަދި އެކަން ޤަބޫލުނުކުރާ މީހުންނާ ދެކޮޅުހެދުމުގައިވެސް އެންމެ ގަދަފަދަވެގެންވާ ބައަކީވެސް ހަމަ އެމީހުންމެއެވެ. މިބަޔާންވެ ދިއައީ އަބޫބަކްރިއްރާޒީ ވިދާޅުވެފައިވާ ބަސްފުޅެވެ.
އިސްވެދިއަ ތާގައި ބަޔާންކުރެވިފައި އެވަނީ ސިޙްރަކީ ޙަޤީޤަތެއްނެތް އެއްޗެއް ކަމަށް ވިދާޅުވާ ޢިލްމުވެރީން އެއާމެދު ދެކެވަޑައިގަންނަވާ ތަފާތު ގޮތްތަކެވެ.
(އައްޝައިޚް ޙުސައިން ޢަބްދުއްރަޙްމާން ލިޔުއްވާފައިވާ "سحر ވެރިންގެ عمل ތައް ހުރިގޮތުގެ މައްޗަށް ބަލައި، قرآن އާއި سنّة ގެ އަލީގައި ކުރެވިފައިވާ دراسة އެއް" ފޮތުން އެއިގެ އަޞްލާ އެއްގޮތަށް)