ދިވެހި ފުލުހުންގެ ޚިދުމަތުން 2027 ވަނަ އަހަރަށް ކަނޑައަޅާ އިސްކަންދޭ ދާއިރާތަކާއި އަހަރީ އެކްޝަން ޕްލޭން އެކުލަވާލުމަށް އަމާޒުކޮށްގެން ބާއްވާ "އެންސީޕީއެލްއީ އެނުއަލް ޕޮލިސިންގ ކޮންފަރެންސް 2026" މިއަދު ފަށައިފިއެވެ.
މި ނޮވެމްބަރު މަހުގެ 8 އިން 10 އަށް އިސްކަންދަރު ކޮށީގައި ކުރިއަށްދާ މި ތިން ދުވަހުގެ ކޮންފަރެންސަކީ ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓާއި، ސްޓްރެޓީޖިކް ޕްލޭނިންގ އެންޑް ލީގަލް ސަރވިސަސް ގުޅިގެން ކުރިއަށްގެންދާ ހަރަކާތެކެވެ.
ފުލުހުންގެ ޚިދުމަތުން މަޢުލޫމާތު ދެއްވި ގޮތުގައި، މި ކޮންފަރެންސަކީ ދާޚިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާން އަދި ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު މުޙައްމަދުގެ އިސްނެންގެވުމުގެ މަތިން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ ފޯރަމެކެވެ. މި ބައްދަލުވުމުގައި ޢިލްމީ ހޯދުންތަކާއި، ދިރާސާތަކާއި އަދި ފުލުހުންގެ އޮޕަރޭޝަނަލް ތަޖުރިބާގެ އަލީގައި، ޢަމަލީ ގޮތުން ނަތީޖާ ނެރެވޭނެ ހަރުދަނާ ފިޔަވަޅުތަކެއް އެކަށައެޅުމަށް ވަނީ ހަމަޖެހިފައެވެ.
މީގެއިތުރުން، ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ފުލުހުންގެ ޚިދުމަތް ބޭނުންވާ މިންވަރާއި، ކުށުގެ ވެއްޓަށް އަންނަމުންދާ ބަދަލުތަކުގެ އިތުރުން ފަންނީ ދިރާސާތަކުގެ ހޯދުންތަކުގެ މައްޗަށް ބިނާކޮށް މި ކޮންފަރެންސްގައި ފުޅާ ދާއިރާއެއްގައި މަޝްވަރާކުރާނެ ކަމަށް ވެސް ފުލުހުން ބުނެފައިވެއެވެ.
މި މަޝްވަރާތަކުގެ ތެރެއިން މުއައްސަސާގެ އިސްކަންދޭންޖެހޭ ދާއިރާތައް ދެނެގަނެވި، ސާފު ލަނޑުދަނޑިތަކެއް ކަނޑައެޅިގެންދާނެއެވެ. އަދި ދިވެހި ފުލުހުންގެ ޚިދުމަތުގެ 2027 ވަނަ އަހަރުގެ އެކްޝަން ޕްލޭންގައި ހިމެނޭ ވަކިވަކި ޒިންމާތައް ތަރުތީބުކޮށް ކަނޑައެޅިގެންދާނެ ކަމަށް ވެސް އެ ޚިދުމަތުން ހާމަކުރެއެވެ.