އުންމު ސަލަމާ ރަލިޔަﷲ ޢަންހާ 3: ކީރިތި ރަސޫލާއަށްފަހު

މިއަދު
ކިޔުމަށް ހޭދަވާނީ 5މ 13ސ
އުންމު ސަލަމާ ރަލިޔަﷲ ޢަންހާ 3: ކީރިތި ރަސޫލާއަށްފަހު

ޢަލީ އިޙްޞާން ފިރާޤް

 

ކީރިތި ރަސޫލާއަށްފަހު: 

މާތް ނަބިއްޔާ صلّى اللّـه عليه وسلّم ސުވަރުގެވަޑައިގެންނެވުމަށްފަހު أمّ المؤمنين أمّ سلمة رضى اللّـه عنــها ދިރިއުޅުއްވީ ވަރަށް ދީންވެރި ތަޤުވާވެރި ދިރިއުޅުއްވުމެކެވެ. އެކަމަނާ ގިނަ ވަގުތު ހޭދަކުރައްވަމުން ގެންދެވީ އަޅުކަން ކުރެއްވުމަށާއި އިސްލާމްދީނުގެ ޙުކުމަތައް މީސްތަކުންނަށް ބަޔާންކޮށްދެއްވުމަށްށެވެ. 

މާތް ނަބިއްޔާ صلّى اللّـه عليه وسلّم ސުވަރުގެވަޑައިގެންނެވުމަށްފަހު أمّ المؤمنين أمّ سلمة رضى اللّـه عنــها  ޙައްޖަށާއި ޢުމްރާއަށް މެނުވީ ގެއިން ބޭރަށް ނުކުމެވަޑައިގެން ނޫޅުއްވައެވެ. 

މުސްލިމުންގެ ތިންވަނަ ޚަލީފާ أمير المؤمنين عثمان بن عفّان رضى اللّـه عنه އަނިޔާވެރި ގޮތުގައި ޝަހީދުކޮށްލެވުމުން އެކަލޭގެފާނުގެ ލޭފޮދުގެ ބަދަލު ހިއްޕެވުމަށްޓަކައި ޠަލްޙަތު ބިން ޢުބައިދުއްﷲ ރަޟިޔަﷲ ޢަންހާއި، ޒުބައިރު ބުނުލް ޢައްވާމު ރަޟިޔަﷲ ޢަންހާއި، އުއްމުލް މުއުމިނީން އައްސައްޔިދާ ޢާއިޝާ ރަޟިޔަﷲ ޢަންހާ އިސްކޮށްތިއްބަވައި އިސްލާޙުގެ މަސައްކަތްޕުޅު ކުރައްވަން ފެއްޓެވިއެވެ.

މުއުމިނީން އައްސައްޔިދާ ޢާއިޝާ ރަޟިޔަﷲ ޢަންހާ ބަޞަރާއަށް ވަޑައިގަންނަވާން ފެއްޓެވުމުން أمّ المؤمنين أمّ سلمة رضى اللّـه عنــها  އެކަމާ އިޢުތިރާޟު ކުރެއްވިއެވެ. އެކަމަނާ ޢާއިޝަތުގެފާނަށް ސިޓީފުޅެއް ލިޔުއްވިއެވެ. އެ ސިޓީފުޅުގައިވަނީ ބަޞަރާއަށް ވަޑައިނުގެން އެނބުރި މަދީނާއަށް ވަޑައިގެންނަވުމަށް އެދިވަޑައިގެންފައެވެ. 

އުއްމުލް މުއުމިނީން އައްސައްޔިދާ ޢާއިޝާ ރަޟިޔަﷲ ޢަންހާވެސް أمّ المؤمنين أمّ سلمة رضى اللّـه عنــها  އަށް އިހްތިރާމު ކުރައްވައެވެ. އެކަމަނާގެ ސިޓީފުޅަށް ޖަވާބު ދެއްވައި ޢުޛުރު ހުށައެޅުއްވިއެވެ. ޢާއިޝަތުގެފާނު ބަޞަރާއަށް ވަޑައިގެންނެވުމުގެ އެންމެ މުހިއްމު ބޭނުންފުޅަކީ އިސްލާމީ އުއްމަތުގައި އުފެދިފައިވާ ބައިބައިވުން ހައްލުކޮށް މީސްތަކުންގެ މެދުގައި ޞުލްޙަ ޤާއިމުކުރުން ކަމުގައި ވިދާޅުވެ ސިޓީފުޅެއް ފޮނުއްވިއެވެ.

{މުޙައްމަދު ފަތުޙީ، ދަ ވައިވްސް އޮފް ޕްރޮފެޓް މުޙައްމަދު ޞޢވ، ޞަފްޙާ 120-121} 

ކޮންމެއަކަސް ޞުލްޙައަށް ކުރެވުނު މަސައްކަތްތައް ބޭކާރުވެ މަޝްހޫރު ޖަމަލު ހަނގުރާމަ ހިނގިއެވެ. އެއްކޮޅުގައި ޢަލީގެފާނާއި އެކަލޭގެފާނުގެ ލަޝްކަރެވެ. އަނެއްކޮޅުގައި ޢާއިޝަތުގެފާނާއި ތަލްޙަތުގެފާނާއި ޒުބައިރުގެފާނުގެ ލަޝްކަރެވެ. ޢަލީގެފާނު ޖަމަލު ހަނގުރާމައަށް ވަޑައިގަންނަވަން އުޅުއްވަން ފެށުމުން أمّ المؤمنين أمّ سلمة رضى اللّـه عنــها  އެކަމަނާގެ ދަރިކަލުން ޢަލީގެފާނާއެކު ފޮނުއްވިއެވެ. 

މުޢާވިޔަތުގެފާނާއި ޢަލީގެފާނާ ދެމެދުގައި ހިނގި ތަޙްކީމުގެ ހާދިސާއަށްފަހު މުޢާވިޔަތުގެފާނު، بصر بن أبي عرتات الأميري މަދީނާއަށް ޙަމަލަ ދިނުމަށްޓަކައި ލަޝްކަރަކާއެކު ފޮނުއްވިއެވެ. އޭރު މުސްލިމުންގެ ޚަލީފާ ޢަލީގެފާނުގެ ފަރާތްޕުޅުން މަދީނާއަށް ވެރިކުރައްވައިފައި ހުންނެވީ އަބޫ އައްޔޫބުލް އަންޞާރީ ރަޟިޔަﷲ ޢަންހުއެވެ. އެކަލޭގެފާނު بصر بن أبي عرتات الأميري މަދީނާއަށް އަންނަކަން އެނގިވަޑައިގެން މަދީނާ ދޫކުރައްވާ ޢަލީގެފާނުގެ އަރިހަށް ވަޑައިގެންނެވިއެވެ. 

بصر بن أبي عرتات الأميري މަދީނާއަށް އައިސް މަސްޖިދުއް ނަބަވީގެ މިންބަރަށް އަރައިފައި ގޮވައިލިއެވެ. [އަހަރެން މުޢާވިޔަތަށް އަޙްދެއްކޮށްފައި ނުވާނަމަ ކަލޭމެންގެ ބޮޑެތި ފިރިހެނުންގެ ތެރެއިން އެއްކެއްގެވެސް ފުރާނަ ހުއްޓާ ދުލެއް ނުކުރާނަމެވެ.] މިހެން ބުނެފައި މުޢާވިޔަތުގެފާނަށް މަދީނާގެ މީހުންލައްވައި ބައިޢަތު ހިފުވައިފިއެވެ. އެއަށްފަހު ބަނީ ސަލަމާ ޤަބީލާގެ މީހުންގެ ގާތަށް ޚަބަރު ފޮނުއްވިއެވެ. [ޖާބިރު ބިން ޢަބްދުﷲ އަހަރެންނާ ޙަވާލު ނުކުރާހާ ހިނދަކު ތިޔަބައިމީހުންގެ ބައިޢަތެއް ޤަބޫލެއް ނުކުރެވޭނެއެވެ.] 

ޖާބިރުގެފާނަށް މިކަން އެނގިވަޑައިގެން أمّ المؤمنين أمّ سلمة رضى اللّـه عنــها  ގެ އަރިހަށް ސިއްރު ސިއްރުން ވަޑައިގެން އެކަމަނާގެ ލަފާފުޅު ހޯއްދެވިއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. [މިކަމުގައި ކަމަނާގެ ރަޢުޔަކީ ކޮބައިތޯއެވެ؟ އެބައިމީހުން އަޅުގަނޑު ޤަތުލުކޮށްފާނެތީ ބިރުގަނެއެވެ. ނަމަވެސް ބައިޢަތު ހިފައިފިނަމަ އުރެދުމަކަށް ވެދާނެއެވެ.] 

أمّ المؤمنين أمّ سلمة رضى اللّـه عنــها  ވިދާޅުވިއެވެ. [އަޅުގަނޑަށް ފެންނަނީ ކަލޭގެފާނު ބައިޢަތު ހިފުމަށެވެ. އަޅުގަނޑުވާނީ އަޅުގަނޑުގެ ދަރިފުޅު ޢަމުރު ބިން އަބީސަލަމާ އާއި ދަނބިދަރިފުޅު ޢަބްދުﷲ ބިން ޒަމްޢަތަށްވެސް މުޢާވިޔާއަށް ބައިޢަތު ހިފުމަށް އަންގައިފައެވެ.] أمّ المؤمنين أمّ سلمة رضى اللّـه عنــها  ގެ މަޝްވަރާ ޤަބޫލުފުޅު ކުރައްވައި ޖާބިރުގެފާނު މުޢާވިޔަތުގެފާނަށް ބައިޢަތު ހިއްޕެވިއެވެ. {ތާރީޚުއް ޠަބަރީ}

 

 

މިއަދު އޮންލައިން