ސިހުރުވެރިއަކު ކިތަންމެ މަތީ މީހަކަށްނަމަވެސް ކިތަންމެ ބޮޑު ގެއްލުމެއްދޭންވެސް ފަހެއް ނުޖެހޭނެ!

މިއަދު
ކިޔުމަށް ހޭދަވާނީ 3މ 34ސ
ސިހުރުވެރިއަކު ކިތަންމެ މަތީ މީހަކަށްނަމަވެސް ކިތަންމެ ބޮޑު ގެއްލުމެއްދޭންވެސް ފަހެއް ނުޖެހޭނެ!

ސިޙްރުގެ އުޞޫލުތަކުގައިވާ ގޮތުގެމަތީން ސިޙްރުވެރިއާގެ ވާޖިބުތަކުގެ ތެރޭން އެންމެ ފުރަތަމަ ކަމަކަށްވަނީ، އެއްވެސް މަޚްލޫޤަކަށް އެމަޚްލޫޤަކީ ކިތަންމެ ޤަދަރުމަތިވެ ބާރުގަދަ ފަރާތެއް ކަމުގައިވިއަސް އެފަރާތަކަށް ގެއްލުން ދިނުމަށް ފަހަރެއްގައިވެސް ފަސްނުޖެހުމެވެ. އިގިރޭސިވިލާތުގެ ތާރީޚް ހެކިވާގޮތުގައި، ޒަހަރު ދީގެން ކިންގް ޖޭމްސް 6 ވަނަ ޤަތުލު ކުރުމަށް ސިޙްރުވެރީން ރާވައި މަސައްކަތް ކުރިއެވެ. މިގޮތުން ޕްރިންސް ސްޓޫވާރޑްގެ ޚާއްޞަ ސެކްރެޓެރީ އެއްގެ ގޮތުގައި މަސައްކަތްކުރާ ޑޮކްޓަރ ވަޔާން އެރަސްގެފާނު އަވަހާރަ ކޮށްލުމަށްޓަކައި ސިޙްރުވެރީންނާއެކު ސިއްރުރޭވުން ރޭވިއެވެ.  

މިކަން ތަންފީޒު ކުރުމަށްޓަކައި ސިޙްރުވެރިއަކު ރަސްގެފާނު ނުހަނު ލޯބިފުޅުން ގެންގުޅުއްވާ ކުއްތާތަކުގެ ތެރޭން ކުއްތާއެއް އަތުޖައްސައި އޭތީގެ ބުރަކަށީގައި ޒަހަރު ހޭކިއެވެ. އެއީ ރަސްގެފާނު އޭތީގައި އަތްޕުޅު ލައްވައިފިނަމަ އޭގެ  އަސަރު އެރަސްގެފާނަށް ފޯރައި، ހަމަވަގުތުން ރަސްގެފާނު އަވަހާރަވާނެ ކަމަށް ހިތުގައި ކަޑައަޅައިގެންނެވެ. ނަމަވެސް އެގޮތަކަށް އެކަމެއް ނުހިގިއެވެ. ފެންނަ ފެނުމުގައި ހީވަނީ އެއީ، ކަމާބެހޭ ފޮތްފޮތުގައިވާ ފަދައިން، ސިޙްރުވެރި ކަލޭގެ އަވަސް އަރައިގެން އުޅެންހަދައިގެން އޭނާ ކިޔަވަންޖެހޭ ސިޙްރުގެ ކިއެވެލި ކިއެވުމުގައި އޮޅުން އެރީހެންނެވެ. ނުވަތަ އެކިޔެވެލި ކިޔެވުމަށް ހަދާން ނެތުނީ ހެންނެވެ. ނުވަތަ ކުއްތާއަކީވެސް އެހެނިހެން ޖަނަވާރުންނާއި އިންސާނުންފަދައިން ޒަހަރުގެ އަސަރު ކުރާ އެއްޗެއްކަމަށް ވީހިނދު އެޒަހަރުގެ އަސަރުން އޭތި އިރުކޮޅެއްވާންދެން ތެޅިފޮޅި އެބުރި އުޅެފައި މަރުވީއެވެ. 

ކޮންމެއަކަސް އޭތި މަރުވުމުން ގަޑުވަރުތެރޭގެ ބޭކަލުންނާއި އަރިހު ބޭކަލުންނާއި ކަބަލުން ތެޅިފޮޅިގެންފިއެވެ. އެކަމާމެދު ރަސްގެފާނުގެ ހިތްޕުޅުގައި ޝައްކު އުފެދިއްޖެއެވެ. މިހެންވުމާއެކު، ރަސްގެފާނުގެ ސެކިއުރިޓީ ގާރޑުންގެ ބައެއްމީހުން، ގަނޑުވަރުގެ ޚިދުމަތުގައި އުޅޭ މީހަކު، އެކުއްތާ މަރުވުމުގެ ކުޑައިރުކޮޅެއް ކުރީން އޭތީގެ ބުރަކަށީގައި އަތްފިރުމަނިކޮށް ދުއްކަމަށް ހެކިދީފިއެވެ. ދެން އެޚާދިމުކަލޭގެ ހިފާ ހައްޔަރުކޮށް އެފަދަ  މައްސަލަތަކުގައި ދިނުމަށް އާދަވެފައިވާ ބޮޑެތި އަނިޔާތަކާއި ބިރުދެއްކުންތަކަށް ފަހު އޭނާ ކުށަށް އިޢުތިރާފު ވެއްޖެއެވެ. އަދި އޭނާ އެކުރިކަމެއްކުރީ، ކުރީން އިޝާރާތް ކުރެވުނު ޑޮކްޓަރ ވަޔާންގެ އޯޑަރ އަށް ކަމުގައިވެސް ބުނެފިއެވެ. ދެންފަހެ އެދެމީހުންނަށް މަރުގެ ޢުޤޫބާތް ދެވިއްޖެ އެވެ.  

ސިޙްރުވެރީންގެ ޢަމަލުތަކުގެ ތެރޭގައި ދަނޑުފަނގު ހަލާކުކުރުމާއި، ގެރި ބަކަރި ޖަމަލުފަދަ ޖަނަވާރުތައް މެރުމާއި ތަންތާގައި އަލިފާން ޖެހުމާއި، ދެމަފިރިން ދުރުކުރުމާއި އެދެމީހުންނަށް ދަރީން ނުލިބޭގޮތް ހެދުމާއި، ބައިގެންދިއުމުގެ ސަބަބުތައް މެދުވެރިކުރުމާއި މީހުންގެ ބުއްދި ގޯސްކޮށްލުމާއި ދެބަންދިހާރު ކޮށްލުމާއި ދޭދޭ މީހުންގެ މެދުގައި ޖިންސީ ލޯބިޖެއްސުމާއި އަދި އެމީހުން ރުޅިކުރުވުމާއި މިފަދަ ކަންކަން ހިމެނިގެން ވެއެވެ. އަދި ސިޙްރުވެރިއާ ކޮށްއުޅޭ އެންމެ މުހިންމު ކަންތަކުގެ ތެރޭގައި ތަވީދުތަކާއި އިސްތިރި ވަރިތޮޅިތަކާއި މިފަދަ ފަންޑިތަތައް ހެދުން ހިމެނެއެވެ. ކަލޭދެކެ ނަފްރަތުވާ އަންހެނަކު ކަލޭގެ ބެލުމުގެ ދަށުގައި ނުވަތަ ބާރުގެ ދަށުގައި ބައިންދައިގެން އެކަބުލޭގެއަށް ގެއްލުންދިނުމަށް ޢަޒުމު ކަޑައަޅައިފިނަމަ އެނިޔަތުގައި ކަލެއަށް އެކަބުލޭގެއާ ކައިވެނި ކުރެވޭނެގޮތް އެތަކެތީގެ ސަބަބުން ވެއެވެ. އަދި ހަމައެފަދައިން އެންގޭޖްމަންޓް ފަސްޚު ކުރުމާއި، ރޭކުރުމުގެ ކުރީން ކައިވެނި ރޫޅާލުމާއި މިނޫންވެސް އުދަގުލާއި ދުއްތުރާތައް ލިބެނިވި ކަންތައްތައް އެތަކެތީގެ ސަބަބުން ވެއެވެ. 

ސިޙްރުވެރިއަކީ އަންހެނަކު ކަމުގައިވިއަސް ނުވަތަ ފިރިހެނަކު ކަމުގައިވިއަސް އޭނާގެ ގޭގައި ނުވަތަ އޭނާ ދިރިއުޅޭ ތަނެއްގައި، އޭނާފިއަވައި އެހެން އެއްވެސް މީހަކަށް ކައިރިނުވެވޭ ޚާއްޞަ ކޮޓަރިއެއްފަދަ ތަނެއް ހުންނާނެއެވެ. އެއީ ވަރަށް ހަޑިމުޑުދާރު ތަނެކެވެ. އެތަނުގައި އޭނާ ކުރާކަމަކީ ޝައިޠާނާއަށް އަޅުކަން ކުރުމާއި ޝައިޠާނީ ތަމްރީނުތައް ކުރުމެވެ. އަދި ހަމައެއާއެކު، ސިޙްރުވެރި ޢަމަލުތައް ކޮށް ސިޙްރުގެ ތަކެތި ތައްޔާރުކޮށް ހަދާ ތަނެއްވެސް އެގޭގައި ނުވަތަ އެމަޙައްލުގައި ހުންނާނެއެވެ. އެތަނަކީވެސް އޭނާ ފިއަވައި އެހެން އެއްވެސް މީހަކަށް، އެމީހަކީ ކޮންމެފަދަ މީހެއްކަމުގައިވިއަސް، ވަދެވޭނެ ތަނެއް ނޫނެވެ.

 

(އައްޝައިޚް ޙުސައިން ޢަބްދުއްރަޙްމާން ލިޔުއްވާފައިވާ "سحر ވެރިންގެ عمل ތައް ހުރިގޮތުގެ މައްޗަށް ބަލައި، قرآن  އާއި سنّة ގެ އަލީގައި ކުރެވިފައިވާ دراسة އެއް" ފޮތުން އެއިގެ އަޞްލާ އެއްގޮތަށް)

 

މިއަދު އޮންލައިން