(އިއްޔެގެ ލިޔުމާ ގުޅޭ)
ޖެހިގެން އަންނަ ދުވަހު ހެދުނު ސިޙްރުވެރީންގެ ވެރިއާއާ ބައްދަލުކުރުމަށް ސިޙްރުވެރިއާ (ނުވަތަ ސިޙްރުވެރިއަކަށްވާން އުޅޭމީހާ) ދާނެއެވެ. އެއީ ޝައިޠާނާ އިޝާރާތް ކޮށްފައިވާ ފަދައިންނެވެ. ދެން އޭނާދާއިރު އެސިޙްރުވެރީންގެ ބޮޑުމީހާ ހުންނާނީ އޭނާގެ އިންތިޒާރުގައެވެ. ދެން އޭނާއަށް އެކަން އޮންނާނެ ރެއަކާއި ތަނެއް ކަޑައަޅައި އެރޭގައި އޭނާ ކަންތައް ކުރަންޖެހޭނެ ގޮތާއި އެކަން ބަރާބަރަށް ކުރަންޖެހޭނެކަން އަންގައި ނަސޭހަތްތެރިވާނެއެވެ.
ކަޑައެޅިފައިވާރޭ އައުމުން ތަޢުމީދުކުރުމަށް ޤަޞްދުކުރެވިފައި އެންމެން، އަންހެނުންނާއި ފިރިހެނުން އެއިޙްތިފާލަށް ޙާޟިރުވާނެއެވެ. މިކަމުގައި ހިމެނޭ އަންހެނުން ޚާއްޞަގޮތެއްގައި ސަމާލުކަން ދޭންޖެހޭ އެއްކަމަކީ މިޙަފްލާއަށްޓަކައި ވަރަށް ބޮޑަށް ޒީނަތްތެރިވެ ރަގަޅަށް ތައްޔާރުވުމެވެ، އެހެނީ މިފުރުޞަތަކީ އެކަބަލުންގެ ހަށިގަޑުގައި ފެންފޮދެއް ޖައްސާލަން ލިބޭ، އަދި ސައިބޯނިކޮޅެއް ނުވަތަ އެނޫންވެސް ސާފުތާހިރު ކަމުގެ އެއްވެސް އެއްޗެއް ހަށިގަޑާ ކައިރި ކޮށްލަން ލިބޭ އެންމެ ފަހުގެ ފުރުޞަތެވެ.
އަބަދުވެސް ތަޢުމީދުކުރުމުގެ ރޭގެ އިޙްތިފާލު އޮންނާނީ ކޮންމެވެސް ނާމާން ފަޅުތަނެއްގައެވެ. ބިރުވެރި ޖަންގައްޔެއްގައެވެ. ނުވަތަ ފަރުބަދައިގެ ހޮހަޅަތަކުގެ ތެރޭގައެވެ. ނުވަތަ ކަޑުގެ ކޮންމެވެސް ދުރު އައްސޭރިއެއްގައެވެ. ނުވަތަ ޞަޙަރާގެ އެކަހެރި ހިސާބެއްގައެވެ. މިނޫންވެސް އާދައިގެ އިންސާނަކު ރޯމާ ދުވާލުވެސް އެތަނަކަށް ދިއުމަށް ޖެހިލުންވާފަދަ ބިރުވެރި ތަނެއްގައެވެ.
ދެން މިއިޙްތިފާލުގައި ބައިވެރިވާ އެންމެހައި ސިޙްރުވެރީން ޙާޟިރުވެ ހަމަވުމުން އެމީހުންގެ ހެދުންތަކުން އެއްކިބާވެއެވެ. އަދި ވަކި ކުލަތަކަކުން ސިޙްރުގެ ބުރުތައް ކުރަހައެވެ. އަދި ބިންވަޅު ނެގުމާއި ރަމްޒުތައް ކުރެހުމުގެ ކަންތައް ކުރެއެވެ، ދެން ޝައިޠާނާ އަށާއި އޭނާގެ އަޢުވާނުންނަށް ގޮވައި ނަގާނެއެވެ. މިގޮތުން ގޮވުންތައް ގޮވަމުން ޝައިޠާނީ ލަވަތަކާއި ބަނދިތައް ކިއަމުން އާދޭސްތައް ކުރަމުންދިއުމުގައި مشغول ވެގެންވަނިކޮށް ޝައިޠާނާގެ މަންދޫބު ފާޅުވާނެއެވެ. އެހިދު މަރްޙަބާއާއި އިކްރާމުގެ ބަސްތަކުން ސިޙްރުވެރީން އޭނާއާ ބައްދަލުކުރާނެއެވެ. އަދި އޭނާގެ މުޑުދާރު ހަށިގަޑުން ކޮންމެވެސް ތަނެއްގައި ބޮސްދީ ހެދުމަށް އެމީހުން އަވަސްވެގަނެ އެކަމުގައި އެކަކު އަނެކަކަށް ވާދަކުރާނެއެވެ.
ދެން ސިޙްރުވެރީންގެ ވެރިއާ، އެމީހުންގެ ތެރޭން މީހަކަށްފަހު މީހަކު ތަޢުމީދު ކުރުމަށްޓަކައި ތަޢާރުފް ކޮށްދީ ހުށައަޅާނެއެވެ. ދެން އެއާވިދިގެން ހިގާ ކަންތައްތަކަކަށް ފަހު ސިޙްރުވެރިއާ އޭނާގެ ސާހިބާކަމުގައި ދެކޭ ޝައިޠާނާ އަށް އޭނާގެ ހުރި ކިއަމަންތެރިކަމާއި، ޤުރުބާންވުމާއި، ލޯޔަލްޓީ ޝައިޠާނާގެ މަންދޫބަށް ތަކުރާރުކޮށް ހާމަކޮށްދޭނެއެވެ. އަދި އެއްބަސްވުމުގައި (ނުވަތަ ޢަޤްދުގައި) އައިސްފައިވާ ކޮންމެކަމަކަށް ފުރިހަމައަށް ޢަމަލުކުރުންމަތީ އިޚްލާޞްތެރި ކަމާއި ސާބިތުކަމާއެކު ދެމިހުންނާނެ ކަމުގެ މައްޗަށްވެސް ޔަޤީންކަން ދޭނެއެވެ. ދެން އެޝައިޠާނާގެ ކުރިމަތީގައި ރުކޫޢުކުރުމަށް އެޝައިޠާނާ އެ ސިޙްރުވެރިއާއަށް އަމުރުކުރާނެއެވެ. އެހިނދު އޭނާ ރުކޫޢުވެސް ކުރާނެއެވެ. އެވަގުތު ޝައިޠާނާ އޭނާގެ ބޮލާއި މޫނުގައި ކޮޅުފައިންޖަހާ ބުރާންތި ކޮށްލާނެއެވެ. އަދި އެޖެހި ޖެހުމުން އެނާގެ ބޮލާއި މޫނުން ލޭފައިބައިގެންގޮސް ބިމަށް އެޅޭނެއެވެ ދެން އޭނާއަށް އަމުރުކުރާނެއެވެ. އެލެއިން ތަތްތެޅިފައިވާ ވެލީން ކަލޭގެ މޫނުގައި ފުހޭށެވެ! އަދި އެލެއިން ޢަޤްދުގައި ސޮއިކޮށްފައި ތިމަންނާއަށް ދޭށެވެ! .. ހަމަ އެވަގުތު އޭނާ ދެރަވެ ނިކަމެތިވެގެންވާ ޙާލު، އެކަންކުރާނެއެވެ. އެޢަޤްދުގައި ސޮއިކޮށް ޝައިޠާނާއަށް ދޭނެއެވެ އެހިދު ޝައިޠާނާ އެއާ ޙަވާލުވާނީ އިހާނެތިކަމާއި ނިކަމެތިކަން ދެނިވިގޮތުގައެވެ. އެލިޔުމުގައި ހިފުމަށްފަހު ސިޙްރުވެރިޔާގެ ގައިގެ ކޮންމެވެސް ތަނަކަށް ވަރަށް ހުތުރު ގޮތެއްގައި ޝައިޠާނާ ކުޅުޖަހާނެއެވެ. ޝިލިންގާ އެއްގެ ބޮޑުމިނުގައި އެތަން ފާޅުވެ އެގެން ހުންނާނެއެވެ. މައްޗަށް އުފުލިފައިވާ ގޮތުގައެވެ. ގަދަކުލަ އެއްގައެވެ. ނުވަތަ ކްރިމްޒަން ކުލައިގައެވެ. އެތަނަކަށް އިޙްސަސެއް ނުވާނެއެވެ. އެހެނީ އިހުޒަމާނުގައި ސިޙްރުވެރިންނަށް ގަދަ ޢުޤޫބާތް ދިން ދުވަސްވަރު، ހޫނުކޮށްފައިވާ ދަގަނދު ކަށި މިފަދަ ޢަލާމާތް ތަކަށް ހަރައި އުޅުނެވެ، ނަމަވެސް އެތާކުން ލެއެއްވެސް ނާދެއެވެ. އަދި ސިޙްރު ވެރިޔާއަށް އެއްވެސް ވޭނެއް އިޙްސާސެއްވެސް ނުމެވޭމެއެވެ. އަދި ބައެއް ފަހަރަށް އެއަލާމާތް ހުންނަނީ މުސަޅެއްގެ ނަގޫ ފަދައިން ނުވަތަ ކުޑަވަރެއްގެ ހޯނެއް ނުވަތަ ފައިދިގު މަކުނެއް ނުވަތަ މެއްސެއް ނުވަތަ ބޮކެއްގެ ސިފައިގައެވެ. އެއީ މުޅީންވެސް ޝައިޠާނާ ކުޅުޖަހާ ތަންތަނެވެ. އެތަންތަން އެގޮތަކަށް ފާހަގަ ވެގެންދަނީއެވެ.
މިބުނެވިދިޔަ ތައްގަނޑަކީ ސިޙްރުވެރިން ހިފައި ހައްޔަރު ކުރެވި އެމީހުންގެ މައްޗަށް ޝަރީޢަތް ހިންގޭއިރު އެމީހުން ކިތަންމެ ވަރަކަށް އިންކާރުކޮށް ދެކޮޅުހެދި ކަމުގައިވިއަސް އެމީހުންގެ މައްޗަށް ކުށްސާބިތުވެ ޢުޤޫބާތްދެވޭ ފުރިހަމަ ދަލީލެކެވެ. ކުރީ ޒަމާނުގައި ބެލެވެމުންދިޔައީ އެގޮތުގެ މަތީންނެވެ.
ކޮންމެއަކަސް ޝައިޠާނާގެ މަންދޫބު މިރަސްމިއްޔާތުން ވަކިވުމަށްފަހު ހުރިހާ ސިޙްރުވެރިންނާއި އެމީހުންނާ އެކުގައިވާ ޝައިޠާނުން ބޮޑުޕާޓީއެއް ބާއްވައެވެ. މިޕާރޓީގައި ހަޑިމުޑުދާރު ތަކެތި ކައިބޮއި ރާބޮއި ނަށައި ލަވަކިޔައި ހަދާނެއެވެ އަދި މިނޫންވެސް ފާހިޝް ޢަމަލުތައް ކުރާނެއެވެ. ފަޖްރުލުމާ ކައިރިވެއްޖައުމަށް ދާންދެން މިކަންތައް ދެމި އޮންނާނެއެވެ. އެހައިރުން ޕާޓީ ނިންމައިލައި އެއެންމެން ގޭގެއަށް ދާންފަށާނެއެވެ. ކޮންމެ މީހަކުވެސް އުފަލުން ފުރިގެންވާ ޙާލުގައެވެ. އެހެނީ އެއިން ކޮންމެމީހަކީވެސް މިހާރު ޙަޤީޤީ ސިޙްރުވެރިއެކެވެ. ޝައިޠާނާގެ ޚާދިމެކެވެ.
ދެން އެދުވަހު ހެދުނުންފެށިގެން ކޮންމެ ސިޙްރުވެރި ފިރިހެނަކާއި، އަންހެނަކު ވާހުށީ ސިޙްރުގެ ޢަމަލުތައް ކުރުމަށް ތައްޔާރުވެގެންނެވެ. އެކަމަށްޓަކައި އެމީހުންގެ ހެދުންވެސް ވަކިވައްތަރެއްގެ ހެދުމަކަށް ބަދަލުކުރަންޖެހެއެވެ. އެއީ އެކި ވައްތަރުގެ ރަމްޒުތަކާއި ބާވަތްތައް ކުރަހާފައިވާ ހެދުމެކެވެ. އަދި ޝައިޠާނީ ޤަވާޢިދު ތަކާއި އާދަކާދައިގައިވާ ފަދައިން ވަކިބާވަތްތަކެއްގެ ތަކެތި ގެންގުޅެން ޖެހެއެވެ. އަދި ސިޙްރުގެ ޢަމަލު ހިންގުމަށް ބޭނުންވާ ވަކިބާވަތްތަކެއްގެ ތަކެއްޗާއި ސާމާނުވެސް އެމީހުން ހޯދަން ޖެހެއެވެ. މިހުރިހާ އެއްޗެއްގެ ވާހަކަވެސް ބޮޑެތި ސިޙްރުފޮތްފޮތުގައި ބަޔާން ވެގެންވާނެ ކަމުގައި ލިޔެވިފައި ހުރެއެވެ.
އަދި ސިޙްރުވެރިއާ އޭނާއާއި ޝައިޠާނާއާ ދެމެދު ކޮށްފައިވާ ޢަޤްދުގެ ކޮޕީ ވަރަށް ރަގަޅަށް ރައްކާކޮށްފައި ބާއްވަންޖެހެއެވެ. އެއްވެސް މީހަކަށް އެ ފެނިގެނެއް ނުވާނެއެވެ. އަދި ކީއްހެއްޔެވެ؟ އޭނާގެ ފުރާނައަށް ރައްކާތެރިވާ ފަދައިން އޭގެމައްޗަށް ރައްކާތެރިވާން ޖެހެއެވެ.
(އައްޝައިޚް ޙުސައިން ޢަބްދުއްރަޙްމާން ލިޔުއްވާފައިވާ "سحر ވެރިންގެ عمل ތައް ހުރިގޮތުގެ މައްޗަށް ބަލައި، قرآن އާއި سنّة ގެ އަލީގައި ކުރެވިފައިވާ دراسة އެއް" ފޮތުން އެއިގެ އަޞްލާ އެއްގޮތަށް)