ސިޙްރުގެ އަސަރު ފޯރުމުގެ ސަބަބު-

މިއަދު
ކިޔުމަށް ހޭދަވާނީ 7މ 52ސ
ސިޙްރުގެ އަސަރު ފޯރުމުގެ ސަބަބު-

އިންސާނާއަށް ސިޙްރުގެ އަސަރު ފޯރުމުގެ ސަބަބާމެދު ބަލާލާއިރު ނަޒަރުގޮސް ހުއްޓެނީ އޭނާގެ ޙަޔާތާ ގުޅިފައިވާ ދެއެއްޗަކާ ދިމާއަށެވެ. އެއީ ލެއާއި ފެނެވެ. އެދެއެއްޗަކީ އޭނާގެ ހިތްވަރާއި ހަރަކާތާއި ހިމޭންވުމާއި މިކަންކަމުގެ ސަބަބެވެ. އަދި އޭނާގެ ސިއްޙަތާއި ބާރާއި ބުއްދިއާއި އަދި އޭނާގެ ކިބައިގައިވާ ހުރިހާކަމެއް ހުއްޓިފާވަނީ އެދޭތީގެ މައްޗަށެވެ. މިދިޔާ ދެމާއްދާއަކީ ބަދަލުވުމާއި އިތުރުވުމާއި އުނިވުމުގެ މައްޗަށް ހުށަހޮޅިގެންވާ ދެމާއްދާއެކެވެ. މިގޮތުން އޭގެ ކެމިކަލް ރިއެކްޝަންގެ ގޮތުން އެއްވެސް އުނިކަމެއް ނުވަތަ ނުކުޅެދުމެއް އަތުވެއްޖެނަމަ މީހާގެ ވުޖޫދަށް ގުޑުންއަރައި ބަލިތަކަށް ހުށަހޮޅިގެން ދާނެއެވެ. އަދި އެދޭތީންކުރެ އެއްޗެއްގެ ބައަކަށް ހުއްޓުމެއް އަތުވެއްޖެނަމަ އެދޭތީގެ ދެމެދުގައިވާ ތިލަފަތަށް އުނިކަމެއް އަންނާނެއެވެ. އެހެން ވެއްޖެނަމަ އިންސާނާގެ ކިބައިގައި ހަމަނުޖެހުން އުފެދި ދެން އޭނާގެ މުޅި ތަސައްރުފާތުގައި (ނުވަތަ އޭނާގެ ޢަމަލުތަކާއި ޙަރަކާތްތަކުގައި) ހަމަނުޖެހުމާއި ކޮންފިއުޒް ވުން ޢާއްމުވެދާނެއެވެ. އަދި އޭގެތެރޭން އެކައްޗެއްގެ ޙަރަކާތް ހުއްޓިއްޖެ ނަމަ އެއީ އޭނާގެ ހަލާކެވެ. މިހެންކަމުން ގަދަޔަށް ބޭރަށް ހިންގުމާއި، ކާނާ ވިހަވުމުގެ (ފޫޑް ޕޮއިޒަންގެ ) ޙާލަތްތަކުގައި އިންސާނުނާގެ އިންސާނާގެ ގައިން ވަރަށްގިނަ ޢަދަދަކަށް ފެންބޭރުވުމާއެކު އޭގެބަދަލުގައި ވަރަށް ގިނަ ޢަދަދެއްގެ ފެނާއި ދިޔާތަކެތި އޭނާއަށް ދިނުމަށް ޑޮކްޓަރ އަމުރުކުރާތީ އަހުރެމެން ދެކެމުއެވެ. އަދި ހަމައެހެންމެ ގިނަ ޢަދަދަކަށް ހަށިގަޑުން ލޭ ބޭރުވެގެން ދިއުމުގެ (ހެމޮރެޖް) ޙާލަތްތަކުގައި ލޭ އެޅުމާއި އެނޫން ކަންތައް ހިގާކަންވެސް އަހުރެމެން ދަންނަމުއެވެ. 

ޝައިޠާނާއަށް ލިބިގެންވާ ޢިލްމާއި ދިރާޔަތުގެ ސަބަބުން، އިސްވެދިޔަ ދެމާއްދާއިން (ފެނާއި ލެއިން) މަންފަޢަ ލިބޭނެގޮތާއި ގެއްލުންވާނެގޮތް އެޝައިޠާނާ ރަގަޅަށް ދަނެއެވެ. އަދި އަހުރެމެން އެންމެންގެ ވަށައިގެންވާ މެގްނަޓިޒަމް އަށް ބަލާއިރު އޭގެ ވާސިޠާއިން، ފެނާއި ލޭގެ ދެމާއްދާއަށް ނުވަތަ އެއިން ކޮންމެވެސް އެއްމާއްދާ އަކަށް އަސަރުފޯރުވައި އެޝައިޠާނާ ބޭނުން ގެއްލުމެއް ދިނުމީ އެޝައިޠާނާއަށް ވެވިދާނެކަމެކެވެ. (މިއީ، ކުރީންވެސް ސަމާލުކަމަށް ގޮވައިލެވުނު ފަދައިން، ﷲ ގެ އިރާދަފުޅާއެކުގައެވެ.) 

ބުނެވިދިޔަ މެގްނެޓިޒަމްއަކީ ޙަޤީޤި އެއްޗެއްކަން އެނގި މަޢުރޫފްވެގެންވެއެވެ. މިހެންކަމުން ބައެއް މީހުންނަށް ވަރަށްބޮޑު ޖާޒިބިއްޔަތެއް ލިބިގެންވާއިރު އަނެއްބައަކަށް ލިބިގެންވަނީ ވަރަށްކުޑަކުޑަ ޖާޒިބިއްޔަތެކެވެ. އަދި އަނެއްބައަކު އެ ޖާޒިބިއްޔަތުން މުޅިން މަޙުރޫމުވެގެންވެއެވެ. މިއީ އެކަންކަމުގެ ނިސްބަތުގައި ހުރި ގޮތެވެ. މިކަންހުރީ މިހެންކަން އަހުރެމެންނަށް ރަގަޅަށް އެގެއެވެ. އެހެނީ ވަކިކަމަކާ ދިމާއަށް މީހެއްގެ ހިތް ދާއިރު އަނެކަކު އެކަމުން ދުރުވެ ނަފުރަތުވެގެން ވެއެވެ. މިސާލަކަށް އަހަރުގެ ބައެއް މޫސުމާމެދު އެކަކު ހިތްހަމަޖެހިގެންވާއިރު އަނެކަކު އެމޫސުންތަކަށް ނުރުހުންތެރިވެއެވެ. ނުވަތަ ކާބޯތަކެތީގެ ވަކި ބާވަތަކަށް އެކަކު ލޯބިކުރާއިރު އަނެކަކު އެބާވަތުގެ ކާނާއާ ދުރަށް ދެއެވެ. 

އަދި ވަރަށްގިނަ ފަހަރަށް ކަލެއަށް މީހަކު ފެނުމާއެކު އެމީހަކުގެ ފަރާތަށް ކަލެއަށް ލެބިދެވެއެވެ. ނުވަތަ ހިތްދެއެވެ. އަދި އަނެކަކާމެދު ނަފްތަތްތެރި ވެވިދެއެވެ. އެއީ އެއިން އެއްވެސް މީހަކާ ކަލެއާ ދެމެދުގައި އެއްވެސް ގުޅުމެއްވެސް ނެތިއެވެ. ނުވަތަ އެއްވެސް ކަމެއް ހިގައިފައިވެސް ނުވާ ޙާލުގައެވެ މިކަމުގެ މަޞްދަރަކީ މެގްނެޓިޒަމް އެވެ. އަދި އޭގެ ބާވަތެވެ. ނެގެޓިވް ކަމުގައިވިއަސް އަދި ޕޮޒިޓިވް ކަމުގައި ވިއަސްމެއެވެ. ފަހެ އިންސާނާގެ ހަށިގަޑުގެ ތެރެއަށާއި އޭނާގެ ވަށައިގެންވާ ކޮންމެ ކަމެއްގެ ތެރެއަށް ޝައިޠާނާވަދެ އެއިންސާނާމައްޗަށް އަސަރު ފޯރުވުމުގެ މަގަކީ އެއީއެވެ. މިހެންކަމުން ސިޙްރުވެރިއާ މީހަކަށް ގެއްލުންދިނުމަށް ޤަޞްދުކޮށް ސިޙްރެއް ހަދަން ބޭނުން ވެއްޖެނަމަ އެމީހާގެ ހަށިގަޑުގެ ކޮންމެވެސް އެއްޗެއް ގެންނަން ބުނަނީ އެހެންވެގެންނެވެ. އެހެނީ އެއްޗަކީ އޭނާގެ ޝަޚްޞިއްޔަތުގެ ކޮންމެވެސް މިންވަރެއް އުފުލާ އެއްޗެކެވެ. ވީމާ އެއެއްޗެއްގެ ވާސިޠާއިން އޭނާގެ މުޅި ހަށިގަޑަށް އަސަރު ފޯރުވުމަކީ އެކަށީގެންވާ ކަމެކެވެ. މިހެންކަމުން ގެއްލުންދެވޭ މީހާގެ މައްޗަށް ސިޙްރުގެ އަސަރު ފޯރުވުމުގެ ނަޒަރިއްޔާ ބިނާވެފައިވާ މުހިންމު ދެއަސާސެއްގެ މައްޗަށް ބަލައިލަމާ ހިގާށެވެ! 

1-  ކޮންމެ ޢަމަލަކަށްވެސް ޢާމިލެއް (ފެކްޓަރ އެއް) ބޭނުންވާނެއެވެ. އަދި އެޢަމަލުގެ ނަތީޖާއާއި އެޢަމަލުގެ މިންވަރު ކަޑައެޅުމާއި އެޢަމަލުގެ ނަތީޖާގެ ބާވަތް ބިނާވެގެންވާނީ ޚުދް އެޢަމަލުގެ ބާވަތާއި ޢާމިލުގެ ސިފައާއި އެޢަމަލު ކުރުމުގައި ބޭނުންކުރެވޭ ވަސީލަތްތަކުގެ މައްޗަށެވެ. މިސާލަކަށް ސަޢުދުގެ ގައިގައި ޖެހުމަށް ޒައިދު ބޭނުންވެއްޖެނަމަ އޭނާގެ ގައިގައި ޖަހައިގެން މެނުވީ އެބޭނުމެއް ޙާޞިލެއް ނުވާނެއެވެ. އެހެންކަމެއް ކޮށްގެނެއް އެބޭނުމެއް ނުފުދޭނެއެވެ. އެބޭނުން ފުދޭނީ އަތުން ޖަހައިގެންނެވެ. ނުވަތަ ފައިން ޖަހައިގެންނެވެ. ނުވަތަ ކޮންމެވެސް އެހެން އާލާތަކުން ޖަހައިގެންނެވެ. ވުމާއެކު އެޖެހި ޖެހުމުގެ ނަތީޖާއާއި އޭގެ އަސަރު ބިނާވެގެންވާނީ އެޖެހުމުގައި ޒައިދު ބޭނުންކުރި ބާރުމިނަކާއި އެކަމުގައި ބޭނުންކުރި އާލަތަކާއި ސަޢުދުގެ ހަށިގަޑުގައި ޒައިދު ޖެހިތަނަކާއި މިކަންކަމުގެ މައްޗަށެވެ. މިހެންކަމުން ސަޢުދުގެ ގައިގައި ޖެހުމުގެ ބަދަލުގައި އޭނާއަށް ކެއުމަކަށް ދަޢުވަތުދީގެން ނުވަތަ ފިނިފެންމަލުގެ ބާޤާއެއް އޭނާއަށް ހަދިޔާ ކޮށްގެން ޒައިދު ޤަޞްދުކުރި ޖެހުމުގެ ނަތީޖާ ފެނުމަކީ މުސްތަޙީލު ކަމެކެވެ.

2-  އިންސާނާގެ ހަށިގަޑުގެ ކޮންމެ ތަންކޮޅަކީވެސް އަދި އޭނާ ބޭނުންކޮށް އުޅޭ ސާމާނަކީވެސް އޭނާގެ ޝަޚްޞިއްޔަތުގެ ތެރޭން މިންވަރެއް އުފުލާ އެއްޗެކެވެ. އެއެއްޗަކީ އޭނާގެ ހަށިގަޑާ ގުޅިފައިވާ ނުވަތަ ވަކިވެފައިވާ އެއްޗެއް ކަމުގައި ވިއަސްމެއެވެ. މިސާލަކަށް ނިޔުޔޯރކްގައި ކަލޭ ބޯކޮށައިފިނަމަ ޤާހިރާގައި ކަލޭ ވިއަސް ނުވަތަ މިއްރީޚު (މާރސް) ގައިވިއަސް ކަލޭގެ ބޮލުން ވަކިކޮށްލެވުނު އިސްތައްޓަކީ ކަލޭގެ ގައިން ބައެކެވެ. އަދި އެފަނާވަންދެން ދެމި އޮންނާނީވެސް ކަލޭގެ ގައިން ބައެއްގެ ގޮތުގައެވެ. މި ނަޒަރިއްޔާގެ މައްޗަށް ބިނާކޮށް ބަލާއިރު އެއިސްތަށިކޮޅު ކަލޭގެ ޝަޚްޞިއްޔަތުން ބައެއް އުފުލާނެ އެވެ. މިޙަޤީޤަތާމެދު އެއްވެސް ޙާލެއްގައި އިންކާރެއް ނުކުރެވޭނެ އެވެ. ހަމަ އެފަދައިން ކަލޭ ލައިއުޅޭ ފޭރާމުގެ ތެރޭން ބޭނުންޖެހިފައިވާ މުޙްތާޖަކަށް ގަމީހެއް ނުވަތަ ފަޓުލޫނެއް ނުވަތަ އެނޫންވެސް އެއްޗެއް ދީފިނަމަ އެއެއްޗަކީ ކުޑަ އެއްޗެއްކަމުގައި ވިއަސް ނުވަތަ ބޮޑުއެއްޗެއް ކަމުގައިވިއަސް އެއެއްޗެއް ކަލޭގެ ޝަޚްޞިއްޔަތު އުފުލާނެއެވެ. އަދި ކަލޭފިޔަވައި އެހެންމީހަކު އެލައިއުޅޭ ކަމުގައި ވިއަސް އެމީހާގެ މައްޗަށް އެދަލީލުކުރުމަކީ މުސްތަޙީލު ކަމެކެވެ.

މިކަމުގެ ހެއްކެއްގެ ގޮތުގައި ބަޔާންކުރަމެވެ. ކަލޭ ލައިއުޅޭ ހެދުމުގެ ތެރޭން ކޮންމެ އެއްޗެއްވެސް އެއެއްޗަކީ ސޫޓެއް ކަމުގައިވިއަސް ނުވަތަ ހަމަ އެކަނި ފަޓުލޫނެއް ނުވަތަ ގަމީހެއް ކަމުގައިވިއަސް އަދި އެއަށްވުރެ ކުޑަ އެއްޗެއް ކަމުގައިވިއަސް އެއެއްޗެއް ގަތީ ކަލޭގެ އެދުމާ އެއްގޮތްވާ ގޮތުގެ މަތީންނެވެ. ނުވަތަ އޭގެ ކުލައާއި އޭގެ ފެހުމާއި އޭގެ ސިފަ އެއަށް ލިބިފައިވަނީ ކަލޭގެ މިޒާޖާ އެއްގޮތްވާ ގޮތުގެ މަތީންނެވެ. އަދި އެއަށް ކަލޭ ޚަރަދުކޮށްފައިވަނީ ކަލޭގެ އަމިއްލަ އިޚްތިޔާރުންނެވެ. އަދި އެއީ ކަލޭގެ މާލިއްޔަތުންމެއެވެ. އަދި އެ ހަލާކުވިޔަނުދީ، އަދި އެދާވީމާ ދޮވެސާފުކޮށް ބެލެހެއްޓުމުގައި ސަމާލުވަމުއެވެ. އަދި އެއަށްވުރެ ބާއެއްޗަކަށްވުރެ ބޮޑަށް އެއަށް ކަލޭ ޢިނާޔަތްތެރިކަން ބަހައްޓަމުއެވެ. އަދި އެލުމުން ކަލެއަށް ރޯޝަންކަމެއް ލިބެއެވެ. މިހާވެސް ބޮޑަށް ކަލޭގެ ހަށިގަޑާއި މިޒާޖާއި ޢިނާޔަތް ގުޅިފައިވާ އެއްޗެއް ކަލޭގެ މިލްކިއްޔަތުން ވަކިކޮށްލައި އެހެންމީހަކަށްދީ ނުވަތަ ބޭނުންކެޑިގެން އެއްލައިލާ ހެދިކަމުގައި ވިއަސް އެއެއްޗެއް ދެމިއޮތްހައި ހިދެއްގައި އަދި ކަލޭ ދިރިދުނިޔޭގައި ހުރިހައި ހިދެއްގައި ކަލޭގެ މައްޗަށް އެއެތި ދަލީލު ކުރާނެއެވެ. އަދި އެއާމެދު ބެލެވޭނީ އެއީ ކަލޭގެ ގައިން ބައެއްކަމުގައެވެ. ހަމައެފަދައިން ކަލޭގެ ނަންވެސް އަދި ކަލޭގެ ފޮޓޯއާއި މިނޫން އެހެން ތަކެތިވެސް އެމާނާއިގައި ބެލެވޭނެއެވެ، 

މިހެންކަމުން ސިޙްރުވެރިއާ އޭނާގެ ޢަމަލު ކާމިޔާބު ކުރުމަށްޓަކައި މިބުނެވިދިޔަ ތަކެތީގެ މައްޗަށް އިޢުތިމާދުކުރެއެވެ. އަދި އެއިން ކޮންމެވެސް މާއްދާއެއް ލިބެތޯ އޭނާ ކޮންމެހެންވެސް ބަލައެވެ. އެހެނީ އެއީ ސިޙްރު އަމާޒު ކުރެވޭމީހާ ތަމްސީލުކުރާ އެއްޗެއް ކަމަށް ވާތީއެވެ. މިކަން މިހެން ހުރުމާއެކު ބައެއް މުޖުތަމަޢުގެ ވަރަށް ގިނަ މީހުން އެމީހުން ލައި އުޅޭ ފޭރާމުން އެއްވެސް އެއްޗެއް ނަގައިނުލުމުގެ ނުވަތަ ދޫކޮށްނުލުމުގެ މައްޗަށް ވަރަށްބޮޑަށް ފަރުވާތެރިވެއެވެ. އަދި އެމީހުން ބޯކޮށައިފިނަމަ ނުވަތަ ނިޔަފަތި ކަޑައިފިނަމަ އެތަކެތި އެއްކޮށް ޖަމާކޮށް ކޮންމެވެސް ތަނަކަށް އެއްލައިލައެވެ. ނުވަތަ ވަޅުލައެވެ. 

ކޮންމެއަކަސް ސިޙްރުވެރިއާ އިސްވެދިއަ ދެ ޢާމިލް (ފެކްޓަރސް) ބޭނުންކޮށްގެން އޭނާގެ ބާރާއި، އެގިފައިވާ އެގުމާއި ތަޖްރިބާ ހުރި މިންވަރެއްގެ މަތީން، ޤަޞްދުކުރެވިފައިވާ ސިޙްރުގެ ބާވަތް އޭނާއަށް ކަޑައަޅައި ތަޙްދީދު ކުރެވިދާނެއެވެ. އަދި އެސިޙްރު ކުރިމަތިކުރާނީ އަމާޒުކުރެވޭ މީހާގެ ޙަޔާތުގެ ކޮން ކަމަކަށްކަންވެސް އޭނާއަށް ކަޑައެޅިދާނެއެވެ އެސިޙްރު ހަދަނީ އަމާޒުކުރެވޭ މީހާގެ، އިޝާރާތް ކުރެވުނު އެއްޗެތީގެ ތެރެއިން އެއްޗެއްގެ ބޭނުންކޮށްގެންނެވެ. 

ހަމަ މިނޭވާގައިމެ މުސްލިމުންނަށް ހިތްހަމަޖެހުމާއި އިޠުމިޢުނާނުކަން ދިނުމަށް އަވަސްވެ ގަންނަމެވެ. އެއި ޙަޤީޤީ ސިޙްރުވެރީން މިހާރު ގާތްގަޑަކަށް މުޅީންހެން ނެތިވެ ހިގައްޖެއެވެ. މިހާރު އެނަމުގައި ގިނައިން އުޅޭބައަކި މަކަރާއި ޙީލަތުން މީހުންގެ މުދާ ކައިއުޅޭ ނައްޞާބުންގެ މީހުންނެވެ. ފަހެ ޝައިޠާނާއާ ގުޅިފައިވާ ޙަޤީޤީ ސިޙްރުވެރިއާއަށް ޚާއްޞަ ޢަލާމާތްތަކެއް ވެއެވެ. އަދި ޚާއްސިފައެއްވެސް ވެއެވެ. އަދި އޭގެ އިތުރަށް އޭނާވާނީ އޭނާގެ ހަށިގަޑުގައި ޝައިޠާނާގެ ޢަލާމާތުން ފާހަގަޖެހިގެންނެވެ. 

އަންނަނިވި ތާގައި މިވާހަކަ އިތުރަށް ބަޔާން ކުރާހުށީމެވެ.

 

(އައްޝައިޚް ޙުސައިން ޢަބްދުއްރަޙްމާން ލިޔުއްވާފައިވާ "سحر ވެރިންގެ عمل ތައް ހުރިގޮތުގެ މައްޗަށް ބަލައި، قرآن  އާއި سنّة ގެ އަލީގައި ކުރެވިފައިވާ دراسة އެއް" ފޮތުން އެއިގެ އަޞްލާ އެއްގޮތަށް)

 

މިއަދު އޮންލައިން