ޢިމްރާންގެ އަނބިކަނބަލުންގެ ވާހަކަ 4: ޤައުމަށް އެނބުރި ވަޑައިގެންނެވުމާ ދަރިކަލުން އެންމެ ތުއްޕުޅުއިރު ވާހަކަފުޅު ދެއްކެވުން

މިއަދު
ކިޔުމަށް ހޭދަވާނީ 8މ 31ސ
ޢިމްރާންގެ އަނބިކަނބަލުންގެ ވާހަކަ 4: ޤައުމަށް އެނބުރި ވަޑައިގެންނެވުމާ ދަރިކަލުން އެންމެ ތުއްޕުޅުއިރު ވާހަކަފުޅު ދެއްކެވުން

ޢަލީ އިޙްޞާން ފިރާޤް

 

ޤައުމަށް އެނބުރި ވަޑައިގެންނެވުން: 

عيسى عليه السّلام ރައްކައުވެ ވަޑައިގެންނެވުމަށްފަހު މަރްޔަމުގެފާނަށް މާތްﷲ ހިންގަވައިދެއްވި ފެންއާރުން ފެންފޮދު ހިއްޕަވައި، އެކަމަނާއަށް މާތް ﷲ ދެއްވި ކަދުރުގެ ރިޒުޤުން ފަރީއްކުޅުއްވިއެވެ. އެކަމަނާއަށް އެތަކެތީ ފަރީއްކުޅުވުމުން ހަށިކޮޅުގައި ވަރުޖެހިގެންދިޔައެވެ. އެހެންކަމުން ތުއްޕުޅު عيسى عليه السّلام  އުރުވަޑުވައިގެން ވަޑައިގެންނެވިއެވެ. 

އިބްނު ކަޘީރު ލިޔުއްވައިފައިވެއެވެ. މަރްޔަމުގެފާނުގެ ޤައުމުގެ މީސްތަކުން އެކަމަނާ ވީނުވީތަނެއް ނޭނގި ގެއްލުމުން އެކަމަނާ ހޯދަން ނުކުތެވެ. އެހެނީ އެކަމަނާއަކީ ނަބީބޭކަލުންގެ ނަސަބުފުޅުން ވަޑައިގެންނެވީ މާތް ބޭކަނބަލެވެ. އެބައިމީހުން އެކަމަނާގެ ހިލަމެއްވޭތޯ ގަދައަޅައި މަސައްކަތް ކުރުމުންވެސް އެކަމަނާގެ އެއްވެސް ހިލަމެއް އެބައިމީހުންނަކަށްނުވިއެވެ. އެހެން އެބައިމީހުން އެއްތަނެއްބަލަމުން އަނެއްތަނެއްބަލަމުން ދަނިކޮށް ބަކަރިގޮތްވެއް ފެނިގެން އެކަމަނާގެ ސިފަތައް ބަޔާންކޮށްދީ އެކަމަނާ ދުށިންތޯ އެހިއެވެ. އޭނާ ބުންޏެވެ. [ނޫނެކެވެ. އެކަމަކު ތިމަންގެ ގެރިތަށް އެހެރަ ދިމާލަށް ސަޖިދަކުރާތަން ދުށީމެވެ.] ދެން އެބައިމީހުން އޭނާ އިޝާރާތްކުރި ދިމާއަށް ދަނިކޮށް އެދިމާލުން މަރްޔަމުގެފާނު، ޢީސާގެފާނު އުރުވަޑުވައިގެން ވަޑައިގަންނަވާ މަންޒަރު ފެނިއްޖެއެވެ. އެކަމަނާއަށް އެބައިމީހުން ފެނުމުން ދަރިކަލުން އުނގުފުޅަށް ލައްވައިގެން އިށީންދެވަޑައިގެންނެވިއެވެ. ދެން އެބައިމީހުން އައިސް އެކަމަނާ ވަށާލިއެވެ.

{އިބްނު ކަޘީރު، ތަފްސީރު އިބްނު ކަޘީރު، ހަވަނަ ޖިލްދު، ޞަފްޙާ 251} 

އެބައިމީހުން އައިސް މަރްޔަމުގެފާނަށް ދެންނެވި ވާހަކަ މަރްޔަމް ސޫރަތުގެ 27 ވަނަ އާޔަތާއި 28 ވަނަ އާޔަތުގައި މާތްﷲ ބަޔާން ކުރައްވައިފައިވަނީ މިދަންނަވާ ޢިބާރާތުންނެވެ. 

فَأَتَتْ بِهِ قَوْمَهَا تَحْمِلُهُ ۖ قَالُوا يَا مَرْيَمُ لَقَدْ جِئْتِ شَيْئًا فَرِيًّا ﴿٢٧﴾ يَا أُخْتَ هَارُونَ مَا كَانَ أَبُوكِ امْرَأَ سَوْءٍ وَمَا كَانَتْ أُمُّكِ بَغِيًّا ﴿٢٨

މާނައީ: [ފަހެ، އެކަމަނާގެ قوم ގެމީހުންގެ ގާތަށް އެ ދަރިކަލުން އުރުވަޑުވައިގެން އެކަމަނާ ވަޑައިގަތެވެ. އެއުރެން ބުނޫއެވެ. އޭ مريم ގެފާނެވެ! ހަމަކަށަވަރުން، ކަމަނާ ތިޔަވަޑައިގަތީ ވަރަށްބޮޑު ނުބައިކަމަކާއިގެންނެވެ. އޭ هارون ގެ أخت އާއެވެ! ކަމަނާގެ ބައްޕާއަކީ، ނުބައިމީހެއްކަމުގައި ނުވެތެވެ. އަދި ކަމަނާގެ މަންމާއަކީ، ކަސްބީއަކު ކަމުގައިވެސް ނުމެވޭމެއެވެ.] 

މިދެންނެވި ދެ އާޔަތުން ފަހަށް އޮތް އާޔަތުގައި އޮތް "އޭ هارون ގެ أخت އާއެވެ! " މިހެން އޮތް ބަސްފުޅާމެދުގައި ރިވާވެގެންވެއެވެ. މުޣީރަތު ބުނު ޝުޢުބާ ރަޟިޔަﷲ ޢަންހު ވިދާޅުވެފައިވެއެވެ.  އެކަލޭގެފާނު ވިދާޅުވިއެވެ. ތިމަން ނަޖުރާނަށް ދިޔަތަނުން ނަޖުރާނުގެ ނަޞާރާއިން ތިމަންކުރެ އަހައިފިއެވެ. [ކީރިތި ޤުރުއާނުގައި "އޭ هارون ގެ أخت އާއެވެ! " މިހެން އޮންނަ އާޔަތެއް ތިޔަބައިމީހުން ކިޔަމުއެވެ. މޫސާގެފާނު އުފަންވެވަޑައިގަތީ ޢީސާގެފާނުގެ އެތައް ޒަމާނެއްކުރިންނެވެ. ( މޫސާގެފާނަކީ ޙާރޫނުގެފާނުގެ އަޚެކެވެ. އޭގެދެކަލުން އުޅުއްވީ އެއްޒަމާނެއްގައެވެ.) ދެން އަހަރެން އެނބުރި މަދީނާއަށް އައިސް ރަސޫލާގެ އަރިހުގައި އެ ވާހަކަ ދެންނެވުމުން ޙަދީޘް ކުރެއްވިއެވެ. 

" إِنَّهُمْ كَانُوا يُسَمُّونَ بِأَنْبِيَائِهِمْ وَالصَّالِحِينَ قَبْلَهُمْ " [الترمذي في جامعه - باب: ومن سورة مريم - حديث رقم 3227، أحمد في المسند - حَدِيثُ الْمُغِيرَةِ بْنِ شُعْبَةَ - حديث رقم 17927 ]

މާނައީ: [ކުރީގެ މީހުން އެބައިމީހުންގެ ދަރީންނަށް އިހު އުޅެފައިވާ ނަބީބޭކަލުންނާ ޞާލިޙުންގެ ނަމުން ނަންދީއުޅުނެވެ.] 

ކޮންމެއަކަސް ބަނީ އިސްރާއީލުގެ މީސްތަކުން، މަރްޔަމުގެފާނާ ދޭތެރޭގައި ޒިނޭގެ ތުހުމަތު އެޅުވިއެވެ. ނަމަވެސް އެކަމަނާ އެބައިމީހުންނަށް އެއްވެސް ރައްދެއް ނުދެއްވައެވެ. ރަޙުމާނުވަންތަ ރަސްކަލާނގެ ޙަޟްރަތަށް ރޯދައަށް ހުރުމަށް ނުވަތަ ހަނުހުރުމަށް އެކަމަނާ ނިޔަތް ގެންފައިވާތީއެވެ. އެހެންކަމުން އެކަމަނާ އެކަމަނާގެ ތުއްޕުޅު ދަރިކަލުން ޢީސާގެފާނަށް އެބައިމީހުންނަށް ޖަވާބު ދެއްވުމަށް އިޝާރާތް ކުރެއްވިއެވެ. އެ މަންޒަރު ފެނުމުން އެއްވެފައިވާ ޔަހޫދީންގެ ޙިބުރުން ބުނެފިއެވެ. [ބަލަގަ ފެންކޮށީގައިވާ ތުއްޕުޅު ބޭފުޅަކަށް ވާހަކަ ދެއްކޭނީ ކިހިނެތް ހެއްޔެވެ؟] 

މިކަން ބަޔާން ކުރައްވައި ކީރިތި ޤުރުއާނުގެ މަރްޔަމު ސޫރަތުގެ 29 ވަނަ އާޔަތުގައި މާތްﷲ ވަޙީ ކުރައްވައިފައިވަނީ މިދަންނަވާ ފަދައިންނެވެ.

فَأَشَارَتْ إِلَيْهِ ۖ قَالُوا كَيْفَ نُكَلِّمُ مَن كَانَ فِي الْمَهْدِ صَبِيًّا ﴿٢٩

މާނައީ: [ފަހެ، އެކަމަނާ އެ ދަރިކަލުންނަށް إشارة ކޮށްލެއްވިއެވެ. އެއުރެން ބުނެފޫއެވެ. ޅަފަތުގެ ދާނުގައިވާ ޅަކުއްޖަކާ ތިމަންމެން ވާހަކަދައްކާނީ ކިހިނަކުންހެއްޔެވެ؟] 

އެބައިމީހުން މިދެންނެވި ބީދައިން އެކަމަނާއަށް މަލާމާތުގެ ގޮތުން ވާހަކަ ދައްކަމުން ގެންދަނިކޮށް ޢީސާގެފާނުގެ ފަރާތްޕުޅުން އިރުޙާޟް ފާޅުވެއްޖެއެވެ. އެކަލޭގެފާނު އެބައިމީހުންނަށް ޖަވާބުދެއްވަން ފެއްޓެވިއެވެ. މި ވާހަކަ މަރްޔަމު ސޫރަތުގެ 30 ވަނަ އާޔަތުން ފެށިގެން 33 ވަނަ އާޔަތުގެ ނިޔަލަށް މާތްﷲ ބަޔާން ކުރައްވައިފައިވެއެވެ. 

قَالَ إِنِّي عَبْدُ اللَّـهِ آتَانِيَ الْكِتَابَ وَجَعَلَنِي نَبِيًّا ﴿٣٠﴾ وَجَعَلَنِي مُبَارَكًا أَيْنَ مَا كُنتُ وَأَوْصَانِي بِالصَّلَاةِ وَالزَّكَاةِ مَا دُمْتُ حَيًّا ﴿٣١﴾وَبَرًّا بِوَالِدَتِي وَلَمْ يَجْعَلْنِي جَبَّارًا شَقِيًّا ﴿٣٢﴾ وَالسَّلَامُ عَلَيَّ يَوْمَ وُلِدتُّ وَيَوْمَ أَمُوتُ وَيَوْمَ أُبْعَثُ حَيًّا ﴿٣٣

މާނައީ: [އެ ދަރިކަލުން ވިދާޅުވިއެވެ. ހަމަކަށަވަރުން، އަހުރެންނަކީ، اللَّه ގެ އަޅަކީމެވެ. އެކަލާނގެ މިއަޅާޔަށް ފޮތް ދެއްވިއެވެ. އަދި ނަބިއްޔަކު ކަމުގައި މިއަޅާ ލެއްވިއެވެ .އަދި މިއަޅާ ކޮންމެ ތަނެއްގައި ވީނަމަވެސް، بركات ލައްވާފައިވާ އަޅަކު ކަމުގައި މިއަޅާ ލެއްވިއެވެ. އަދި މިއަޅާ ދިރިހުރިހާ ހިނދަކު، ނަމާދުކުރުމަށާއި، زكاة ދިނުމަށް، އެކަލާނގެ މިއަޅާޔަށް وصية ކުރެއްވިއެވެ.އަދި މިއަޅާގެ މަންމާއަށް ހެޔޮކޮށް ހިތާމީހަކު ކަމުގައިވުމަށްވެހެވެ. އަދި މިއަޅާޔަކީ އަބާއްޖަވެރި، جبّـار އަކު ކަމުގައި ނުލައްވަތެވެ.މިއަޅާ އުފަންވިދުވަހުގައްޔާއި، މަރުވާދުވަހުގައްޔާއި، އަލުން ދިރުއްވައި (محشر އަށް) ފޮނުއްވާދުވަހުގައި، މިއަޅާގެ މައްޗަށް سلام ހުށްޓެވެ.] 

 

 

މިއަދު އޮންލައިން