ފިކްރީ ގޮތުން މީހާ ހުސްވެފައިވުމަކީ ސިޙްރުހެދުމާ ދިމާއަށް މީހާ ގެންގޮސްދޭ ސަބަބެއް!

މިއަދު
ކިޔުމަށް ހޭދަވާނީ 7މ 3ސ
ފިކްރީ ގޮތުން މީހާ ހުސްވެފައިވުމަކީ ސިޙްރުހެދުމާ ދިމާއަށް މީހާ ގެންގޮސްދޭ ސަބަބެއް!

ސިޙްރުހެދުމާ ދިމާއަށް މީހާ ގެންގޮސްދޭ އަނެއްކަމަކީ ފިކްރީ ގޮތުން މީހާ ހުސްވެފައިވުމެވެ. ބާރުލިބެނިވި ފަރާތެއްގެ ބާރުހޯދުމަށް ތިމާއަށް ބޭނުންވެފައިވުމެވެ. އަދި ތިމާއަކީ އެއްވެސް ބޭނުމެއްނެތް މީހެއްކަމުގެ އިޙްސާސްވެ މާޔޫސްވުމެވެ. މީގެ އެއްމިސާލަކީ ޤުރްޠުބާ އެވެކިޔުނު ރަށުގެ ރާހިބާއަކުގެ ކަންތައްހުރިގޮތުގެ މިސާލެވެ. ރަހްބާނިއްޔަތަކީ ފިކްރީގޮތުން މީހާ ހުސްވެގެންވުމާއި، ޢަޤްލީ ގޮތުންނާއި ذِهْنِى ގޮތުން ވިއްސިވިހާލި ވެގެންވުމާއި ވަހްމީ ޙަޤީޤަތްތަކެއްގެ ތެރެއަށް މީހާ غرق ވެގެންދިޔުމާއި މިކަންކަމުގެ ތެރެއަށް އިންސާނާ އެއްލައިލެވޭ އެއްލައިލެވުމެކެވެ. އެވަހްމީ ޙަޤީޤަތްތައް، ފެނާއި އަލިފާނާއި ކަރުދާސް އެގޭފަދައިން އޭނާއަށް އެގޭނެއެވެ އަދި ހަމައެފަދައިން ކާނާއާއި ވަޔަށް އޭނާ ބޭނުންވެފައިވާ ބޭނުން އޭނާއަށް އެގޭފަދައިން އެކަންތައްތައް އޭނާއަށް އެގޭނެމެވެ. 

ނަތީޖާއަކަށްވީ ކްރިސްޓިއަނުންގެ ތެރޭގައި ކަންހިގަމުންދާ ގޮތުގެމަތީން، ޙަޤީޤަތްތައް ފޮރުވާލުމާއި އެކަންކަން ޒީނަތްތެރިކޮށް ދެއްކުމާއި، ގަދަބާރުން ކަންތައްތައް ޤަބޫލުކުރުވުމަށް މަސައްކަތްކުރުމާއި، މިކަންކަން ހުރިގޮތް އެރާހިބާއަށް ދަސްވުމެވެ. އަދި އޭގެ ނަތީޖާއަކަށްވީ ސިޙްރުގެ މައްޗަށް އެރާހިބާގެ ލޯބިޖެހުމާއި ސިޙްރު ދަސްކުރުމުގެ ފަރާތަށް އެރާހިބާއަށް ބުރަވެވުމެވެ. 

މިރާހިބާ " މެގްޑެލީން ޑިލާކްރޫޒް " ގެ ޙާދިސާއާމެދު ތާރީޚުގައި ލިޔެވިގެންވެއެވެ. އެކަބުލޭގެ ޢުމުރުން 17 އަހަރުގައި ފައްޅީގެ ދިރިއުޅުމުގެ ތެރެއަށް ވަނެވެ. އަދި އެތަނަށް ވަނީއްސުރެންފެށިގެން އޭނާއަށް ފިޓްޖެހެމުންދެއެވެ. ދުވަސްދުވަހުން ހޭނެތޭގޮތް ވަމުންދެއެވެ. އޭނާ ހޭނެތިފައި އޮންނައިރު، މުސްތަޤްބަލްގައި ހިގާނެ އެކިއެކި ޙާދިސާގެ ވާހަކައިން ޚަބަރުދެއެވެ. އަދި ހަމައެގޮތަށް އެކަންތައްތައް ދިމާވެ ޙަޤީޤަތަކަށް ވަމުންދޭމެއެވެ. އަދި ޢަޖާއިބު ވަނިވި ކަންތައްތައްވެސް އޭނާ ކުރަމުންދެއެވެ. މިހެންކަމުން މީސްތަކުންނަށް ޙައިރާންކަން ލިބި މުޅި ސްޕޭންގެ އެންމެންގެ މެދުގައި އެރާހިބާގެ ޚަބަރު ފެތުރި އޭނާއަކީ ހުރިހާ ފެންވަރެއްގެ ބައެއްގެ މެދުގައި އިޙްތިރާމާއި ޤަދަރު ލިބިގެންވާ ފަރާތެއްކަމުގައި ވެއްޖެއެވެ. އަދި އޭނާފަދައިން ފައްޅީގެ ޚިދުމަތުގައިވާ ޤިއްދީސާއިންގެ ސަފުތަކުގައިވާ އޭނާގެ ޢަދުއްވުންގެ މެދުގައިވެސް ހަމައެފަދައިން އެރާހިބާއަށް އިޙްތިރާމާއި މަތިވެރި ދަރަޖަ ލިބިގެންވިއެވެ. 

ނަމަވެސް މިރާހިބާގެ ޢަމަލުތައް ހުންނަގޮތާއި ޚަބަރުދިނުންތަކާމެދުގައި ކާރޑިނަލް ގްވާންޑިއެމްނީލް ޝައްކު ކުރަމުން ދިޔައެވެ. މިކާރޑިނަލްއަކީ ފުން ޢިލްމުތަކުގެ މަޢުލޫމާތާއި އޭގެ އުސްލޫބުތައް ދަންނަ، އަދި ޝައިޠާނުންނާއި އެޝައިޠާނުންގެ ޢަމަލުތައް ހުންނަގޮތް ވަރަށްބޮޑަށް ދިރާސާކޮށްފައިވާ މީހެކެވެ. ވީމާ އެރާހިބާ، ކޮށްއުޅޭ، އާދަތައް ފޫއަޅުވައިފަނިވި ކަންތައްތައް ކަމުގައި ހިމެނޭ ހުރިހާ ކަމެއް އޭނާތެދެއް ނުކުރެއެވެ. އަދި އެކަނބުލޭގެއަށް އެކަންތައްތައް ކުރެވުމުގެ މަޞްދަރަކީ އެކަބުލޭގެއަށް ލިބިފައިވާ ކުޅަދާނަ ކަމަކާއި ޢިލްމެއް ކަމަކަށްވެސް އޭނާ ނުދެކެއެވެ އަދި ކީއްހެއްޔެވެ؟ އޭނާ ދެކެނީ އެއާޚިލާފަށް އެއީ ނުބައިވެގެންވާ ރޫޙުތަކެއްގެ ފަރާތުން ޖެހިގެންއުޅޭ ކަމެއްކަމުގައެވެ. ނުވަތަ ޝައިޠާނީ ބާރެއްކަމުގައެވެ. 

މިރާހިބާގެ ކަންތައް މިގޮތުގެ މަތީން 39 އަހަރުގެ ދިގު މުއްދަތަކަށް ދެމިއޮތެވެ. އެއަށްފަހު އޭނާ ބަލިވެއްޖެއެވެ. އެބަލިވީ އޭނާގެ މަރުބަލިކަމުގައެވެ. އެބަލީގައި އޭނާ މަރުވާން ކައިރި ވެފައިވަނިކޮށް ލޮލުން އޮހިގެން ދިޔަ ކަރުނަތަކުގެ ތެރޭގައި އެކަނބުލޭގެ ކުށަށް އިޢުތިރާފް ވިއެވެ. ތިމަން ފައްޅީގެ ދިރިއުޅުމުގެ ތެރެއަށް ވަނީއްސުރެ ތިމަން އުޅެމުންދިޔައީ ނުބައިވެގެންވާ ޝައިޠާނީ ދެރޫޙެއްގެ ބާރާއި އަމުރުވެރިކަމުގެ ދަށުގައެވެ. އެދެމީހުން ފެންނަނީ مَغْرِب ކަރައިގެ ދެބޭކަލުންގެ ގޮތުގައެވެ. އަދި ތިމަން ވެފައިވަނީ އެދެމީހުންގެ ޢަޝީޤާއެއްކަމުގައެވެ. ލޯބިވެރިއެއްކަމުގައެވެ. އެދެމީހުން ތިމަންނާއަށް އަތުގެ އަވަސް ޙަރަކާތާއި ޖާދޫވީ ޢަމަލުތައް ދަސްކޮށްދިނެވެ. އަދި ސްޕޭންގެ އެންމެހައި ރައްޔިތުން ޙައިރާން ކޮށްލި އެކިކަންތައްތަކާއި މުސްތަޤްބަލްގައި ހިގާނެ ޙާދިސާތަކުގެ ވާހަކައިން ތިމަންނާއަށް ޚަބަރުދީ އުޅުނީ އެދެމީހުންނެވެ.

މިވާހަކައަށް ކޮމެންޓް ދެމުން މުއައްރިޙަކު ބުނިގޮތުގައި ރާހިބާ މެގްޑެލީން ވާނީ ޝައްކެއްނެތްގޮތުގައި ބޮޑެތި ސިޙްރުވެރި އަންހެނުންކުރެ އެކެއްގެ ދަރިއަކަށެވެ. އެދަރި ވިހެއުމުން ޝައިޠާނާއަށް ހިބައިން ދިނީކަމަށެވެ. އެހެނީ އެއީ އެފަދަ ސިޙްރުވެރި އަންހެނުންގެ ފަރާތުން ވަރަށްގިނައިން ހިގާކަމެކެވެ. ޚާއްޞަކޮށް ޢާއިލާގެ ހުރިހާ މެމްބަރުންނަކީ ސިޙްރުވެރިން ކަމުގައި ވެއްޖެނަމައެވެ. 

އެއްވެސް ޝައްކެއްނެތް ގޮތުގައި އެ މެގްޑެލީން ވަނީ ވަރަށްގިނަ ޙަޤީޤަތްތަކެއް ފޮރުވާފައެވެ. އެހެނީ އަހުރެމެންނަށް ޤަބޫލުކުރެވޭގޮތުގައި އެރާހިބާއަކީ ޝާޙިރާއެކެވެ. ސިޙްރުވެރި އަންހެނެކެވެ. ނޫންނަމަ ނުބައިވެގެންވާ ރޫޙްތަކާ އެކަނބުލޭގެ ބައްދަލު ކުރާނީ ކިހިނަކުންހެއްޔެވެ؟ ނަމަވެސް އެކަނބުލޭގެއަކީ މީހުންނާވަކިން އެކަނބުލޭގެ ދައިރުގައި (ކޮންވެންޓްގައި) ދިރިއުޅެމުންދާ ރާހިބާއެއްކަމަށް ވުމާއެކު އެއްވެސް މީހަކަށް ގެއްލުންދީ އުދަގޫ ދޭކަށް އެކަނބުލޭގެ ނުރުހެއެވެ. 

އިސްވެދިޔަ ކަންތައްތައް އެހެންހުރުމާއެކު ކިޔުންތެރިޔާއަށްވެސް އެގޭނެފަދައިން އެދުވަސްވަރު ޔޫރަޕްގައިވަނީ ސިޙްރުގެ ކަންތައް ފެތުރި މަޝްހޫރުވެފައެވެ. ޚާއްޞަކޮށް އިސްލާމްދީން ދުނިޔެއަށް ފާޅުވުމަށްފަހުގައެވެ. އަދި ވަކީން ޚާއްޞަކޮށް މިޒަމާނުގެ ހުޅަގުގެ ސިވިލައިޒޭޝަންއެވެ ކިޔޭ " حَضَارة " އެއް އައުމަށްފަހުގައެވެ. އެކަންއެހެން ވާންޖެހުނު ސަބަބެއްކަމުގައި މުޙައްޤިޤުން ބުނަނީ އެއީ ހުޅަނގުގެ ޙަޟާރަތު އިފްލާސްވުމެވެ. އެއިން އަދާކޮށްދޭންވީބައި އަދާނުކުރެވުމެވެ. އަދި މިގޮތުން އެބައިމީހުންނަށް ވަރަށްބޮޑު އިދިކޮޅު މާނަތަކެއްގެ ތެރޭގައި ހަޔާތް ވޭތުކުރަން ޖެހިފައިވުމެވެ މިހެންކަމުން މީސްތަކުންނަށް އިޙްސާސްވަމުންދިޔައީ ގެއްލިގެންވާ ބައެއްގެގޮތުގައެވެ. މިކަމުގެ ނަތީޖާއެއްގެގޮތުން ސިޙްރާދިމާއަށް އެބުރިގަތް ބައަކުއެދިމާއަށް އެބުރިގަތީ އެވެ. ޖާދޫއާއި މަކަރުވެރި ޢަމަލުތަކާ ދިމާއަށް ކުރިމަތިލީ ބައަކު އެދިމާއަށް ކުރިމަތިލީއެވެ. އަދި ޖޯކުހަދައި އަމިއްލަ ނަފްސަށް މަލާމާތް ކުރުމުގެ ގޮތް އީޖާދުކޮށް އެކަންތައް އިސްކުޅަ ބައަކު އެގޮތަށް ޢަމަލުކުރީއެވެ. 

މިއަށްފަހު ޒަމާންތަކެއް ވެއަތުވެ ހިގައްޖެއެވެ. ޔޫރަޕްގެ މިއަނިޔާވެރި ހިލަވެފައިވާ ނިޒާމްތައް މަޑުމަޑުން މައިތިރިވަމުން ދޫދެމުން ދާންފަށައިފިއެވެ. އެއީ ސިލްމާއި، ސަލާމާއި ޙައްޤާއި ޢަދާލަތަށް ގޮވެމުންދާ އަޑުތަކުގެ ގަދަކަމުންނެވެ. މިގޮތުން ޔޫރަޕްގެ މީހުން އިންޞާފާއި ޢަދާލަތުގެ ފަރާތަށް ކޮންމެވެސް ވަރަކަށް ޖެހިލުމުގެ ނަތީޖާއެއްގެ ގޮތުން އިންސާނުންނާމެދު ހިންގޭ ނުބައި ޢަމަލުތަކުން ކޮންމެވެސް މިންވަރެއް ދޫކޮށް، ނުބައިކަމުގެ އެންމެ މަތީދަރަޖައިގައިވާ ސިޙްރުވެރި ކަމުން އެބައިމީހުން މުޅީންހެން އެއްކިބާވެއްޖެއެވެ. މިހެންކަމުން މިޒަމާނުގައި އަހުރެމެންނަށް ޙަޤީޤީ ސިޙްރުގެ ކަންތައްތައް ފެންނާނީ ވަރަށްމަދުންނެވެ. 

ސިޙްރާމެދު، އިސްވެދިޔަ ގޮތުގެ މަތީން ކަންތައް ހުރިކަމަށްޓަކައި އިންސާނާ އޭނާގެ ނަފްސު ހޭލުންތެރި ކުރުވަންޖެހޭނެއެވެ. ހަވާނަފްސަށް ތިމާގެ ލަގަން ދޫކޮށްލައިގެން ނުވާނެއެވެ. އޭރުން ތިމާ ހަމަމަގުން ނެއްޓިގެން ހިގައިދާނެއެވެ. ހަވާނަފްސަށް ލަގަންދޫކޮށްލެވޭ ގޮތްވުމަކީ ވަޙްޝިއްޔަތާ ހަމައަށް މީހާ ގެންގޮސްދިނުމުގެ މަގުގައި އެޅޭ ފުރަތަމަ ފިޔަވަޅެވެ. އެމަގުގައި ފިޔަވަޅު އަޅަމުން ކުރިއަށް ހިގައްޖެނަމަ އެންމެ ނުބައި ސިފަތަކުގެ ތެރޭން ސިފައެއް ލިބިގެންވާ މީހަކުކަމުގައި ތިމާވެގެން ހިގައިދާނެއެވެ. އެއްގޮތެއްގައި ސިޙްރުވެރިއަކަށެވެ. އަނެއްގޮތެއްގައި މީހުންމަރާ ޤާތިލަކަށެވެ. ނުވަތަ ޒިނޭކޮށްއުޅޭ މީހަކަށެވެ. ނުވަތަ އެނޫންވެސް، މީހުންގެ ގާތުގައި ނުރުހެވޭ ނުބައިވެގެންވާ ޢަމަލެއްގެ ވެރިއަކަށެވެ.  

މިހެންކަމުން ތިމާގެ މޫނު ރައްކާތެރިކުރަން އެދޭ މުއުމިނު އިންސާނާގެ މައްޗަށް އޮތީ މިކަންކަމާމެދު ވިސްނައި ހޭލުންތެރިވެ ތިމާގެ ހިތާއި ނަފްސު އަބަދުވެސް ސާފުކޮށް ޠާހިރުކޮށް ބެހެއްޓުމެވެ. އެއީ ހިތުގެ ބައްޔަށް ފަރުވާ ދިނުމުގެ މަގުތަކަށް ތަބަޢަވެގެންނެވެ. އަދި ނަފްސު ސީދާކޮށް އެމަގުގައި ހަރުލައްވައި އެނަފްސަށް وعظ އާއި އިރްޝާދުދީ އަދި ނުބައި މަގަކުން ދަތުރުކުރާނަމަ އެނަފްސަށް އަޑުލައިހަމަމަގަށް އަޅުވައިގެންނެވެ. 

އަދި ހަމައެފަދައިން މުއުމިން އަޅާއަށް، ހިތުގެ ބައްޔަކީ ކޮބައިކަމާއި އެބަލިޖެހެނީ ކިހިނެއްކަމާއި އަދި އެބަލިޖެހުމަށް މެދުވެރިވާ ސަބަބަކީ ކޮބައިކަމާއި މިކަންކަން ދެނެގަތުން ލާޒިމުވެގެންވެއެވެ. އޭރުން އޭނާގެ ބައްޔަށް ފަރުވާދިނުމަށް ފަސޭހަވާނެއެވެ. އެއީ ޛިކްރުކުރުމާއި ދުޢާކުރުން ގިނަކުޅައުމާއި ހަމަމަގުގައި ފައިތިލަ ސާބިތުކުރުމާއި، ރަޙްމާއި އޯގާވެރި ކަމުގެ ގޮތް ތިމާގައި އަށަގެންނެވުން ފަދަ ކަންތަކުންނެވެ.

 

(އައްޝައިޚް ޙުސައިން ޢަބްދުއްރަޙްމާން ލިޔުއްވާފައިވާ "سحر ވެރިންގެ عمل ތައް ހުރިގޮތުގެ މައްޗަށް ބަލައި، قرآن  އާއި سنّة ގެ އަލީގައި ކުރެވިފައިވާ دراسة އެއް" ފޮތުން އެއިގެ އަޞްލާ އެއްގޮތަށް)

 

މިއަދު އޮންލައިން