އައްސައްޔިދާ މަރްޔަމް ޢަލައިހާ ސަލާމް 3: ވިހެއުމުގެ ވޭންބޮޑުކަމުން އެވޭންތައް ޖެހިވަޑައިގެންނެވުމުގެ ކުރިން އަވާހާރަވިނަމަ ރަނގަޅުކަމުގަ ވިދާޅުވި!

މިއަދު
ކިޔުމަށް ހޭދަވާނީ 7މ 30ސ
އައްސައްޔިދާ މަރްޔަމް ޢަލައިހާ ސަލާމް 3: ވިހެއުމުގެ ވޭންބޮޑުކަމުން އެވޭންތައް ޖެހިވަޑައިގެންނެވުމުގެ ކުރިން އަވާހާރަވިނަމަ ރަނގަޅުކަމުގަ ވިދާޅުވި!

ޢަލީ އިޙްޞާން ފިރާޤް

 

ޢީސާގެފާނު ރައްކައުވުން: 

މަރްޔަމުގެފާނު ވަޑައިގެންނެވީ މީސްތަކުންނަށް އެކަމަނާ ފެނިވަޑައިނުގަންނަވާ ތަނަކަށެވެ. އެކަމަނާއަށްވެސް މީސްތަކުން ފެނިވަޑައިނުގަންނަވާނެ ތަނަކަށެވެ. އެކަމަށް އިޝާރާތް ކުރައްވައި، މަރްޔަމް ސޫރަތުގެ 22 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ. 

فَحَمَلَتْهُ فَانتَبَذَتْ بِهِ مَكَانًا قَصِيًّا﴿٢٢

މާނައީ: [ފަހެ، އެ ދަރިކަލުންނާއިގެން އެކަމަނާ އާލާސްވެ އިންނަވައި، ދުރުގައިވާ ތަނަކަށް އެ ދަރިކަލުންނާއިގެން އެކަމަނާ ވަޑައިގަތެވެ.]

ކޮންމެއަކަސް، މަރްޔަމުގެފާނުގެ ދުވަސްފުޅުފުރާ ފުރިހަމަވެއްޖެއެވެ. އެކަމަނާ عيسى عليه السّلام  އާއިގެން ރައްކާވުމުގެ ވޭންވަރު އައިސް ޖެހުނެވެ. އެކަމަށް އިޝާރާތްކުރައްވައި ޤުރްއާނުގެ މަރްޔަމް ސޫރަތުގެ 23 ވަނަ އާޔަތުގައި މާތްﷲ ވަޙީ ކުރައްވައިފައިވެއެވެ. 

فَأَجَاءَهَا الْمَخَاضُ إِلَىٰ جِذْعِ النَّخْلَةِ قَالَتْ يَا لَيْتَنِي مِتُّ قَبْلَ هَـٰذَا وَكُنتُ نَسْيًا مَّنسِيًّا ﴿٢٣

މާނައީ: [ދެން އެކަމަނާއަށް ރައްކާވުމުގެ ވޭންވަރު އައުމުން، ކަދުރު ރުކެއްގެ ގަސްގަނޑުގައި ލެނގިވަޑައިގެން އިންނަވަންޖެހުނެވެ. އެކަމަނާ ވިދާޅުވިއެވެ. އޭ ސަހަރޯއެވެ! މިކަންޖެހުމުގެ ކުރީގައި އަހުރެން މަރުވެ، ހަނދާންނެތިވެ، ނަންވެސް ފިލައިދިޔަނަމަ ކޮންފަދަހެއްޔެވެ!] 

މަރްޔަމުގެފާނަށް ލިބިވަޑައިގަންނަވަމުން ގެންދެވި ވޭނެއްގެ ބޮޑުކަމުން އެވޭންތައް ޖެހިވަޑައިގެންނެވުމުގެ ކުރިން އެކަމަނާ އަވާހާރަވެ ދިޔަނަމަ ރަނގަޅުކަމުގައި ވިދާޅުވިއެވެ. އެހެނީ އޭރު އެކަމަނާވަނީ ލިބިވަޑައިގަންނަވާ ވޭނުގެ ސަބަބުން ޙާލުކޮޅެއް ނެތިފައެވެ. އެކަމަނާ އެ ޙާލުކޮޅުގައި އޮންނަވަނިކޮށް ޖިބްރީލުގެފާނު އެކަމަނާއަށް އުފާވެރިކަމުގެ ޚަބަރު ދެއްވިއެވެ. ހިތާމަނުކުރެއްވުމަށް އެންގެވިއެވެ. އަދި މާތްﷲ އެކަމަނާއަށްޓަކައި ދޮންވެފައްކާވެފައިވާ ކަދުރުހުރި ކަދުރު ރުކެއްލެއްވި ވާހަކަވެސް ވިދާޅުވެދެއްވިއެވެ. މިދެންނެވި ކަންތަށްތަކަށް އިޝާރާތްކުރައްވައި މަރްޔަމު ސޫރަތުގެ 24 ވަނަ އާޔަތާއި 25 ވަނަ އާޔަތުގައި ވަޙީ ކުރައްވައިފައިވަނީ މިދަންނަވާ ފަދައިންނެވެ. 

فَنَادَاهَا مِن تَحْتِهَا أَلَّا تَحْزَنِي قَدْ جَعَلَ رَبُّكِ تَحْتَكِ سَرِيًّا ﴿٢٤﴾ وَهُزِّي إِلَيْكِ بِجِذْعِ النَّخْلَةِ تُسَاقِطْ عَلَيْكِ رُطَبًا جَنِيًّا ﴿٢٥

މާނައީ: [ދެން އެކަމަނާ (އޮންނެވިތާނގެ) ގެ ދަށުން އެކަމަނާއަށް ملائكة އާ ގޮވައިލެއްވިއެވެ. ހިތާމަނުކުރައްވާށެވެ! ހަމަކަށަވަރުން، ކަމަނާގެ ވެރިރަސްކަލާނގެ، ކަމަނާ (ތިޔައޮންނެވިތާނ) ގެ ދަށުން ފެންއާރެއް ލެއްވިއެވެ. އަދި ކަމަނާއާ ދިމާޔަށް ކަދުރުރުކުގެ ގަސްގަނޑު ހަލުވައިލައްވާށެވެ! އޭރުން ދޮންވެ ފައްކާވެފައިވާ ކަދުރުތައް، ކަމަނާގެ އަރިހަށް ފައިބާނެތެވެ.] 

މިދެންނެވުނު ކަންތައްތަކުގެ އިތުރުން ޖިބްރީލުގެފާނު އެކަމަނާ عيسى عليه السّلام އާގެން ރައްކައުވުމަށްފަހު ޢަމަލުކުރާންވީ ގޮތްވެސް އެމަނާއަށް ބަޔާންކޮށްދެއްވިއެވެ. މަރްޔަމު ސޫރަތުގެ 26 ވަނަ އާޔަތުގައި މާތްﷲ ވަޙީ ކުރައްވައިފައިވެއެވެ.

فَكُلِي وَاشْرَبِي وَقَرِّي عَيْنًا ۖ فَإِمَّا تَرَيِنَّ مِنَ الْبَشَرِ أَحَدًا فَقُولِي إِنِّي نَذَرْتُ لِلرَّحْمَـٰنِ صَوْمًا فَلَنْ أُكَلِّمَ الْيَوْمَ إِنسِيًّا ﴿٢٦

މާނައީ: [ފަހެ، ކަމަނާ ފަރީއްކުޅުއްވައި، ފެންފޮދު ހިއްޕަވައި، އަދި ހިތްޕުޅު ހަމަޖައްސަވާށެވެ! ފަހެ، އިންސާނުންކުރެ އެއްވެސްމީހަކު ކަމަނާއަށް ފެނިވަޑައިގެންފިނަމަ، ވިދާޅުވާށެވެ! ހަމަކަށަވަރުން، رحمن ވަންތަ ރަސްކަލާނގެއަށްޓަކައި، ރޯދައަށް ހުރުމަށް (އެބަހީ: ހަނުހުރުމަށް) އަހުރެން ނަދުރުގެންފީމެވެ. ފަހެ، މިއަދު އަހުރެން އެއްވެސް އިންސާނަކާ ވާހަކައެއް ނުދައްކާހުށީމެވެ.] 

އަބޫ ޔަޢުލާ އޭނާގެ މުސްނަދުގައި ރިވާ ކުރައްވައިފައިވާ ޙަދީޘެއްގައިވެއެވެ. ޢަލީ ބިން އަބީޠާލިބު ރަޟިޔަﷲ ޢަންހު ވިދާޅުވެފައިވެއެވެ. މާތް ރަސޫލާ صلّى اللّـه عليه وسلّم  ޙަދީޘު ކުރެއްވިއެވެ.

أَطْعِمُوا نِسَاءَكُمُ الْوُلَّدَ الرُّطَبَ ، فَإِنْ لَمْ يَكُنْ رُطَبٌ فَالتَّمْرُ ، وَلَيْسَ مِنَ الشَّجَرِ أَكْرَمُ عَلَى اللَّهِ مِنْ شَجَرَةٍ نَزَلَتْ تَحْتَهَا مَرْيَمُ بِنْتُ عِمْرَانَ { أبو يعلى الموصلي في مسنده - مُسْنَدُ عَلِيِّ بْنِ أَبِي طَالِبٍ رَضِيَ اللَّهُ عَنْهُ - حديث رقم 434}

މާނައީ: [ތިބަޔައިމީހުން މާބަނޑު އަންހެނުންނަށް ތާޒާ ރޯކަދުރު ކާންދޭށެވެ. ތާޒާ ރޯކަދުރު ނުލިބިއްޖެނަމަ ހިއްކި ކަދުރު ދޭށެވެ. މާތްﷲ ޙަޟްރަތުގައި ކަދުރު ރުކަށްވުރެ މާތް ގަހެއް ނުވެއެވެ. ޢިމްރާނުގެ ދަރިކަނބަލުން މަރްޔަމުގެފާނު އިށީންދެވަޑައިގެން އިންނެވީ ކަދުރު ރުކެއްގެ ހިޔަލުގައެވެ.] 

މި ޙަދީޘްއާ މެދު އަލްޙާފިޡު އިބްނު ކަޘީރު ރަޙިމަހުﷲ ވިދާޅުވެފައިވެއެވެ. هَذَا حَدِيثٌ مُنْكَرٌ جِدًّا  މި ޙަދީޘަކީ މުންކަރުކަން ބޮޑު ޙަދީޘެކެވެ. { ابن كثير رحمه الله في تفسيره 5/ 199} 

 

 

މިއަދު އޮންލައިން