ފުރަތަމަ ބާބު
އިންސާނާގެ ކިބައިގައިވާ ނުބައިކަމުގެ نزعة
(ނުބައިކަމާ ދިމާއަށް ގެންގޮސްދޭ ބާރު)
- ވަޙްޝިއްޔަތާ ހަމައަށް އިންސާނާ ވާޞިލު ވުމުގެ ސަބަބުތައް.
- ސިޙްރަކީ ނުބައިކަމުގެ އެންމެމަތީ ދަރަޖައަށް އިންސާނާ ވާޞިލު ކޮށްދޭ ކަމެކެވެ.
- ސިޙްރާދިމާއަށް މީހާ ގެންގޮސްދޭ ސަބަބުތައް .
- ނުބައިކަމުގެ نَزْعَة ތައް އުފެދެނީ ހަވާނަފްސަށް ތަބަޢަވެ ކިޔަމަންވުމުގެ ނަތީޖާއެއްގެ ގޮތުންނެވެ.
- ނުބައިވެގެންވާ ނަފްސުތަކުގެ ނަޒްޢަތަކަށް އޮތް އިސްލާމީ ފަރުވާ.
އިންސާނާގެ ކިބައިގައިވާ ނުބައިކަމުގެ ބާރު
ހިތް އެދޭ މޮޅުގޮތްތައް ހޯދުމާއި ތަނަވަސް ޙަޔާތަކަށް އެދުމުގައި އިންސާނުން އެކަކު އަނެކަކާ ވާދަކޮށް ކުރިއަރައިދިޔުމާއި ދެކޮޅުވެރިކަމުގެ ގޮތް އެބައިމީހުންގެ ޠަބީޢަތުގައި ލައްވާފައި ވެއެވެ.
ދުނިޔޭގައިވާ ޠަބީޢީ މުއްސަނދިކަމުގެ މަޞްދަރުތަކުގެ މައްޗަށް ބަލާއިރުވެސް މީސްތަކުންގެ މެދުގައި ބޮޑަތި ތަފާތުތައް ލައްވާފައި ވެއެވެ، މިގޮތުން އެޠަބީޢީ މަޞްދަރުތަކަކީ އެއްބައެއްގެ ޚިދުމަތުގައިވާ، އަދި އެބައަކު ކުރިއަރުވާ ވަސީލަތްތައް ކަމުގައި ވާއިރު، އަނެއްބައަކީ އެފަދަ މަޞާދީރު ތަކެއްގެ އަހުލުވެރި ބައަކު ކަމުގައި ނުވުމުގެ ސަބަބުން ދަށްވެ އަގެއްނެތް ބަޔަކު ކަމުގައި ވެދެއެވެ.
ޙާލަތްތައް ބަދަލުވެގެންދަނީ ބައެއް ފަހަރަށް އިންސާނާ އެކަމުގެ ސަބަބެއްކަމުގައި ހިމެނޭގޮތުންނެވެ. އަނެއްބައި ފަހަރަށް އޭނާ ހީވެސް ނުކުރާފަދަ ގޮތަކަށެވެ. އޭނާގެ މަޤްޞަދާއި އަމާޒާ ދިމާ އިދިކޮޅަށެވެ. ނަތީޖާ އަކަށްވަނީ މީސްތަކުންގެ ޢަމަލުތަކާއި ސުލޫކާއި ވިސްނުމާއި ތަފްކީރުގެ އިންތައް ތަފާތުވެގެން ދިއުމެވެ.
އާއެކެވެ! ދުނިޔެއަކީ ކޯޅުމާއި، ފަހައިދުވުމާއި، ހިފައިއަތުލުމާއި މަސައްކަތްކޮށް ހޯދުމާއި، ކާމިޔާބާއި ނާކާމިޔާބާއި، ނާކާމިޔާބު އެކުލެވިގެންވާ ހަލަބޮލި މައިދާނެކެވެ. މިކަމަކީ އެކި ޙާލަތްތަކާއި ތަފާތު މިޒާޖުތަކާއި ޠަބީޢަތްތަކުގެ އަހުލުވެރީން ރަގަޅަށް ދަންނާނެ ކަމެކެވެ. އެމީހުންނަކީ އެމީހުންދެކޭ މޮޅު ޙަޔާތަކަށް އިންތިޒާރުކޮށް ބަލަބަލައި ތިބޭ ބައެކެވެ. އާއެކެވެ. ކޮންމެ މީހަކުވެސް ބޭނުންވަނީ އެމީހަކު އެދޭ މޮޅުގޮތެވެ. މިސާލަކަށް ކޮންމެ މީހަކުހެން ގަދައަޅާ މަސައްކަތްކުރަނީ ފެންވަރުރަގަޅު މޮޅު ގެއެއް، ނުވަތަ ޢިމާރާތެއް ބިނާކުރެވޭތޯ އެވެ. ނުވަތަ މިލްކު ކުރެވޭތޯއެވެ. ނުވަތަ މޮޅު ސަވާރީއެއްލިބޭތޯއެވެ. ނުވަތަ ތަނަވަސް މީހަކު ކަމުގައި ވޭތޯއެވެ. ނުވަތަ އިޖްތިމާޢީ ގޮތުން އުސް މަޤާމެއް ލިބިގެންވާ މީހަކު ކަމުގައި ވޭތޯއެވެ. ނުވަތަ މިނޫންވެސް މޮޅުކަމެއް ޙާޞިލުވޭތޯއެވެ. މިއިން ކޮންމެ ކަމަކީވެސް މާދަމާ އުވިގެން ހިނގައިދާނެ ކަމެއްކަން ރަގަޅަށްދަނޭމެއެވެ. މާދަމާގެ ހުރިކައިރިކަމާއެވެ! ދުވަސްތައް ހިގަމުންދާލެއް އަވަސްކަމާއެވެ!
އަދި އަޅުގަޑުމެން ކަޅި ހިންގައިލާއިރު އެއްވެސް އާރެއް ބާރެއް ނެތް ބައަކުވެސް އެބަފެނެއެވެ. އެމީހުންވަނީ އެމީހުންގެ ޙާލަށް ރުހިގެންނެވެ. ފަޤީރުކަމާއި ހިތިކަމުގެ ރަހައަށް ހޭނިފައެވެ. އާއެކެވެ! ﷲ ލެއްވި ރަޙްމަތްފުޅަށް ޝުކުރުކޮށްގެންނެވެ. އަދި އެހެންބައަކުވެސް ފެނެއެވެ. އެބައިމީހުންނަކީ މާތް، ސާފު ދިރިއުޅުމަކާއި ޢިއްޒަތުއްނަފްސު ފިޔަވައި އެހެން އެއްވެސް ކަމެއްއެދޭ ބައެއްނޫނެވެ. އެބައިމީހުންގެ ކަންތައްވަނީ ﷲ އަށް ތަސްލީމު ކޮށްގެންނެވެ. މިހެންކަމުން މިބައިމީހުންނަކީ އިންސާނާގެ ކިބާގައިވާނުބައިކަމުގެ ބާރާއި ވަޙްޝިއްޔަތާމެދު ހޯދައި بحث ކުރެވޭ موضوع ގެ ތެރެއަށް ވަންނަ ބައެއްނޫނެވެ.
ދެންތިބި ބައަކީ މި موضوع ގެ ތެރެއަށް ވަރުގަދައަކަށް ވަންނަ ބައެކެވެ. އެހެނީ އެބއިމީހުންނަކީ ދުނިޔެ އެދުމުގައި ޙައްދުފަހަނަޅާފައިވާ ބައެކެވެ. ހިތްއެދޭ ކޮންމެކަމެއް ކުރުމަށާއި ޖާހާއި މާލަށްޓަކައި ކޮންމެފަދަ ކަމެއްވެސް ކުރުމަށް ފަސްނުޖެހޭ ބައެކެވެ. އަދި ދުންޔަވީ ޙަޔާތުގެ އެއްވެސް ހިތިކަމެއް އަދި ދަތިކަމެއް ނުދަންނަ ބައެކެވެ. މިހެންކަމުން މިބައިމީހުން އަބަދުމެ މަސައްކަތް ކުރާނީ ދުނިޔޭގެ އެދުންތައް ޙާޞިލުކޮށްގަތުމަށް އަވަސްވުމަށެވެ. މި މަޤުޞަދު ޙާސިލުކުރުމަށްޓަކައި އަބަދުމެ ނުބައިކަމުގެ މަގުން ހިގާނެއެވެ. މިކަންހުރި ދަރަޖައަށް ބަލާއިރު ރަޙްމާއި އިންސާނިއްޔަތުގެ ސިފަތަކުން މުޅިން އެއްކިބާވެފައިވާ އަނިޔާވެރި ޖައްބާރަކަށް މެނުވީ އެމަގެއް ނުހިފޭނެއެވެ.
މިހެންކަމުން އިސްލާމް ދީނުގައި ބާރުއަޅާފައިވަނީ ދުނިޔޭގެ ބޭނުންތައް ޙާޞިލު ކުރުމުގައި މެދުމިންވަރު އިޚްތިޔާރު ކުރުމަށެވެ. އަދި ކަންތައްތަކުގައި ޙައްދުފަހަނައަޅައި ނުދިއުމަށެވެ. މިގޮތުން ޢިލްމީ އަސާސްތަކެއްގެ މައްޗަށް ބިނާވެގެންވާ ތަރުބިއްޔަތުގެ މިސާލުތައް ދައްކަވާފައި ވެއެވެ. އެމިސާލުތަކުގެ ބޭނުންހިފައިފިނަމަ ރަގަޅު ތަރްބިޔަތެއް ލިބި، ދުނިޔޭގެ އެދުމަށްޓަކައި ހުތުރުވެގެންވާ ފާޙިޝް ކަންތައްތަކަށް އަރައިގަތުމުން އެއްކިބާވެވޭނެއެވެ.
ޝައްކެއްނެތެވެ. ޢާލަމްތަކުގެ ވެރި ﷲ ދައްކަވާފައިވާ މަންހަޖުން އެއްކިބާވެ އެކަލާނގެ މަގަށް ފުރަގަސްދިނުމަކީ ނުބައިކަމުގެ އެންމެމަތީ ދަރަޖައަށް އިންސާނާ ވާޞިލުކޮށްދޭ ކަމެކެވެ. އެހިސާބަށް އެ އިންސާނާ ދާއިރު އޭނާގެ އުޅުމާއި ސުލޫކުގެ މައްޗަށް ބާރުހިންގާނީ، އަދި އޭނާގެ ޢަމަލުތަކުގެ މައްޗަށް ވެރިވެފައިވާނީ ޝައިޠާނާއެވެ. އެހެންވެއްޖެނަމަ ހަލާކުގެ ފުން ވަޅުގަޑެއްގެ ތެރެއަށް އެއިންސާނާ ވެއްޓިގެން އެދިޔައީ އެވެ.
(- އައްޝައިޚް ޙުސައިން ޢަބްދުއްރަޙްމާން ލިޔުއްވާފައިވާ "سحر ވެރިންގެ عمل ތައް ހުރިގޮތުގެ މައްޗަށް ބަލައި، قرآن އާއި سنّة ގެ އަލީގައި ކުރެވިފައިވާ دراسة އެއް" ފޮތުން އެއިގެ އަޞްލާ އެއްގޮތަށް)