ކީރިތި ޤުރްއާނުގެ މުޢްޖިޒާތްތަކުގެ ތެރެއިން ޤުރްއާން ކިޔެވުމުން ބޮޑު ހޮސްޕިޓަލަކަށް ލޮޅުންއެރުން: އިމާމް ވައްހާޖް ޠަރިން

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 58ސ
ކީރިތި ޤުރްއާނުގެ މުޢްޖިޒާތްތަކުގެ ތެރެއިން ޤުރްއާން ކިޔެވުމުން ބޮޑު ހޮސްޕިޓަލަކަށް ލޮޅުންއެރުން: އިމާމް ވައްހާޖް ޠަރިން

ރަމަޟާން މަސް އައުމުން ގިނަ ބައަކު ކީރިތި ޤުރްއާން ކިޔަވައެވެ. ފަރިތަކޮށް ކިޔަވާ ބައެއް މީހުން ކިޔަވާއަޑުއިވުމުން އެމީހާ އެކިޔަވާ އެއްޗެއް އެމީހާއަށް ވިސްނޭކަމާއިމެދު ސުވާލުއުފެދޭހައި ހަލުއި ސްޕީޑްގައިވެސް ކިޔަވައެވެ. އެހެންކަމުން ތިރީގައިވާ ލިޔުމަށް ވިސްނަވައިލެއްވެވުމަށް ދަންނަވަމެވެ.

"ޢިލްމްވެރިއަކު ހޮސްޕިޓަލުގައި އޮތް ބަލިމީހަކަށް ޒިޔާރަތް ކުރެއްވިއެވެ. އަދި އޭނާގެ މޭމަތީގައި އަތްޕުޅު ބޭއްވެވުމަށްފަހު ކީރިތި ޤްރްއާނުގެ ޢާޔަތެއް ވިދާޅުވިއެވެ. އެވަގުތު މުޅި އިމާރާތަށް ދިއައީ ލޮޅުން އަރައިގެންނެވެ."

 

މިފަދަ މުޢްޖިޒާތްތައް އަބަދު ނުފެނިދާނެއެވެ. ނަމަވެސް އަހަރެމެން މިކިޔަވަނީ ހަމަ އެ ކީރިތި ޤްރުއާނެވެ. ޤްރުއާނބް ބާވައިލެއްވުނީ ފަރުބަދައަކަށް ކަމަށްވީނަމަ އެފަރުބަދަ ބިރުން ފުނޑުފުނޑުވެ ވެއްޔަށް ވެގެން ދިއައީސްކަން އެނގެން އޮތް ކީރިތި ޤްރުއާނެވެ. އެހެންކަމުން ކީރިތި ޤްރްއާން ކިޔަވާނަމަ އެއަށް ބިރުވެތިވާން ޖެހޭނެ މިންވަރު މިއޮތީ އެނގެން ނޫން ހެއްޔެވެ؟ ކީރިތި ޤްރްއާން ކިޔަވާއިރު ހިތަށް އެފަދަ ބިރުވެރިކަމެއް ނުގެނެވޭނަމަ މި ކިޔެވެނީ ކީރިތި ޤްރްއާން ހެއްޔެވެ؟ ރަމަޟާން މަހަކީ ކީރިތި ޤްރުއާނުގެ މައްސަރު ކަމަށް ކަނޑައެޅީ އަހަރެމެންނެއް ނޫނެވެ. އެ ޤްރުއާން ބާވައި ލެއްވެވި ހރުހާ ކަމަކަށް ކުޅަދުންވަންތަ، ހުރިހާ ކަންކަން އެންމެ މޮޅަށް ދެކެ ދެނެވޮޑިގެންވާ ﷲ ތަޢާލާއެވެ.ރަމަޟާން މަހަކީ ކީރިތި ޤްރުއާނުގެ މައްސަރު ކަމަށް ވެގެން ދިއައީ ކީރިތި ޤްރްއާން ބާވައިލައްވަން ފެށްޓެވުނީ ރަމަޟާން މަހެއްގައިކަމަށްވުމުންނެވެ. މިއީ ﷲ ތަޢާލާގެ ނިންމެވުންތަކެވެ.

ކީރިތި ޤްރްއާނުގައިވާ ކޮންމެ އަކުރަކީ ވެސް ﷲ ތަޢާލާގެ ވަޙީއެވެ. އެކަން ހުރިހާ މުސްލިމުންވެސް ޤަބޫލުކުރަމުއެވެ. ރަމަޟާން މަހުގައި އަހަރެމެން ކީރިތި ޤްރްއާން ކިޔަވައި އުޅެމުއެވެ. ކިޔެވުން ގިނަ ކުރަމުއެވެ. ނަމަވެސް ސުވާލަކީ މިކިޔަވަނީ ކޮން އެއްޗެއްކަން އެނގި، އަދާކުރަން ޖެހޭ އަދަބު އިޙްތިރާމް އަދާކޮށްގެން ކިޔަވަނީ ކިތައް މީހުން ހެއްޔެވެ؟ ހަމަ ވަރަށް އާދައިގެ ސުވާލެއް ކޮށްލާނަމެވެ. ޤައުމެއްގެ ވެރިއަކު ލިޔުމެއް ލިޔެފައި އެ ލިޔުން ކިޔަން ޙަވާލުކޮށްފިނަމަ އެ ލިޔުމުގެ އެންމެ އަކުރެއް ފިއްޔަކަށް ބަދަލު ނުގެނެސް ކިޔަން މަސައްކަތްކުރަމު ނޫން ހެއްޔެވެ؟ ސުވާލަކީ ރައްބުލްޢާލަމީން 7 އުޑުގެ މަތިން ބާވައި ލެއްވެވި ކީރިތި ޤްރްއާން ކިޔަވާއިރު ސަމާލުކަން ދެވެނީ ކިހައިވަރަކަށް ހެއްޔެވެ؟

މީސްތަކުންނޭވެ! ކީރިތި ޤްރްއާން ކިޔަވަންވާނީ މިކިޔެވެނީ ކިހައި ވަރެއްގެ އެއްޗެއްކަން ހިތް މައްޗަށް ގެނައުމާއިއެކުގައެވެ. ކޮންމެ އަކުރަކަށް ވެސް ދޭންޖެހޭ ސަމާލުކަން ދީގެންނެވެ. ތަޖްވީދު މަގުން ކިޔެވުމަށް ސަމާލުކަން ދީގެންނެވެ. އަކުރު އަކުރަށް ކިޔަމުންނެވެ. ކީރިތި ޤްރްއާން ބާވައިލައްވަވާފައިވަނީ ޢަރަބިބަހުން ކަމަށްވުމުން ޢަރަބިން ކިޔަވާ ގޮތަށް ނުވަތަ ޢަރަބި ބަސް ދަންނަ މީހަކު ކިޔަވާ ގޮތަށް އެންމެންނަށް ނުކިޔެވިދާނެއެވެ. ނަމަވެސް އެމީހަކަށް ކިޔެވުނު އެންމެ ފުރިހަމައަކަށް ކިޔަވަން ޚާއްޞަ ސަމާލުކަމެއް ދޭންޖެހޭނެއެވެ.

 

މީސްތަކުންނޭވެ! އަހަރެމެން ރޯދައަށް ތިބެގެންނާއި ރޯދަ ވީއްލުމަށްފަހުގައިވެސް ކީރިތި ޤްރްއާން އެބަ ކިޔަވަމުއެވެ. އެކަމަށް ދުވާލަކު އެތައް ބައިވަރު ވަގުތުތަކެއް އެބަ ހޭދަ ކުރަމުއެވެ. ނަމަވެސް އެކަމަށް ދޭން ޖެހޭ ސަމާލުކަން ނުދީ ކިޔަވާނަމަ އެކަމުން ކުރާނީ ކޮން ފައިދާއެއް ހެއްޔެވެ؟ ވީމާ ކީރިތި ޤްރްއާން ކިޔަވްނަ ޖެހޭނީ އެކަމުގެ ފައިދާ އެމީހަކަށް ކުރާނެ ގޮތަށެވެ. ﷲ ތަޢާލާ އެކަން ޤަބޫލުކުރައްވަވާނެ ގޮތަށެވެ. ވީމާ ކީރިތި ޤްރްއާން ކިޔަވާއިރު މިބުނި ކަންކަމަށް ވަރަށް ބޮޑަށް ސަމާލުކަން ދޭން މަސައްކަތްކުރާށެވެ!

--އިމާމް ވައްހާޖް ޠަރިންގެ ދަރުސަކުން

މިއަދު އޮންލައިން