ފަހުން ބައިވެރިޔާއަށް ލޯބިދީ ހެޔޮކޮށް ހިތަން ހުއްޓައި އިންތިޒާރު ދިގުލައި ރޫޅިގެންދާ ކައިވެނިތައް މަދެއްނޫން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 28ސ
ފަހުން ބައިވެރިޔާއަށް ލޯބިދީ ހެޔޮކޮށް ހިތަން ހުއްޓައި އިންތިޒާރު ދިގުލައި ރޫޅިގެންދާ ކައިވެނިތައް މަދެއްނޫން!

ލިޔުމުގެ ތިރީގައި އެވަނީ "މުޙައްމަދު އަސްލަމް" ސޯޝަލްމީޑިއާގައި ޙިއްޞާ ކުރައްވާފައިވާ ޕޯސްޓެކެވެ. މިވާހަކަކޮޅު ކުރުނަމަވެސް މިއީ ވަރަށް ޢިބްރަތްތެރި ވާހަކަކޮޅަކަށްވާތީ މިއަދުނޫހުގެ ކިޔުންތެރިންނާއިވެސް ޙިއްޞާކޮށްލީއެވެ.

އެއްކަމެއް ފާހަގަކޮށްލާނަމެވެ. އެއީ ފަހުން ބައިވެރިޔާއަށް ލޯބިދީ ހެޔޮކޮށް ހިތަން ހުއްޓައި އިންތިޒާރު ދިގުލައި ރޫޅިގެންދާ ކައިވެނިތައް މަދުނޫންކަމެވެ. ކަންކަން ވިސްނި، ބައިވެރިޔާގެ އަގު ވަޒަންކުރެވިގެން ކަންކަން ރަނގަޅުކުރަންބަލާއިރު އޮންނަނީ ވަގުތު ފާއިތުވެފައެވެ. ވީމާ މިއީ ހަމަ ކޮންމެ މީހަކުވެސް ވިސްނައިލުން މުހިންމު ކަމެކެވެ.

ފަހުން" ދޯ؟

- ފަހުން ވާހަކަ ދައްކާލާނަން!

- ފަހުން ގުޅާލާނަން!

- ފަހުން ބައްދަލު ކޮށްލާނަން!

- ފަހުން ގޮވައިގެން ހިނގާލަން ދާނަން!

- ފަހުން އެ ވާހަކަ ކިޔައިދޭނަން!

މިހާރު އަހަރެމެންނަށް ހުރިހާ ކަމެއް ވެސް ބެހެއްޓެނީ ފަހަށެވެ. އެކަމަކު 'ފަސް' އެއީ އަހަރެމެންނާ އެކީގައި ވާ ވަގުތެއް ނޫން ކަމެއް އަހަރެމެން ހަނދާނެއް ނުހުރެއެވެ.

ފަހުން - އަހަރެމެން ލޯބިވާ ފަރާތްތައް އަހަރެމެންނާ އެކީގައި ނުވާނެއެވެ.

ފަހުން - އަހަރެމެން ކިތަންމެ ބަލަން ބޭނުންވިޔަސް، އެމީހުންގެ ސޫރަ އަހަރެމެންނަށް ފެންނާކަށެއް ނުހުންނާނެއެވެ.

ފަހުން - އަހަރެމެން އަޑު އަހަން ބޭނުންވިޔަސް އެމީހުންގެ އަޑެއް ނީވޭނެއެވެ.

ފަހުން - އެމީހުން ވާނީ ހަމައެކަނި އަހަރެމެންގެ ހަނދާން ތަކަކަށެވެ.

ފަހުން - ދުވާލުގެ އަލިކަން ފަނޑުވެ ރޭގަނޑުގެ ކަނު އަނދިރި ކަމަށް ބަދަލުވެއެވެ.

ފަހުން - އަހަރެމެންގެ އާރާއި ބާރު ނެތި ހިނގައިދެއެވެ.

ފަހުން - އަހަރެމެންގެ ހިނިތުންވުން މިލައި މޯޅިވެދެއެވެ.

ފަހުން - ހަށިގަނޑާއި ފުރާނަ ވަކިވެ ކަށްވަޅުގެ ފަސްގަނޑު ދަށުވެދެއެވެ.

"ފަހުން" - މާ "ފަސް" ވެއްޖެއެވެ. ވަގުތު ފާއިތުވެއްޖެއެވެ.

~ ތަރުޖަމާ ~

--މުޙައްމަދު އަސްލަމް

މިއަދު އޮންލައިން